
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާ މަޖީދީމަގުން ފަށައިފި، ކުރިއަށްދާން ފުލުހުން ހުރަސްއަޅަނީ

އާމިނަތު ޝަޒްލާ - 13 އޯގަސްޓު 2026 - 17:09
އެމްޑީޕީން "ދަތިވެއްޖެ" ނަމުގައި މިރޭ މާލޭގައި ބާއްވާ ބޮޑު މުޒާހަރާ މަޖީދީމަގުން ފަށައިފިއެވެ. ނަމަވެސް، މުޒާހަރާގެ ބައިވެރިންނަށް ކުރިއަށް ދިޔުމުގެ ފުރުސަތު ނުދީ، ފުލުހުން ވަނީ ބެރިކޭޑު ޖަހައި އެ ސަރަހައްދު ބަންދުކޮށްފައެވެ.
އަސްލުޓީވީން ލައިވްކޮށް ގެނެސްދެމުންދާ މި މުޒާހަރާ ކުރިއަށް ގެންދަން އެމްޑީޕީން ރާވާފައިވަނީ މަޖީދީމަގުން ހިނގާލުމެއްގެ ގޮތުގައެވެ. މިރޭ 8:30 ގައި ފެށުމަށް ތާވަލުކުރި މި ހަރަކާތް އަމަލީ ގޮތުން ފެށިފައިވަނީ 8:55 ހާއިރުއެވެ. މި ހިނގާލުން ރަސްފަންނު ސަރަހައްދުން ފަށައިގެން މަޖީދީމަގުން ކުރިއަށް ގެންދަން އެ ޕާޓީން އަމާޒު ހިފާފައިވީ ނަމަވެސް، ފުލުހުން ވަނީ އެ މަގުގައި މުޒާހަރާ ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް ކުރިންވެސް ބުނެފައެވެ.
މަޖީދީމަގުން މުޒާހަރާ ކުރިއަށް ގެންދަން ފުރުސަތު ނުދެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވެއެވެ. މިނިސްޓަރު ވިދާޅުވީ، އެމްޑީޕީން މުޒާހަރާ ކުރަން ހުށަހަޅާފައިވާ ގަޑިއަކީ މަޖީދީމަގުގެ ޓްރެފިކް ބާރުބޮޑު ގަޑިއަކަށް ވާތީ، އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކޮށް އެ ފުރުސަތު ނުދެވޭނެ ކަމަށެވެ.
"ދަތިވެއްޖެ" ނަމުގައި އެމްޑީޕީން މި މުޒާހަރާ ބާއްވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރުމަށެވެ. އޭގެ ތެރޭގައި ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ދިޔުމާއި، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުމުގެ އިތުރުން، އާންމު އާއިލާތަކަށް ދިރިއުޅުމުގައި ކުރިމަތިވަމުންދާ މާލީ ދަތިތަކާ ގުޅޭގޮތުން ސަރުކާރަށް އަޑުއިއްވުން ހިމެނެއެވެ.
މި ވަގުތުވެސް މަޖީދީމަގުގެ އެކި ސަރަހައްދުތަކުގައި ފުލުހުން ދަނީ ސަފުތައް ރުކުރުވާލައި، މުޒާހަރާގެ ބައިވެރިން ކުރިއަށް ދިޔަ ނުދީ ހިފަހައްޓަމުންނެވެ. މުޒާހަރާގެ ބައިވެރިން ދަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި، ޝުއޫރުތައް ފާޅުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ތުރުކީން އޮތީ ސާބިތުކަމާއެކު: އުރުދުޣާން
4 ގަޑިއިރު ކުރިން

މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި 0.7 އިންސައްތައަށް ދަށްވާނެ ކަމަށް އަންދާޒާކޮށްފި
5 ގަޑިއިރު ކުރިން

މިއުޅެނީކީ ޓިކްޓޮކް ކުޅޭކަށެއްނޫން! ޑޮލަރުގެ އަގު 17 އަށް ތިރިކުރަން: ރައީސް ނަޝީދު
7 ގަޑިއިރު ކުރިން

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އުތީމުގައި: ޤައުމީ އިނާމުތައް ރައީސް މިރޭ ދެއްވަނީ
7 ގަޑިއިރު ކުރިން


