logo
ނޮވެންބަރު 3ވަނަ ދުވަހުގެ ރޭ ބޭއްވި ނަޞްރުގެ ދުވަހުގެ ޚާއްޞަ ޖަލްސާގެ ތެރެއިން އަލްބަމް ނެރެނީ، ފޮޓޯ: އެމްއެންޑީއެފް

ނޮވެންބަރު 3ވަނަ ދުވަހުގެ ރޭ ބޭއްވި ނަޞްރުގެ ދުވަހުގެ ޚާއްޞަ ޖަލްސާގެ ތެރެއިން އަލްބަމް ނެރެނީ، ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފްގެ ޤައުމީ ލަވަ އަލްބަމް ނެރެފި

profile

އާމިނަތު ޝަޒްލާ - 04 ނޮވެމްބަރު 2026 - 10:11

ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ކޮންމެ އަހަރަކު ނެރެމުންދާ "ޤައުމީ ލަވަ އަލްބަމް" ނެރެފިއެވެ.

https://wamco.com.mv/

މި ލަވަ އަލްބަމް ނެރެދެއްވީ ނޮވެންބަރު 3ވަނަ ދުވަހުގެ ރޭ ބޭއްވި ނަޞްރުގެ ދުވަހުގެ ޚާއްޞަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ. ކޮންމެ އަހަރަކު އެމްއެންޑީއެފުން ނެރޭ "ޤައުމީ ލަވަ އަލްބަމް"އަކީ ދިވެހީންގެ މެދުގައި ޤައުމީ ރޫޙާއި ޤައުމީ ލޯބި ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި ނެރެމުންދާ ޚާއްޞަ އަލްބަމެކެވެ.

މި އަލްބަމްގައި ހިމެނޭ ލަވަތަކުން ރަމްޒުކޮށްދެނީ ދިވެހި ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި، ތާރީޚީ ކާމިޔާބީތަކުގެ އިތުރުން ޤައުމީ އަބްޠާލުންގެ ޖިހާދެވެ. މި އަހަރުގެ ޤައުމީ ލަވަ އަލްބަމްގައި 7 ލަވަ ހިމަނާފައިވެއެވެ. 'ޤައުމު' މި ތީމަށް ނެރުނު ޤައުމީ ލަވަ އަލްބަމްގައި ހިމެނޭ ލަވަތައް ހުށަހަޅައިދީފައިވަނީ ރާއްޖޭގެ ކުޅަދާނަ ލަވަކިޔުންތެރިންނެވެ. އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި ފަހަރުގެ އަލްބަމްގައި ވެސް ޤައުމީ ރޫޙާއި ޤައުމީ ޖޯޝުން ލޭ ކައްކުވާލާ ފަދަ ޅެންތަކާއި ރާގުތައް ހިމެނެއެވެ.

މި ފަހަރުގެ އަލްބަމަށް ޅެން ހައްދަވައިދެއްވި ބޭފުޅުންނާއި، އެބޭފުޅުން ހައްދަވައިދެއްވައިފައިވާ ޅެންތަކަކީ، ބްރިގޭޑިއަރ ޖެނެރަލް ޙުސައިން ޢަލީ (ދާނަމޭ ޝަހީދުވާން ޤައުމަށް ޓަކައި)އާއި، ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރު (ނިހާއީ އަމާން)އާއި، ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު (ޝަޙީދު ކޯޕްރަލް ޙުސައިން އާދަމްގެ އާދޭސް އަދި ޤައުމީ ލޭ)ގެ އިތުރުން، ސާޖަންޓް ޝާފިޢު ޢަބްދުﷲ (ސިފައިންގެ ދަރިއެކޭ)އާއި، އަލްފާޟިލް ރޯނު ޙަސަންމަނިކު (ޤައުމީ ދުވަސް)، އަދި އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާން (މިއަދުގެ ޢަޒުމް)އެވެ. މި އަލްބަމްގެ ރާގުތައް ހެއްދެވީ ކާނަލް ޢަލީ މަނިކު، ވޮރަންޓް އޮފިސަރ 2 ޢަބްދުﷲ އިލްހާމް އިބްރާހީމް، ވޮރަންޓް އޮފިސަރ 1 ފަޠުހުﷲ ޝަކީލް ޙުސައިން، ސްޓާފް ސާޖަންޓް އިބްރާހީމް އާސިފް، އަދި ކޯޕްރަލް ޝާމިލް މުޙައްމަދު ދީދީއެވެ.

އަލްބަމްގައި ހިމެނޭ ލަވަތަކުގެ މިޔުޒިކް ތައްޔާރުކޮށްފައި ވަނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިންނެވެ. އަދި އަލްބަމްގެ ވީޑިއޯ ތައްޔާރުކޮށް އެޑިޓްކޮށްފައިވަނީ، އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްއިން އަދި އަމިއްލަ ފަރާތެއް ކަމުގައިވާ އަލްފާޞިލް މުޙައްމަދު ޢާޒިމް އަދި އަލްފާޞިލް ރަޢީފް ފަތުޙީއެވެ.

މި އަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތާ ގުޅުވައިގެން ނެރުނު އަލްބަމްގެ އޯޑިއޯ ލަވަތައް އެމްއެންޑީއެފްގެ ވެބްސައިޓުން ރެއިން ފެށިގެން ޑައުންލޯޑުކުރެވޭނެއެވެ. އަދި ވީޑިއޯ ލަވަތައް އެމްއެންޑީއެފް އޮފިޝަލް ޔޫޓިއުބް ޗެނަލްއަށް އަޕްލޯޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފުން ދަނީ 2002 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަހުގެ މުނާޞަބަތުގައި ކޮންމެ އަހަރަކު ވެސް ޤައުމީ ލަވަ އަލްބަމެއް ނެރެމުންނެވެ.

އެމްއެންޑީއެފް ވެބްސައިޓުން ލަވަތައް ޑައުންލޯޑުކުރެއްވުމަށް: އެމްއެންޑީއެފް ޔޫޓިއުބް ޗެނަލުން ލަވަތައް ލިންކް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެއެވެ.

https://wamco.com.mv/
tel:+9607331319