logo

މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި 0.7 އިންސައްތައަށް ދަށްވާނެ ކަމަށް އަންދާޒާކޮށްފި

profile

އާމިނަތު ޝަޒްލާ - 13 އޯގަސްޓު 2026 - 13:22

ވޯލްޑް ބޭންކުން މިއަހަރުގެ ޖޫން މަހުގައި ޝާއިއުކުރި "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދަށް ވަނީ 6.3 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ. މި ކުރިއެރުން މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް އައި ހެޔޮ ބަދަލުތަކާއި މަސްވެރިކަމުގެ ދާއިރާ އަލުން އާރޯވާން ފެށުމުގެ މައްޗަށެވެ.

https://wamco.com.mv/

ނަމަވެސް، 2026 ވަނަ އަހަރަށް ލަފާކުރާ އިގްތިސާދީ މަންޒަރު ފެންނަނީ ނިސްބަތުން ބަލިކަށިކޮށެވެ. ވޯލްޑް ބޭންކުގެ އަންދާޒާއަކީ، ފަތުރުވެރިކަމުގެ ހަރަކާތްތައް މަޑުޖެހުމާއި ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ ސަބަބުން، އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީ.ޑީ.ޕީ) އިތުރުވާ މިންވަރު 0.7 އިންސައްތައަށް ދަށްވާނެ ކަމެވެ.

ރާއްޖޭގެ އިގްތިސާދީ މައިބަދައަކީ ފަތުރުވެރިކަމެވެ. މިއީ ބޭރު ފައިސާގެ އާމްދަނީ ހޯދުމަށާއި، ގިނަ އަދަދެއްގެ ވަޒީފާ އުފެއްދުމުގެ އިތުރުން، ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ފެށިގެން ދަތުރުފަތުރާއި ކާބޯތަކެތީގެ ހިދުމަތް ދޭ ފަރާތްތަކާ ހަމައަށް އޮންނަ ބޭނުން ނުވަތަ ޑިމާންޑް ދަމަހައްޓައިދޭ މައިގަނޑު ވަސީލަތެވެ.

އެހެންނަމަވެސް، ވޯލްޑް ބޭންކުން ފާހަގަކުރާ ގޮތުގައި މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވުމާއި، އެމީހުން ރާއްޖޭގައި މަޑުކުރާ މުއްދަތު ކުރުވުމުގެ ސަބަބުން މި ސިނާއަތުން ލިބޭ އާމްދަނީ ދަށްވާނެ ކަމަށް ބެލެވެއެވެ. މީގެ ސަބަބުން ފަތުރުވެރިކަމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބަރޯސާވާ ވިޔަފާރިތަކަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އެބައޮތެވެ.

މީގެ އިތުރުން، ގައުމުގެ މާލީ ހާލަތަކީވެސް މިވަގުތު އޮތް ބޮޑު ކަންބޮޑުވުމެކެވެ. ދައުލަތުގެ ދަރަނި މަތިވަމުން ދިއުމާއި، ބޭރުގެ މާލީ އިދާރާތަކުން ފައިސާ ހޯދުމުގައި ހުރި ދަތިތަކަކީ ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކެވެ. ދައުލަތުގެ މާލީ ހާލަތާއި ބޭރު ފައިސާގެ ރިޒާވްގެ ނާޒުކުކަމަށް ރިއާޔަތްކޮށް، އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް އެޅުމާއި ސަރުކާރުގެ ހަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް މިހާރު ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ރަސްމީ ރިޒާވް 1.3 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވެއެވެ. މިއީ ގާތްގަނޑަކަށް 2.6 މަސްދުވަހުގެ އިމްޕޯޓަށް ފުދޭނެ މިންވަރެކެވެ. ނަމަވެސް، ސުކޫކް އަދި ކަރަންސީ ސްވޮޕް ފަދަ މާލީ އިލްތިޒާމުތައް އަދާކުރުމާ ގުޅިގެން، އޭޕްރީލް މަހު ރިޒާވް ވަނީ 717.9 މިލިއަން ޑޮލަރަށް ދަށްވެފައެވެ. މިއީ އެންމެ 1.4 މަސްދުވަހުގެ އިމްޕޯޓަށް ފުދޭނެ މިންވަރެކެވެ.

މި އިގްތިސާދީ ނުތަނަވަސްކަމުގެ ސަބަބުން އާންމު ދިވެހި އާއިލާތަކުގެ ދިރިއުޅުމުގެ ޚަރަދުތަކަށް ބޮޑެތި އަސަރުތަކެއް ކުރާނެކަމަށް ބެލެވެއެވެ. ރާއްޖެއަކީ ކާބޯތަކެއްޗާއި، ތެލާއި، އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ފަދަ ޒަރޫރީ މުދަލަށް ބޭރު ގައުމުތަކަށް ބަރޯސާވާ ގައުމަކަށް ވުމާއެކު، ބޭރު ފައިސާގެ ތާށިކަމާއި ބައިނަލްއަގުވާމީ ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމުގެ ފުރުސަތު ބޮޑެވެ.

ވޯލްޑް ބޭންކުގެ އަންދާޒާގައިވާ ގޮތުން، މި އަހަރު އިންފްލޭޝަން މަތިވުމުގެ ސަބަބުން ގޭބިސީތަކުގެ ބަޖެޓަށް އިތުރު ބުރައެއް ކުރިމަތިވާނެއެވެ. ޚާއްސަކޮށް ބޯހިޔާވަހިކަމާއި، ކާބޯތަކެއްޗާއި ދަތުރުފަތުރުގެ ޚަރަދުތައް ކުރިންވެސް ބޮޑުވެފައިވާ އާއިލާތަކަށް، މިކަމުގެ ސަބަބުން ގިނަގުނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.

މީގެ އިތުރުން، ދައުލަތުގެ ޚަރަދުތައް މެނޭޖްކުރުމުގައި ސަރުކާރަށް ވެސް ވަނީ ދަތި ނިންމުންތަކެއް ނިންމަން މަޖުބޫރުވެފައެވެ. އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން އިގްތިސާދީ ދާއިރާއަށް ކުރިއެރުންތަކެއް ލިބުނު ނަމަވެސް، މި މަޝްރޫއުތަކުގެ ސަބަބުން ދައުލަތުގެ ދަރަނި ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެހެންކަމުން، ގައުމުގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރަމުން ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަކީ ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

މި އަހަރަށް ލަފާކުރެވޭ އިޤްތިޞާދީ ހާލަތު އުނދަގޫ ނަމަވެސް، މި ހީނަރުކަން މެދުނުކެނޑި އެގޮތުގައި ދެމިއޮންނާނެ ކަމަށް ވޯލްޑް ބޭންކުން ލަފައެއް ނުކުރެއެވެ.

ވޯލްޑް ބޭންކުގެ އަންދާޒާތަކުން ދައްކާ ގޮތުގައި، 2027 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު ބާރުމިނެއްގައި ކުރިއަރައި، ކުރިއެރުން 6.7 އިންސައްތައަށް އަރާނެއެވެ. އަދި އޭގެ ފަހުން 2028 ވަނަ އަހަރު މި ކުރިއެރުން ވަކި މިންވަރެއްގައި ހިފެހެއްޓޭނެ ކަމަށް ބެލެވެއެވެ.

އިޤްތިޞާދު އަލުން އިއާދަވުން ބިނާވެފައިވަނީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި، ސަރުކާރުން ގެންނަ އިޞްލާޙީ ބަދަލުތަކާއި، ބޭރު ފައިސާގެ މާކެޓަށް އަންނަ ހަމަޖެހުމުގެ އިތުރުން ދަރަނި އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރުގެ މައްޗަށެވެ.

ރާއްޖޭގެ އިޤްތިޞާދަށް ފަތުރުވެރިކަމަކީ އަދިވެސް އެންމެ މުހިންމު ދާއިރާއެވެ. ފަތުރުވެރިންގެ އިތުބާރު ދެމެހެއްޓުމާއި، މާކެޓުތައް ފުޅާކުރުމާއި، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުކުރުމަށް ބާރުއެޅުމަކީ ބޭރު ފައިސާގެ އާމްދަނީ އިތުރުވެ، އިޤްތިޞާދީ ޙަރަކާތްތައް ވަރުގަދަވުމަށް މަގުފަހިވާނެ ކަންކަމެވެ.

ހަމައެއާއެކު، ދައުލަތުގެ މާލީ ނާޒުކުކަން ކުޑަކުރުމާއި، މާލީ އިދާރީ ހިންގުން ހަރުދަނާކުރުމުގެ އިތުރުން ދެމެހެއްޓެނިވި އިޤްތިޞާދީ ބިންގަލެއް އެޅުމުގެ މުހިންމުކަން އިޤްތިޞާދީ މާހިރުންނާއި ބައިނަލްއަޤްވާމީ އިދާރާތަކުން ފާހަގަކުރެއެވެ.

އެހެންކަމުން، ވޯލްޑް ބޭންކުގެ އެންމެ ފަހުގެ އަންދާޒާތަކުން ދައްކަނީ ރާއްޖޭގެ އިޤްތިޞާދުގައި ގޮންޖެހުންތަކާއި އުއްމީދުތައް އެކުލެވިގެންވާ މަންޒަރެކެވެ.

2025 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އައި ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި މަޑުޖެހުމާއި މާލީ ދަތިތަކުގެ ސަބަބުން، މި އަހަރު އިގްތިސާދީ ދުވެލި ބޮޑުތަނުން މަޑުޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

ގައުމުގެ ތަރައްގީއާއި ރައްޔިތުންގެ މުޖުތަމައީ ފުދުންތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި، އިގްތިސާދީ ހަމަޖެހުން ގާއިމުކޮށް ދެމެހެއްޓުމަކީ މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

މި އަހަރުގެ އިގްތިސާދީ ހާލަތު ތަފާތު ގޮންޖެހުންތަކަކާއެކު އޮތް ނަމަވެސް، ދައުލަތުގެ މާލީ ދަތިތަކާއި، ދަރަންޏާއި، ބޭރު ފައިސާގެ ރިޒާވަށް ކުރިމަތިވެފައިވާ ހުރަސްތަކުން އަރައިގަނެވިއްޖެނަމަ، 2027 ވަނަ އަހަރު އިގްތިސާދީ ދުވެލި އަލުން އިއާދަވެ ކުރިއަރާނެ ކަމުގެ ފުރުސަތު ބޮޑެވެ.

https://wamco.com.mv/
tel:+9607331319