logo
ވާހަކަ - ބަދުނާމު

ވާހަކަ - ބަދުނާމު

ވާހަކަ - ބަދުނާމު ( އެޕިސޯޑް 4 )

profile

އަހުމަދު ޖަމީލް - 06 ނޮވެމްބަރު 2026 - 05:19

"މި ވާހަކައިގައި ބޭނުންކުރެވިފައިވާ ނަންތަކަކީ މުޅިންވެސް ލިޔުންތެރިޔާގެ ޚިޔާލީ އުފެއްދުމެއް ކަމަށާއި، ހަގީގީ މީހުންނާއި، ތަންތަނާއި، ނުވަތަ ހާދިސާތަކާ އެއްވެސް އެއްގޮތްކަމެއް ހުރުމަކީ އިއްތިފާގުން ދިމާވެދާނެކަމެއް"

https://wamco.com.mv/

ޕޮލިސް ކޮށީގެ ފިނި ތަޅުންގަނޑުމަތީގައި އައިޝާ އިންދައި، ބޭރު ދުނިޔޭގައި އޭނާގެ މުޅި ދިރިއުޅުމުގެ ބިންގާ ދިޔައީ ގުޑަމުންނެވެ. ފާތުންގެ ވިހަގަދަ ނުފޫޒު މިފަހަރު އަމާޒުވީ އައިޝާގެ ކުށެއްނެތް ނިކަމެތި ޢާއިލާއަށެވެ. ރިޔާސީ ގަނޑުވަރުން ސީދާ ރައީސް އޮފީހުގެ އިސްވެރިން މެދުވެރިކޮށް، ސަރުކާރުގެ އެކި ވުޒާރާތަކަށާއި ކުންފުނިތަކަށް ސިއްރު އަމުރުތައް ފޮނުވަން ފެށިއެވެ. މަޤްޞަދަކީ އައިޝާގެ ވަށައިގެންވާ ހުރިހާ އެހީތެރިކަމެއް ކަނޑާލައި، އޭނާ އެއްކޮށް ބަލިކަށިކޮށްލުމެވެ.

އައިޝާގެ ބޭބެއަކީ ދައުލަތުގެ ބޮޑު ކުންފުންޏެއްގައި 15 އަހަރު ވަންދެން އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރަމުން އައި ސީނިއަރ މެނޭޖަރެކެވެ. އެއްވެސް އިންޒާރަކާ ނުލައި، އެއްވެސް ސަބަބެއް ބަޔާންނުކޮށް އޭނާއަށް ވަގުތުން ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓު ހަވާލުކުރިއެވެ. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަމައެކަނި ބުނީ އެއީ "މަތިން" އައި އަމުރެއް ކަމަށެވެ. އެއާއެކު، އައިޝާގެ ކޮއްކޮ، ސްކޫލެއްގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ޒުވާން އަންހެންކުއްޖާ ވެސް ސަސްޕެންޑްކޮށް، ވަޒީފާއިން ވަކިކުރެވުނެވެ. މުޅި ޢާއިލާގެ އާމްދަނީ އެއްދުވަހެއްގެ ތެރޭގައި އެއްކޮށް ހުއްޓުމަކަށް އައެވެ. ބޭސްފަރުވާއަށް ސަރުކާރުން ލިބެންޖެހޭ އެހީތައް ވެސް އައިޝާގެ މައިންބަފައިންނަށް ކަނޑާލެވުނެވެ.

މި ހިތާމަވެރި ޚަބަރުތައް ފުލުހުންގެ ބަންދުގައި ހުރި އައިޝާއަށް ލިބުނީ އޭނާގެ ވަކީލު މެދުވެރިކޮށެވެ. އައިޝާގެ ބޯ ފަޅައިގެންދާ ވަރު ވިއެވެ. ހިތަށް ލިބުނު ކުއްލި ޝޮކާއެކު އޭނާއަށް ރޮއިގަނެވުނެވެ. "މުހައްމަދު! ކަލޭގެ ލޯބީގެ އަގެއްގެ ގޮތުން އަހަރެންގެ ޢާއިލާ ހަލާކުކޮށްލީތަ؟ އަހަރެން ކީއްކުރީ؟" އައިޝާ ހިތާމައިން ފުރިގެންވާ އަޑަކުން ގޮވަމުން ދިޔައެވެ.

މުހައްމަދު ރައީސް އޮފީހުގެ އެންމެ އެތެރޭގެ ކޮޓަރީގައި ހުރިއިރު، އޭނާއަށް މި ހުރިހާ ޚަބަރެއް ލިބެމުން ދިޔައެވެ. އެލް ސޯފާގައި އިނދެގެން އައިޝާގެ ޢާއިލާއަށް އަޅާލާނެ ކަމަށް ވީ ވަޢުދުތައް އޭނާގެ ހަނދާނަށް އައެވެ. ކެމްޕޭން ދުވަސްވަރު އައިޝާގެ މަންމަ ކައްކައިދިން ކާއެއްޗެހީގެ ރަހަ އަދިވެސް އޭނާގެ ދުލުގައި ހުއްޓެވެ. މުހައްމަދު އެއްފަހަރު ފޯނު ނަގައި، މި އަނިޔާވެރިކަން ހުއްޓުވަން އުޅުނެވެ. ނަމަވެސް އެވަގުތު ކޮޓަރިއަށް ވަދެގެން އައީ ފާތުންއެވެ.

ފާތުންގެ ލޮލުގައި ވަނީ ކާމިޔާބީގެ އަލިފާނެވެ. "މުހައްމަދު، ފަހަތަށް ޖެހިއްޖެއްޔާ ކަލޭގެ ރިޔާސީ ކުރުފޮޅި ބީވެގެންދާނެ. އެ އަންހެނާއާއި އޭނާގެ ޢާއިލާއިން މިހާރު މަސައްކަތް ކުރަނީ ކަލޭގެ ސިޔާސީ ޙަޔާތް ދުއްވާލަން. ކޯޓަށް މައްސަލަ ފޮނުވަން ތައްޔާރުކުރޭ. އޭނާ ޖެހޭނީ ޤައުމުން ބޭރުނުވެވޭ ގޮތަށް ހިފަހައްޓަން،" ފާތުން ހަރުކަށިކަމާއެކު ބުންޏެވެ.

ވަލިއްޔުލް އަމްރުގެ މަޤާމުގައި ހުރި މުހައްމަދު، ފާތުންގެ ބާރުގެ ދަށުގައި މުޅިން ކުޑަކަކޫ ޖެހިއެވެ. އޭނާގެ ކިބައިގައި ހަޤީޤަތަށް ތެދުވާނެ ހިތްވަރެއް ނެތެވެ. ސިޔާސީ ގޮނޑީގެ ދަހިވެތިކަމާއި އަރާމު ދިރިއުޅުމުގެ ދަހިވެތިކަމުގައި، އޭނާ ދެންވެސް އިޚްތިޔާރުކުރީ ހިމޭންކަމެވެ.

ޖެހިގެން އައި ދުވަހު، އިމިގްރޭޝަނުން ކުއްލި އަމުރެއް ނެރުނެވެ. އައިޝާގެ ޕާސްޕޯޓް ވަގުތުން ހިފެހެއްޓިއެވެ. ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުރިހާ ދޮރެއް އޭނާއަށް ބަންދުވިއެވެ. މިއީ އޭނާ މި ޤައުމުގެ ފަސްގަނޑުގައި ބަންދުކޮށް، ދައުލަތުގެ ބާރުން އޭނާގެ އަޑު އެއްކޮށް ކަނޑުވާލުމަށް އެޅި އެންމެ ފަހުގެ އެއް ފިޔަވަޅެވެ. އައިޝާއަށް އިޙްސާސްވީ އޭނާގެ ވަށައިގެންވާ ވައި ވެސް ފާތުންއާއި މުހައްމަދުގެ ނުފޫޒުން ތަޣައްޔަރުވެފައިވާ ކަމެވެ. ދެން އޮތީ އޭނާ ކޯޓުގެ ދޮރުމައްޗަށް ގެންގޮސް، ޝަރީޢަތުގެ ނަމުގައި ބަދުނާމުކޮށްލުމުގެ އެންމެ ފަހު މަރުޙަލާއެވެ.

(ނުނިމޭ - ފަސްވަނަ އެޕިސޯޑަށް އިންތިޒާރުކުރައްވާ)

https://wamco.com.mv/
tel:+9607331319