
ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެ، 976 މިލިއަނަށް!

އާމިނަތު ޝަޒްލާ - 15 އޯގަސްޓު 2026 - 13:01
މި އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެ، 976 މިލިއަން ޑޮލަރަށް އަރައިފި ކަމަށް މޯލްޑިވްސް އިނލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހު ލިބުނު 898 މިލިއަން ޑޮލަރާ އަޅާބަލާއިރު، މިއީ 8.73 އިންސައްތައިގެ ކުރިއެރުމެކެވެ. މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓެކްސް އާމްދަނީގެ ގޮތުގައި ޖުމްލަ 18.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 6.77 ބިލިއަން ރުފިޔާ އަދި 756 މިލިއަން ޑޮލަރެވެ.
ޑޮލަރުން ލިބުނު އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) އެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި އެކަނިވެސް 486 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 4.32 ބިލިއަން ރުފިޔާގެ ތެރޭގައި ޑޮލަރުން ލިބުނު 220 މިލިއަން ޑޮލަރު ހިމެނެއެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ (އޭޑީއެފް) ގެ ގޮތުގައެވެ. އޭޑީއެފްގެ ގޮތުގައި 78.9 މިލިއަން ޑޮލަރު ދައުލަތަށް ވަނީ ލިބިފައެވެ.
މީރާގެ ހިސާބުތަކުން ދައްކާ ގޮތުގައި ޓެކްސް އާއި ޓެކްސް ނޫން އާމްދަނީގެ ޖުމްލަ އަދަދު މިދިޔަ މަހުގެ ނިޔަލަށް ވަނީ 22.7 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 20.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
ދައުލަތަށް ޑޮލަރުން ލިބޭ އާމްދަނީ އިތުރުވަމުންދާއިރު، ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ރަސްމީކޮށް މަރުކަޒީ ބެންކް (އެމްއެމްއޭ) އިން ޑޮލަރުގެ ރޭޓަކީ 15.42 ރުފިޔާ ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ހުރީ 22 ރުފިޔާއަށް ވުރެ މަތީގައެވެ.
މި ސަރުކާރުން އަންނަނީ އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކެއް އަޅައި، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޓްރެވަލް އެވޯޑްސްގެ އެނާޖީ ޕާޓްނަރަކަށް އެސްޓީއޯ ހަމަޖައްސައިފި
2 ގަޑިއިރު ކުރިން

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސް، ތަޢުޒިޔާ ވިދާޅުވެއްޖެ
3 ގަޑިއިރު ކުރިން

އުތީމަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގަންނަވައިފި
16 ގަޑިއިރު ކުރިން

ކުރިމަގުގަ ރާއްޖެ ހަމަ މަގަށް ގެންދިއުމުގެ ހުރިހާ ވެސް ބާރެއް އޮތީ ދަރިވަރުންގެ އަތްމަތީގަ: ރައީސް
20 ގަޑިއިރު ކުރިން


