logo

ރައީސް އަޒުލުކުރުމުގެ އިސްލާހަކީ ރައްޔިތުންގެ ގެނައި ވެރިކަމަށް ބިރު ދެއްކުމަށް ގެނައި އިސްލާހެއް - ޔާމީން

profile

އަހުމަދު ޒަލީފު - 16 ޑިސެމްބަރު 2023 - 14:44

ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމީން

ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމީން

ރައީސް އަޒުލުކުރުމުގެ އިސްލާހަކީ ރައްޔިތުންގެ ގެނައި ވެރިކަމަށް ބިރު ދެއްކުމަށް ގެނައި އިސްލާހެއް ކަމަށް ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމިން ރަޝީދު ވިދާޅުވެއްޖެއެވެ.

ޔާމިން މިހެން ވިދާޅުވީ އެކްސްގައި އެނާ ކުރެއްވި ޕޯސްޓެއްގައެވެ.

ޔާމިން ވިދާޅުވެފައިވަނީ ރައީސް އާއި ނައިބު ރައީސް އަޒުލުކުރުމުގެ އުސޫލަށް ގެނައި އިސްލާހަކީ، ޤާނޫނު އަސާސީ އާއި ބީރަށްޓެހި، އުސޫލީ ހަމަތަކަށް ގޮންޖަހާ، ރައްޔިތުން ގެނައި ވެރިކަމަށް ބިރުދެއްކުމަށް ހިންގާ އަމަލެއް ކަމަށެވެ.

“މަޖިލީހުގެ ތަޅުމުން އެގޮތަށް ނިއްމައިފިނަމަ، ޤައުމުގެ ސިޔާސީ ހަމަޖެހުން ގެއްލިގެންދާނެ” ޔާމިން ވިދާޅުވެފައިވެއެވެ.

ޔާމިން މިހެން ވިދާޅުވެފައިމިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިބި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ މެމްބަރުންގެ އަޣްލަބިއްޔަތުން އިންތިޚާބީ ރައީސާއި ނައިބު ރައީސް އަޒުލް ކުރެވޭނެ ފަދަ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ބަދަލު ކުރުމަށް ކޮމިޓީ އިން ނިންމުމާއި ގުޅިގެނެެވެ.

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން އިސްލާހު ހުށަހެޅީ، މަޖިލީހުގެ ބައެއް މެންބަރުން އިސްތިއުފާ ދެއްވާފައިވާތީ މަޖިލީހުގެ ޖުމްލަ އަދަދު ކަނޑައަޅާނެ ގޮތް ބަދަލުކުރުމަށެވެ. އެގޮތުން މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވައިރު، މަޖިލީހުގެ ޖުމްލަ އަދަދަކީ 87 މެންބަރުންގެ ގޮތުގައި ބެލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ ވިދާޅުވެފައެވެ.

އެ ހަތް މެންބަރުން އިސްތިއުފާދެއްވުމުން މިހާރު ތިބި މެންބަރުންގެ އަދަދަކީ 80 އެވެ.

އަދި މަޖިލީހުގެ ޖުމްލަ މެންބަރުންނަކީ އެވަގުތު މަޖިލީހުގައި ދެމި ތިބި މެންބަރުން ކަމަށް ކަނޑައަޅައިދިނުމަށް އެދި އޭނާ ވަނީ އާންމު ކޮމިޓީއަށް އިސްލާހެއް ހުށަހަޅުއްވައިފައެވެ.

މިގޮތަށް ފާސްވެއްޖެނަމަަ ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެ ވޭނީ 54 މެންބަރުންގެ ވޯޓާއެކީގައެވެ. އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގައި މިވަގުތު ތިބީ 56 މެންބަރުންނެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދުގައި ހިމަނާފައިވާ މާއްދާއަށް ބައެއް އިސްލާހުތަކެއް އިޖުތިމާއީ ކޮމިޓީން ފާސްކޮށްފައިވެއެވެ. އެގޮތުން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވައި ކޮމިޓީން ފާސްކުރީ 19 ވަނަ މަޖިލީހުގެ ގަވައިދުގެ 202 ވަނަ މާއްދާ އާއި 203 ވަނަ މާއްދާއަށް ބައެއް ބަދަލުތައް ގެނައުމަށެވެ.

tel:+9607331319