logo

ކުރިމަގުގަ ރާއްޖެ ހަމަ މަގަށް ގެންދިއުމުގެ ހުރިހާ ވެސް ބާރެއް އޮތީ ދަރިވަރުންގެ އަތްމަތީގަ: ރައީސް

profile

އާމިނަތު ޝަޒްލާ - 15 އޯގަސްޓު 2026 - 13:00

ކުރިމަގުގައި ރާއްޖެ ހަމަ މަގަށް ގެންދިއުމުގެ ހުރިހާވެސް ބާރެއް އޮތީ ދަރިވަރުންގެ އަތްމަތީގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ހއ. އުތީމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން، މިއަދު މެންދުރުފަހު އުތީމުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ ސިޔާސަތަކީ ޒުވާނުންނާއި އެންމެހާ ފަރާތްތަކުގެ އަޑުއަހައިގެން ކަންކަން ރަނގަޅަށް ގެންދިއުން ކަމަށާއި ޒުވާން ކުދިންނާއި ސްކޫލް ދަރިވަރުންގެ ޚިޔާލުތަކަކީ ވަރަށްވެސް އަގުހުރި އެއްޗެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދަރިވަރުންގެ ފަރާތުން ލިބިގެންދިޔަ ޚިޔާލުތަކާއި ފާޅުކުރި ޝުޢޫރުތަކަކީ އެމަނިކުފާނު ވަރަށް ސީރިއަސްކޮށް ނަންގަވާނެ ކަންކަން ކަމަށާއި އުންމީދަކީ މިކަހަލަ ގިނަ ފުރުސަތުތައް ލިބިގެންދިއުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދަރިވަރުން ވަނީ އެކުދިންނަށް ސްކޫލްގައި ކުޅޭނެ ޖާގައެއް ނެތުމުގެ ސަބަބުން ޔުނީފޯމާއެކު މިހާރު ކުޅެން ނިކުންނަން ޖެހެނީ ބޭރަށް ހިރަފުހަށްކަމަށާއި އެކަން ޙައްލުކޮށްދެއްވައި، އެކުދިން ކުޅޭ ސަރަހައްދުގައި ޓަރފް އަޅުއްވައިދެއްވުމަށް އެދިފައެވެ. އަދި މިކަމަށްޓަކައި ރަށު ކައުންސިލުން ޓަރފް އެޅޭނެ ވަރުގެ ބިމެއް ހަމަޖައްސަވައިދެއްވާފައިވާކަން އެކުދިން ފާހަގަކުރިއެވެ. މީގެއިތުރުން ދިވެހި ވަޠަނީ ޚިދުމަތުގެ ޙަރަކާތުން އިތުރު ފުރުސަތުތައް ފަހިކޮށްދެއްވުމަށާއި ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް ނެތުމުގެ ސަބަބުން އިންޑޯ ހަރަކާތްތައް ނުބޭއްވޭކަމުގެ ކަންބޮޑުވުންތައް އެކުދިން ހިއްސާކުރިއެވެ. މި ބައްދަލުކުރެއްވުމުގައި ދަރިވަރުން ވަނީ ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން އުތީމު ސްކޫލް އޭސީ ކުރެވުމުން ދަރިވަރުންނަށް އޭގެ ފަސޭހަ ލިބެމުންދާކަން ހާމަކޮށް، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ޝުކުރުއަދާކޮށްފައެވެ.

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ކާމިޔާބީ ފާހަގަކުރައްވާ، ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ޒުވާން ކުދިންނަށް ހުޅުވާލެއްވި ޕްރޮގްރާމެއް ކަމަށާއި އަދި އެއީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ޕްރޮގްރާމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިވަގުތު ޖާގަ އޮތް މިންވަރުން ތަމްރީނު ކުރެވެނީ ގާތްގަނޑަކަށް އަހަރަކު 1000 ކުދިން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމަށް ހުޅުވާލާ ކޮންމެ ފަހަރަކުވެސް ބޭނުންވާ ވަރަށްވުރެ ދެގުނަ އިތުރަށް، ކުރިމަތިލާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ، އުތީމުގައި ކިޔަވާ ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް ހެދުމަށް މިވަގުތު ބަޖެޓު ކުރެވިފައިނުވި ނަމަވެސް އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

https://wamco.com.mv/
tel:+9607331319