logo
ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، އަދި ނައިބު މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު, ފޮޓޯ: ސޯޝަލް މީޑިއާ

ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، އަދި ނައިބު މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު, ފޮޓޯ: ސޯޝަލް މީޑިއާ

ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ސަލީމް ނައިބަކަށް ފަޒާދު

profile

އާމިނަތު ޝަޒްލާ - 04 ނޮވެމްބަރު 2026 - 10:53

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، އަދި ނައިބު މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު މިއަދު އިންތިޚާބުކޮށްފިއެވެ.

https://wamco.com.mv/

މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިޤްތިޞާދީ ކޮމިޓީ އެކުވެގެން އުފައްދާފައިވާ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، މި ދެ މަގާމަށް މި ބޭފުޅުން ހޮވިވަޑައިގަތީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. އަޙްމަދު ސަލީމަކީ މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ޢަލީ ފަޒާދަކީ އިޤްތިޞާދީ ކޮމިޓީގެ މުގައްރިރެވެ.

މި ދެ ބޭފުޅުންގެ ނަންފުޅު ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސްއެވެ. އަދި އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ. މި ދެ މަގާމަށް އިތުރު އެއްވެސް މެންބަރެއްގެ ނަން ހުށަހަޅާފައެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ހިނގަމުންމިދާ އަހަރުގެ ބަޖެޓު ދިރާސާކުރުމަށް މިދިޔަ އަހަރު އެކުލަވައިލި ބަޖެޓު ކޮމިޓީގެ މުގައްރިރުކަމާއި ނައިބު މުގައްރިރުކަން ވެސް ފުރުއްވީ ސަލީމާއި ފަޒާދެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދެވުނީ ކުޑަ ވަގުތުކޮޅަކަށެވެ. އެ ބައްދަލުވުން މިއަދު އަވަހަށް ކުރުކޮށްލަން ޖެހުނީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި އެ ވަގުތު ކުރިއަށްދާތީ ކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތުދެއެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓަކީ މި އަހަރަށް ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ. ނަމަވެސް ބަޖެޓުގެ ޖުމްލަ އަދަދު ކުޑަވި ނަމަވެސް، ދައުލަތް ހިންގުމުގެ ރިކަރަންޓް ޚަރަދު ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން ރިކަރަންޓް ޚަރަދަށް އަންނަ އަހަރު 42.7 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މިއީ މި އަހަރަށް ލަފާކުރި އަދަދަށްވުރެ 0.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކަނޑައަޅާފައިވަނީ ސިއްހީ ދާއިރާއަށެވެ. އެގޮތުން ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނައިފައެވެ.

ބަޖެޓުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތާވަލުކުރަމުން އަންނައިރު، މަޖިލީހުގެ ތަޅުމުގައި ބަޖެޓު ބަހުސް ކުރިއަށްދާއިރު ކޮންމެ މެންބަރަކަށް ވެސް ވާހަކަދެއްކެވުމަށް 15 މިނެޓުގެ ފުރުސަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިހާރު ވަނީ ފާސްކޮށްފައެވެ.

https://wamco.com.mv/
tel:+9607331319