
ބަންޑާރަ ނައިބު އަހްމަދު އުޝާމް / ފޮޓޯ: ރައީސް އޮފީސް
ރަސްމާލޭގައި ރާ ވިއްކުމާ ގުޅޭގޮތުން ރައީސާއި ބަންޑާރަ ނައިބުގެ ހިޔާލު ތަފާތުވެއްޖެ

މުޙައްމަދު ފަޟްލޫން - 06 ނޮވެމްބަރު 2026 - 11:23
ރަސްމާލޭގައި އެއްވެސް މިންވަރަކަށް ބަނގުރާ ވިއްކުމާއި ބުއިން މަނާވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވިދާޅުވެފައި ވަނިކޮށް، ހުއްދަ ނަގައިގެން އެ ސަރަޙައްދުގެ ހޮޓާތަކުގައި ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބު މިފަދައިން ވިދާޅުވެފައިވަނީ ދީނީ އިލްމުވެރިންނާއެކު ކުރިއަށްދިޔަ ބައްދަލުވުމެއްގައެވެ.
އާންމުވެފައިވާ މި ބައްދަލުވުމުގެ އޯޑިއޯ ރެކޯޑިންގއެއްގައި އުޝާމް ވިދާޅުވެފައިވަނީ، ރަސްމާލެ ތަރައްގީ ކުރެވެނީ ވަކި ރަށެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ރިސޯޓުތަކެކޭ އެއްފަދައިން، އެތަނުގައި ޤާއިމުކުރެވޭ ހޮޓާތަކަށް ކަމާބެހޭ ލައިސަންސް ހޯދައިގެން ބަނގުރާ ވިއްކުމުގެ ފުރުޞަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތުން، އެ ސަރަޙައްދުގައި ގާއިމުކުރެވޭ ވަކި ހާއްސަ ހޮޓާތަކެއްގެ ރެސްޓޯރަންޓްތަކުގައި ބަނގުރާ ވިއްކުން މުޅިން މަނާ ނުވާނެ ކަން އޭނާ ވަނީ ސާފުކޮށްދެއްވާފައެވެ. ނަމަވެސް، ގާނޫނުގައިވާ ގޮތުގެ މަތިން ދިވެހިންނަށް ރާ ނުވިއްކޭނެ ކަމަށާއި، އަދި އެފަދަ ހިދުމަތްތައް ދޭ ތަންތަނަށް ދިވެހިންނަށް ވަދެނޫޅެވޭނެ ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.
ރަސްމާލޭގެ ހޮޓާތަކުގައި ރާ ވިއްކުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވި ނަމަވެސް، އެ މަޝްރޫއުގެ ދަށުން ކެސިނޯގެ އެއްވެސް ހިދުމަތެއް ނުހިންގާނެ ކަމުގެ ފުރިހަމަ ޔަގީންކަން ބަންޑާރަނައިބު ދެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގަނޫނުތަކާ ހިލާފު އެއްވެސް ޢަމަލެއް އެތަނުގައި ނުހިންގޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ރައީސް އޮފީހުން ގެނެސްދިން ނޭޝަން ޗެޓް ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، ރަސްމާލޭގައި ބަނގުރަލުގެ އެއްވެސް މުއާމަލާތެއް ނުހިނގާނެ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރިސޯޓުތަކަށް ދީފައިވާ ލުއިތަކާ އަޅާބަލާއިރު އެތަނުގެ އުސޫލުތައް މާ ހަރުކަށިވާނެއެވެ. އެގޮތުން އެތަނުގައި ރާ ވިއްކުމާއި، ބުއިން އެއްކޮށް މަނާވާނެ ކަމަށް ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
މީގެއިތުރުން، ރަސްމާލޭގައި ރާ ނުބޮވޭނެކަން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރު ކުރައްވާނެ ކަމަށްވެސް ރައީސް ކުރިން ވިދާޅުވެފައިވެއެވެ. އަދި އެ ސަރަޙައްދަށް މައިގަނޑު ގޮތެއްގައި ޒިޔާރަތްކުރާނީ މުސްލިމުން ކަމަށާއި، އެ ނޫން ގޮތަކަށް އުޅެން ބޭނުންވާ ފަރާތްތައް އެތަނަށް ނާންނާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.






