logo

"މިއަދު ރައްޔިތުން ބޭނުންވަނީ ސީދާ ރައްޔިތުންގެ އަތުގާ ހިފާނެ ވެރިއެއް"

profile

އަހުމަދު ޒަލީފު - 11 ސެޕްޓެމްބަރު 2023 - 16:45

ޔާމީން، ޖޭޕީގެ ލީޑަރ ޤާސިމާއެކު

ޔާމީން، ޖޭޕީގެ ލީޑަރ ޤާސިމާއެކު

މިއަދު ރައްޔިތުން ބޭނުންވަނީ ސީދާ ރައްޔިތުންގެ އަތުގާ ހިފާނެ އަދި އިންސާފާއި ހަމަހަމަކަމަށް ލޯބިކުރާނެ ވެރިއެއް ކަމަށް، ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ލީގުގެ ރައީސް، ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުالله ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރާނެ ކެނޑިޑޭޓެއް ނިންމުމުގެ މަޝްވަރާތައް ޖުމްހޫރީ ޕާޓީން ފަށާފައިވާއިރު، ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަށް ލިބިފައި ވަނީ 5،460 ވޯޓާއި އެކު 2.4 އިންސައްތަ އެވެ.

އިންތިހާބުގައި ވާދަ ކުރި އަމިއްލަ ކެންޑިޑޭޓު، އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ވުރެ ވެސް މަދު ވޯޓާއި އެކު ގާސިމަށް ލިބިފައި ވަނީ ފަސްވަނަ އެވެ.

ކެމްޕެއިނުގައި ޖޭޕީން އެންމެ ގިނައިން ދައްކަމުން ދިޔަ އެއް ވާހަކައަކީ، އެ ޕާޓީއަކީ އެހެން ކެންޑިޑޭޓުންނަށް ވެރިކަން ހޯދައިދިން އަބަދުވެސް ތިންވަނައަށް ދާ ޕާޓީ ކަމަށެވެ. އަދި ދެވަނައަށް ދާ ކެންޑިޑޭޓާއި ދެމެދު ހުންނަނީ ކުޑަ ފަރަގެއްކަމަށް ބުނެފައި ވެއެވެ.

ނަތީޖާތަކަށް ފަހު އެއް ދުވަސް ފަހުން، މިއަދު ޖޭޕީން އާންމު ކުރި ކުރު ބަޔާނެއްގައި ބުނީ ގާސިމަށް ތާއީދުކޮށް ވޯޓު ދިން ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ދެވަނަ ބުރަށް ދިޔަ ކެންޑިޑޭޓުންނަށް މަރުހަބާ ކިޔައި ޖޭޕީން ބުނީ ކޮންމެ ނަތީޖާއެއް ލިބުނު ނަމަވެސ އެ ޕާޓީ އަބަދުވެސް ދެމި އޮންނާނީ ގައުމުގެ އިސްލާހަށާއި، ރައްޔިތުންގެ ކުރިމަގާއި ފާގަތިކަމަށް އަބަދުވެސް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި ގައުމުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން، އަދި ގައުމުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ނިމިގެންދިޔަ އިންތިޚާބުގައި ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް ޤައުމުގެ އިޞްލާހަށާއި، ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް މި ޕާޓީން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމަށާއި، ޤައުމުގެ ހަމަޖެހުމާއި ސަލާމަތާއި، އިޤްތިޞާދީ ދުޅަހެޔޮކަމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި މި ޕާޓީ ދެމިއޮންނާނޭ ކަމުގައި ދަންނަވަމެވެ.

އެހެންކަމުން މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީން ނިންމާނެ ގޮތެއް ކައުންސިލް މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު އިއުލާނު ކުރާނެކަމަށް އެ ބަޔާނުގައި ވެއެވެ.

tel:+9607331319