logo

ދިވެހިންގެ ކަނޑުފަޅާއި ބިން އެހެން ބަޔަކަށް ވެދުމެއް ނުކުރެވޭނެ - ޔާމީން

profile

އަހުމަދު ޒަލީފު - 26 އޭޕްރީލު 2023 - 15:44

ޖޭޕީގެ ޒުވާނުންގެ ލީގުގެ ރައީސް ޔާމީން

ޖޭޕީގެ ޒުވާނުންގެ ލީގުގެ ރައީސް ޔާމީން

ދިވެހިންގެ ކަނޑުފަޅާއި ބިމުގެ ހައްޤުގައި ސަރުކާރުގެ ސިޔާސަތު ދިވެހިންނަށް ފަހިވާ ގޮތަށް ބަދަލުކުރަން ޖެހޭ ކަމަށާއި، ބިން ވެދުން ކުރުމަކީ އެއްވެސް ވެރިއަކަށް އޮތް ފުރުޞަތެއް ނޫން ކަމަށް، ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ލީގުގެ ރައީސް ޢަބްދުالله ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ.

ޗާގޮސް މައްސަލައިގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ދިވެހި ދަޢުލަތާއި، ދިވެހި ފަސްގަނޑަށްވާ އެންމެ ބޮޑު ހިޔާނާތް - ޔާމީން ވިދާޅުވިއެވެ.

ޗާގޮސް މައްސަލައިގައި ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްއިރު، ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ކަމަށް ބުނާ ސިޓީއެއް ސޯޝަލް މީޑިޔާގައި އެބަ ދަޢުރުވެއެވެ. މިހާރު އިޓްލޮސްގައި ކުރިއަށްދާ ރާއްޖެ-މޮރިޝަންސް މައްސަލައިގެ އަޑުއެހުންތަކުގެ ތެރެއިން، މޮރިޝަސް ސަރުކާރުން، ރައީސް ސޯލިހު ފޮނުވި ކަމަށް ބުނާ ސިޓީއެއް ހެކީގެ ގޮތުގައި ހުށަހަޅާފައިވާއިރު، މި ސިޓީގައި ބަޔާންކޮށްފައިވާ ކަންކަން މި މައްސަލައިގެ އަޑުއެހުމުގައި މޮރީޝަސްގެ ފަރާތުން ވަނީ ކޯޓުގައި ހާމަކޮށްފައެވެ. މި ސިޓީގައި ބަޔާންކޮށްފައިވާގޮތުން، ދިވެހިރާއްޖެއިން ޗާގޮސް މައްސަލައިގައި ގެންގުޅޭ ސިޔާސަތު ބަދަލުވިކަން ވަނީ ބަޔާންކޮށްފައެވެ.

ހަމައެހެންނެ، ރާއްޖެ މެދުވެރިކޮށް ޗާގޮސްއަށް ދިއުމުގެ ހުރިހާ އިންތިޒާމު ތަކެއްވެސް ކުރިއަށް އޮތް ތަނުގައި ހަމަޖައްސައިދެއްވާނެ ކަމަށް އެ ސިޓީގައި ވަނީ ފާހަގަ ކޮށްފައެވެ.

ޗާގޮސްގެ މައްސަލައިިގައި އަންނަ ހުކުރު ދުވަހު ޙުކުމް ކުރުން ތާވާލްކޮށްފައިވާއިރު، މި މައްސަލަ ނިމިގެންދާނީ ދިވެހިރާއްޖެއާ ދެކޮޅަށް ކަމަށް ޤާނޫނީ ގިނަ ބޭފުޅުން ދެކެއެވެ. މި ކަމުގައި ދިވެހި ރައްޔިތުންގެ މަސްލަޙަތު ޙިމާޔަތްނުކޮށް، ރައްޔިތުންނާ ދެކޮޅަށް ސަރުކާރުން ގެންގުޅުނު ސިޔާސަތު ތަކަކީ، ފިއްކަނޑައިގެން ދާވަރަށް އަޖައިބު ކުރުވަނިވި ގޮތަކަށް ގެންގުޅުނު ސިޔާސަތުތަކެއްކަމަށް މި ކަމުގައި ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ގިނަ ބަޔަކު ޤަބޫލުކުރެއެވެ.



tel:+9607331319