
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު / ފޮޓޯ: މަޖިލިސް
ގަރާރުތައް ހުށަހަޅަނީ ރައްޔިތުންނަށް އެކަށީގެވާ ހިދުމަތް ނުލިބޭތީ: މައުރޫފް

މުޙައްމަދު ފަޟްލޫން - 04 ނޮވެމްބަރު 2026 - 11:17
ވަޒީރުން ހާޒިރުކޮށް ސުވާލުކުރުމާއި ގަރާރު ހުށަހަޅަނީ ރައްޔިތުން ބޭނުންވާ ހިދުމަތްތައް ސަރުކާރުން ދެމުން ނުދާތީ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުރޫފް ވިދާޅުވީ ފެނިގެންދަނީ މެމްބަރުންގެ ސުވާލުތަކަށް ވަޒީރުން އެކަށީގެންވާ ޖަވާބު ނުދޭ މަންޒަރު ކަމަށެވެ.
އެމްޑީޕީ އިން މަޖިލީހަށް ހުށަހެޅި އިގްތިސާދީ ވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕީއެންސީގެ މެމްބަރުން ވަނީ ވަޒީރަށް އިތުބާރު އޮތް ކަމަށް ކަނޑައަޅާފައެވެ.
މި މައްސަލައިގައި ވަޒީރު ސައީދުގެ އިތުބާރު އޮތް ކަމަށް 54 މެމްބަރުން ވޯޓް ދީފައިވާއިރު އިތުބާރު ނެތް ކަމަށް ވޯޓްދިނީ އެމްޑީޕީގެ 11 މެމްބަރުންނެވެ.
ވަޒީރު ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވަޒީރަށް ޖަވާބުދާރީ ވުމަށް 1 ގަޑިއިރު ލިބުނު އިރު އިދިކޮޅު އެމްޑީޕީ އިން ވަޒީރުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި ފާހަގަކުރި ނުކުތާތަކަށް އެކަށީގެންވާ ޖަވާބު ދެއްވާފައިނުވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.
ވަޒީރުގެ އިތުބާރު ނެތް ކަމަށް މައްސަލަ ހުށަހެޅި ޕާޓީ، އެމްޑީޕީއަށް މުޅި މައްސަލައިގައި ބަހުސްކުރަން ލިބުނީ އެންމެ 9 މިނެޓް ކަން ފާހަގަކޮށް މައުރޫފް ވަނީ މަޖިލީހުގައި ސަރުކާރުން ދަނީ ވަގުތު އެމްޑީޕީއަށް މަދުންދީ ބަހުސް ކުރަން އޮތް ފުރުސަތު ހަނިކުރަމުން ކަމަށް މައުރޫފް ވިދާޅުވިއެވެ.
އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވަޒީރު ދެއްވި ޖަވާބުން މިސަރުކާރުގެ ޒިންމާއެއް ނެތްކަން ހާމަވެގެން ގޮސްފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި ޑޮލަރުގެ މައްސަލަ އާއި އެހެނިހެން މައްސަލަތައް ހައްލުވެގެން ނުދާކަން މިއަދު އެނގިގެން ގޮސްފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.
ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، އޭނާއާ މަތިކުރެވިފައިވާ މަސްއޫލިއްޔަތުތަކަށް އިހުމާލުވެ، މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއަޅުއްވަމުން ގެންދަވާކަމަށް ތުހުމަތުކޮށެވެ.
މީގެއިތުރުން، އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް އެޅުމުގައި އެދެވޭ ސިޔާސަތުތަކެއް ތަންފީޒުކުރެވިފައި ނުވާތީ، ޑޮލަރު ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު 21 ރުފިޔާއަށް ވުރެ މައްޗަށް އުފުލިފައިވާ ކަމަށްވެސް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
ދައުލަތުގެ މާލީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތް ދަނޑިވަޅެއްގައި، ރާއްޖެއިން ބޭރުގައި އިންވެސްޓަރުންގެ ފޯރަމްތައް ބޭއްވުމަށާއި ތަފާތު މަޝްރޫއުތައް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުތަކަށް ދައުލަތުގެ ބަޖެޓުންނާއި ވަސީލަތްތަކުން ބޮޑެތި ހަރަދުތަކެއް އިސްރާފުކޮށްފައިވާ ކަމަށްވެސް އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރިޒޯޓުތަކުގައި އެއްޖިންސުން ކައިވެނިކުރަން ހުއްދަދިނީ ކާކު؟ ދެންވިސްނާލާ ރަސްމާލެ އަލްޢައްބާރަށް ދިނީމަ ވާނެ ގޮތް: ޒަމްޒަމް ފާރިޝް
ގަޑިއިރެއް ކުރިން

ސިޓީ ކައުންސިލްގެ ބިންތައް އަތުލި މައްސަލައި ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
ގަޑިއިރެއް ކުރިން

ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ސަލީމް ނައިބަކަށް ފަޒާދު
2 ގަޑިއިރު ކުރިން

ތިލަފުށީ ކުނިގޮނޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި
2 ގަޑިއިރު ކުރިން


