
ވައި ނުސާފުވާތީ ސަމާލުވާން އަންގައިފި

މުޙައްމަދު ފަޟްލޫން - 07 ޖެނުއަރީ 2026 - 13:51
މާލެ ސަރަހައްދުގެ ވައި ނުސާފުވާތީ ސަމާލުވާން މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް ) އިން އަންގައިފިއެވެ.
މާލެ ސަރަހައްދުގައި މިއަދު ވެސް ވައި ނުސާފު ކަމަށް އެއާ ކޮލިޓީ އިންޑެކްސް މޮނިޓަރތަކުން ދައްކައިފައިވާ ކަމަށް މެޓުން ވަނީ ބުނެފައެވެ.
ރާއްޖޭގެ އެއާ ކޮލިޓީ ބަލަހައްޓާ ވިލިމާލޭގައި ހުންނަ ސިސްޓަމުން ދައްކާގޮތުން މާލެ ސަރަޙައްދުގެ ވައިގެ ނުސާފުކަން ހުރި މިންވަރު ވަނީ، 193 އަށް އަރާފަ އެވެ.
ދ.ކުޑަހުވަދޫގައި ހުންނަ މޮނީޓަރިންގ ސިސްޓަމުން ދައްކާގޮތުން އެސަރަހައްދުގެ ވައިގެ ކޮލިޓި ހުރީ 162 ގައެވެ.
ރާއްޖެ ސަރަޙައްދުގެ ވައިނުސާފު ވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަހައްދުން އަންނަ ފުސްދުމާ އެކުގައެވެ.
ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމުގައި މިމައްސަލަ ރާއްޖެއަށް ދަނީ ކުރިމަތިވަމުންނެވެ.
މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެއަށް ޖައްވު ތަގައްޔަރުވުމުގެ ސަބަބުން ހޭޒް ނުވަތަ ފުސްކަމުގެ އަސަރު ކުރެއެވެ.
ރާއްޖޭގެ ޖައްވު ތަގައްޔަރު ވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.
ވައި ނުސާފުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ.
ނުރައްކާތެރި ވަރަކަށް ވައި ނުސާފުވުމުން ނާޒުކު ހާލަތުގައިވާ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.





