
ޙަރަދު ކުޑަކުރަން ސަރުކާރުގެ ކުންފުނިތަކުން %33 މުއައްޒަފުން މަދުކުރަނީ

ރިޟްވާން މޫސާ - 18 އޭޕްރީލު 2026 - 13:41
ސަރުކާރުން ހިންގުމާއި، ޙަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކުން 33 އިންސައްތަ މަދުކުރުމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އަށް އަންގަވައިފިއެވެ.
ސަރުކާރުގެ މި ނިންމެވި ނިންމުމަށް އަމަލުކުރެއްވުމަށްޓަކައި ދައުލަތުގެ މާލީ ވުޒާރާއިން އިއްޔެ ވަނީ ޕީ.ސީ.ބީގެ ރައީސް މުޙައްމަދު އަނަސް އަށް މިކަން ބަޔާންކުރައްވައި ސިޓީއެއްވެސް ފޮނުވާފަ އެވެ.
ސަރުކާރު ކުންފުނިތަކަކީ ސަތޭކަ ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ޕަބްލިކް ޕްރައިވެޓް ކުންފުނިތަކެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް އަޅުއްވާ ފިޔަވަޅެއްކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.
ޕީ.ސީ.ބީގެ ރައީސްއަށް ފޮނުއްވި ސިޓީގައި، ކުންފުނިތަކުގެ މަސައްކަތްތަކުގެ ހިންގުންތެރިކަން އިތުރުކުރުމާއި، އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމުގެ އިތުރުން، މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރުއެޅުމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން ވަޒީފާއަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކޮށް، ތަޢުލީމީ ފެންވަރާއި، ހުނަރާއި، ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު ނުވަތަ މެތިޓް ބޭސްޑް ޕޮލިސީ މިހާރަށް ވުރެ ހަރުދަނާކޮށް، އެ އުސޫލާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށްވެސް ވަނީ އިރުޝާދު ދެއްވާފައެވެ.
މި ފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާބެހޭ ކުންފުނިތަކަށް އެންގުމަށާއި، އެ ކުންފުނިތަކުން އެކަމަށް އަމަލުކުރާ މިންވަރު މޮނިޓަރ ކުރުމަށާއި މި އިރުޝާދުތައް ތަންފީޒުވަމުންދާ ގޮތުގެ އަދާހަމަ މަޢުލޫމާތު ގަވާއިދުން އެ ވުޒާރާއަށް ހިއްސާކުރުމަށްވެސް ވަނީ އެދިފައެވެ.
މާލީކަންކަމާބެހޭ ވުޒާރާއިން ވިދާޅުވީ، މި ފިޔަވަޅުތަކަކީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށާއި، ފައިސާ ޚަރަދުކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށާއި، މާލީ މެނޭޖްމަންޓް ރަނގަޅުކުރުމަށް ޕީ.ސީ.ބީން މީގެ ކުރިން ނެރެފައިވާ އިރުޝާދުތަކަށް އިތުރުކުރެވުނު ކަންތައްތަކެއްކަމަށެވެ





.gif&w=3840&q=75)