
ބައްސާމު އިތުރު 23 އަހަރަށް ޖަލަަށް ލާން ހުކުމްކޮށްފި

އައިޝަތު އިނާޝާ - 06 ޖެނުއަރީ 2026 - 13:38
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ޚިޔާނާތްތެރިވެ، މިހާރުވެސް ނުވަ އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދާ، އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދެ ދަޢުވާއެއް ސާބިތުވެ، އިތުރު 23 އަހަރަށް ޖަލަށް ލުމާއެކު 44 މިލިޔަން ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފިއެވެ.
ބައްސާމް 23 އަހަރަށް ޖަލަށްލާން ޙުކުމް ކޮށްފައިވަނީ، ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު ނުވަތަ 18 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ބައްސާމް ޚިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައެވެ.
މި މައްސަލައިގައި ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 44,715,000 ރުފިޔާއިން އިން ޖޫރިމަނާކޮށްފައިވެއެވެ. އަދި ޚިޔާނާތުގެ ކުށް ސާބިތުވެ މި ކުށުގެ ސަބަބުން އެފްއޭއެމް އަށް 1,200,000 ޔޫއެސް ޑޮލަރުގެ ގެއްލުންވެފައިވާތީ އެ ފައިސާ އޭނާގެ މައްޗަށް ސާބިތު ދަރަންޏެއްކަމަށް ކަނޑައަޅައި، މިއަދުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި މި ފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށްވެސް ވަނީ ޙުކުމް ކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ ޝަރިއަތުން ކަނޑައަޅާފައިވާ ގޮތުގައި ކޮވިޑް-19 ރިލީފް ލޯނުގެ ގޮތުގައި ލިބުނު ފައިސާ، ބައްސާމް ބޭނުން ކޮށްފައިވަނީ އަމިން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަތުމަށެވެ. އެކަން ކޮށްފައިވަނީ ދައުވާގައިވާ ގޮތުން ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ފައިސާ ނެރުމަށްފަހު އެފައިސާ އެޕާޓްމެންޓް ގަތުމަށް އަމިންއަށް ޖަމާކޮށްގެންނެވެ.
ބައްސާމްގެ މައްޗަށް ޖުމްލަ 23 އަހަރުގެ ހުކުމް އައީ، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 15 އަހަރުގެ ހުކުމަކާއި، ޚިޔާނާތުގެ ކުށަށް އަށް އަހަރު އައުމުންނެވެ.
މި މައްސަލައާ ގުޅިގެން އެފްއޭއެމްގެ ކުރީގެ އިސްވެރިންތަކަކާއި އަމިން ކޮންސްޓްރަކްޝަން ކުންފުންޏަށް ވެސް ދައުލަތުން ދައުވާ ކުރެއެވެ. ނަމަވެސް އެ މައްސަލަތަކުގައި ހިމެނޭ އަމިން ކޮންސްޓްރަކްޝަނާ ދެކޮޅަށް ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ނޭޝަނަލް ފާރިޓިލިޓީ ސެންޓަރުގައި އައިވީއެފް ހަދައި ކުއްޖަކު އުފަންވެއްޖެ
3 ގަޑިއިރު ކުރިން
.webp&w=3840&q=75)
އުކުޅަހުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އެކުލަވައިލުވުމުގެ މަސައްކަތް ފަށައިފި
6 ގަޑިއިރު ކުރިން

މިހާތަނަށް ރާއްޖެއަށް 40 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި: ޓޫރިޒަމް މިނިސްޓްރީ
8 ގަޑިއިރު ކުރިން

ވައި ނުސާފުވާތީ ސަމާލުވާން އަންގައިފި
10 ގަޑިއިރު ކުރިން


