logo
މޫނިމާ ލޮޖު،

މޫނިމާ ލޮޖު،

އެޕިސޯޑް 3 : ގޯތިތެރެއިން ފެނުނު ފިޔަވަޅުތައް

profile

އާމިނަތު ޝަޒްލާ - 05 ނޮވެމްބަރު 2026 - 16:23

އަހަރެން ހުޅުވިފައިވާ ދޮރަށް ބަލަހައްޓައިގެން އިރުކޮޅަކު މަޑުކޮށްލީމެވެ. އެ މަންޒަރާ ނަޒަރު ވަކިކޮށްލަން އުނދަގޫވެފައެވެ.

https://wamco.com.mv/

ނަމަވެސް، އިރުކޮޅަކުން އެތަނުން ދުރަށް ޖެހިލައި، ގެއަށް ވަނުމަށް ހިނގައިގަތީމެވެ.

ހެނދުނުގެ ފިނި ރޯޅިތައް އަހަރެންގެ މޫނުގައި ބީހެމުންދިޔައެވެ. ގޯތިތެރެއާއި ބޭރުގައި ހުރި ގަސްތައް މަޑުމަޑުން ހެލެމުންދިޔައިރު، އެ ގަސްތަކުގެ ފަތްތަކުގެ ހިޔަނި ތަޅުންގަނޑަށް އެކި ގޮތްގޮތަށް ހިޔަނިތައް ނަށަމުންދެއެވެ.

އެވަގުތު ބަގީޗާ ކައިރިން އެއްޗެއް އަހަރެންގެ ލޮލުގައި އަޅައިގަތެވެ.

އެއީ ފައިތިލައިގެ ނިޝާންތަކެކެވެ.

އަހަރެން ދޮރުމަތީގައި މަޑުޖެހިލީމެވެ.

ތެތްކަން ހުރި އެ ބިމުގެ ފަސްގަނޑުން ހުސްފައިގެ ނިޝާންތައް ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ. އެ ނިޝާންތައް ފެށިފައިވަނީ ގޯތިތެރޭގެ އެންމެ ދުރުކޮޅުންނެވެ. އަދި އެ ނިޝާންތައް ހުރީ ދޮރާ ދިމާލަށް އަންނަ ގޮތަށެވެ.

އަހަރެން އަނެއްކާވެސް ގޯތިތެރޭއަށް ނުކުތީމެވެ.

އެ ނިޝާންތައް ހުރީ އާދަޔާ ހިލާފަށް ސާފުކޮށެވެ. އަހަރެން ތިރިވެ، ބިމުގައި އަތްނުލައި އެ ނިޝާންތަކަށް ފަރުވާތެރިކަމާއެކު ބަލައިލީމެވެ. އެއީ ހުސްފަޔާ ހިނގާފައިވާ މީހެއްގެ ފައިތިލައިގެ ނިޝާންތަކެއްކަން ޔަގީނެވެ.

އަހަރެން ބަގީޗާއާ ދިމާލަށް ބަލައިލީމެވެ.

އެތަނަކުން އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ.

އަހަރެން ގޯތީގެ ވަށައިގެންވާ ފާރަށް ބަލައިލުމަށްފަހު، އަލުން ފައިތިލައިގެ ނިޝާންތަކަށް ބަލައިލީމެވެ. އަހަރެންނަށް ނޭނގި މީހަކު އެތަނަށް ވަންނާނެ ގޮތެއް އަހަރެންގެ ސިކުނޑިއަކަށް ނުވިސްނުނެވެ.

އެއަށްވުރެ ބޮޑަށް އަހަރެން ހައިރާންވީ، އަހަރެން އެ ދޮރު ހުޅުވި ހަނދާނެއް ނެތުމުންނެވެ.

އަހަރެން ފޯނު ނަގައި އެ ނިޝާންތަކުގެ ފޮޓޯއެއް ނެގީމެވެ. މިއީ ފަހަރުގައި ވަރަށް އާދައިގެ ސަބަބަކާ ހުރެ ދިމާވި ކަމަކަށް ވެދާނެއެވެ. ނަމަވެސް، އެ ވަގުތު އަހަރެންގެ ސިކުނޑިއަށް އެފަދަ އެއްވެސް ހަމަޖެހޭ ސަބަބެއް ނައެވެ.

އިރުކޮޅަކު މަޑުކުރުމަށްފަހު، އަހަރެން އެތެރެއަށް ވަދެ ދޮރު ލެއްޕީމެވެ.

މައްޗަށް ދިއުމުގެ ކުރިން ދޮރު ރަނގަޅަށް ތަޅުލެވިފައި ހުރިތޯ ބަލައި ޗެކްކުރީމެވެ.

ރޭގައި ހިނގައިދިޔަ އާދަޔާ ހިލާފު ކަންތައްތަކާ މެދު ވިސްނުމުގައި އަހަރެންނަށް މާ ގިނަ ވަގުތު ހޭދަކުރެވިއްޖެއެވެ. މިހާރު އަހަރެން ބޭނުންވަނީ ފެންވަރާލައިގެން ހެނދުނުގެ ނާސްތާ ކޮށްލައިގެން، މަސައްކަތައް ނިކުތުމަށެވެ.

އަހަރެން ތައްޔާރުވެ ނިމުނުއިރު، ހެނދުނުގެ ބޮޑުބައެއް ފާއިތުވެއްޖެއެވެ.

މޫނިމާ ލޮޖުން ނުކުތުމުގެ ކުރިން، އަހަރެން ފޯނު ޗެކްކޮށް، އަހަރެންގެ ސާމާނުތައް ހަމަކުރީމެވެ.

މޫނިމާލޮޖާ މާދުރު ނޫން ހިސާބެއްގައި ހުރި ކެފޭއަކަށް ގޮސް ސައިބޯން އަހަރެން ނިންމީމެވެ.

ހެނދުނުގެ ވަގުތުގައި ރަށުތެރެ ފެންނަނީ ވަރަށް ތަފާތު ގޮތަކަށެވެ. ކުދި ފިހާރަތައް ހުޅުވަމުންދާއިރު، ހަނި މަގުތަކުގައި ސައިކަލުތައް ދުއްވާ އަދި މީހުން އެކަކު އަނެކަކަށް ސަލާމްކޮށް ހާލުބަލަމުން އެމީހުންގެ ދުވަހީ މަސައްކަތްތަކައިގެން އުޅޭ މަންޒަރު ފެނެއެވެ.

ރަށު ދިރިއުޅުމުގެ އާދައިގެ ސާދާ ގޮތްތަކުން ހިތަށް ހަމަޖެހުމެއް ލިބިދެއެވެ.

ކެފޭއިން މޭޒެއް ހޯދައިގެން އިށީނދެ، ސައިތަށްޓަކަށް އޯޑަރު ދިނީމެވެ.

ސައި އަންނަންދެން މަޑުކޮށްލައިގެން އިންއިރު، މަސައްކަތުގެ ބައެއް މެސެޖުތައް ބަލައި، ބައެއް ފޯނު ކޯލުތައް ކުރީމެވެ. އިމާރާތްކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ޓީމާ މަޝްވަރާކުރަންޖެހޭ މުހިންމު ކަންތައްތަކެއް ހުއްޓެވެ.

ސައިތަށި ލިބުމުން، އޭގެ ރަހަބަލަމުން ބޭރު ބަލާލީމެވެ.

އެދުވަހުގެ ހެނދުނު އިރުއެރި ފަހުން ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނީ ދެންމެއެވެ.

ފަހަރެއްގައި، ރޭގައި ހިނގި ކަންތައްތަކާ މެދު އަހަރެންނަށް މާ ބޮޑަށް ފިކުރު ކުރެވުނީ ކަމަށް ވެދާނެއެވެ.

ސައި ބޮއެ ނިންމައި، ބިލަށް ފައިސާ ދެއްކުމަށްފަހު މަސައްކަތަށް ދިޔުމަށް މިސްރާބު ޖެހީމެވެ.

ބައްދަލުވުންތަކާއި، ފޯނު ކޯލުތަކާއި، އާދައިގެ މަތިން ކުރަންޖެހޭ މަސައްކަތްތަކުގައި މުޅި ދުވަސް ފާއިތުވެގެން ދިޔައެވެ. މަސައްކަތުގައި މަސްއޫލުވެ އުޅުމުގެ ސަބަބުން، މޫނިމާ ލޮޖާ މެދު ވިސްނާލާނެ ފުރުޞަތެއް ނުލިބެއެވެ.

ނަމަވެސް، މަސައްކަތެއް ނެތި ހުސްކޮށް ހުންނަންޖެހޭ ކޮންމެ ވަގުތަކު، އެ ފިޔަވަޅުތަކުގެ ސޫރަ އަހަރެންގެ ހިތަށް ސިފަވަމުން ދިޔައެވެ.

މާލަސްތަކެއް ނުވެ ހަވީރު ވެއްޖެއެވެ. އަހަރެންގެ މަސައްކަތްތައް އެއްކޮށް ނިންމާލެވުނެވެ.

ގެއަށް ގޮސް ފެންވަރާ ތާޒާވެލައިގެން އިރުކޮޅަކު އަރާމުކޮށްލީމެވެ. އެދުވަހަކީ ހީކުރި ވަރަށްވުރެ ބުރަ އަދި ދިގު ދުވަހަކަށް ވުމުން، މަސްއޫލިއްޔަތުތަކާ ދުރުގައި ހިތްހަމަޖައްސާލަން ވަގުތުކޮޅެއް ބޭނުންވެފައި ހުރީމެވެ.

މި ރަށުގައި ހުންނަތާ ދުވަހެއް ވެފައިވީ ނަމަވެސް، ރަށު ތެރެ ބަލާލައި ހިނގާލަން އަދި ފުރުސަތެއް ނުލިބެއެވެ.

އެހެންކަމުން، އެދުވަހު ހަވީރު 5 ޖެހިފަހުން ރަށުތެރެ ބަލާލަން ދިއުމަށް ގަސްދުކުރީމެވެ.

ވަކި މިސްރާބެއް ނެތި، އަހަރެން އަލުން ބޭރަށް ނުކުތީމެވެ.

ދިޔަމިގިއްޔަކީ އަމިއްލަވަންތަ ހިތްގައިމުކަމެއް ލިބިފައިވާ ރަށެކެވެ. ރަށުގެ އާދައިގެ މަގުތަކާއި، ކައިރިކައިރީގައި ހުރި ގޭގެއާއި، ކުދި ފިހާރަތަކުގެ އިތުރުން ރަށުގެ ދިރިއުޅުން ފެންނަމުންދިޔަ ގޮތުން ހިތަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބުނެވެ.

މަޑުމަޑުން ހިނގަމުން ގޮސް، ރަށުގެ މާހައުލަށް ނަޒަރު ހިންގާލައި، ބައެއް މީހުންނާ ބައްދަލުވެ ވާހަކަދައްކާލުމުގައި ވަގުތު ހޭދަކުރީމެވެ.

އިރުއޮއްސެމުން ދިޔަ ވަރަކަށް ދުވަހުގެ އަލިކަން ފަނޑުވެ، ގޭގޭގެ ފުރާޅުތަކުގެ މައްޗަށް އިރުގެ ރަން ރީތި ކުލަތައް ފެތުރިގެން ގޮސްފައިވެއެވެ.

ގަޑިއަށް ބަލާލިއިރު ހަގަޑި ބައިވެ ބޮޑުވެއްޖެއެވެ.

ދެން އެނބުރި ގެއަށް ދާންވީ ވަގުތު ޖެހިއްޖެ ކަމަށް ނިންމީމެވެ.

އަހަރެން މޫނިމާ ލޮޖަށް ދިޔައިރު، ދުވާލުގެ ކުރީކޮޅާ އަޅާބަލާއިރު މާހައުލު އޮތީ ވަރަށް ބޮޑަށް ހިމޭންވެފައެވެ.

މައި ދޮރުގެ ތަޅު ހުޅުވާލުމަށްފަހު، އަހަރެން އެތެރެއަށް ވަނީމެވެ.

ގޭގެ އެ އާދަވެފައިވާ ވަސް ނޭފަތުގައި ޖެހުމާއެކު، އަހަރެންގެ އަތުގައި ހުރި ތަކެތި މޭޒުމަތީގައި ބެހެއްޓުމަށްފަހު ސިޓިންގރޫމްގެ ތެރެއަށް ނަޒަރު ހިންގާލީމެވެ.

ހުރިހާ އެއްޗެއްވެސް ހުރީ އަހަރެން ދިޔައިރު ބެހެއްޓި ގޮތަށް ބަދަލެއް ނައިހެވެ.

ގޯތިތެރެއަށް ނުކުމެވޭ ގޮތަށް ހުރި ދޮރާ ދިމާލަށް އަހަރެން ހިނގައިގަތީމެވެ. އެ ދޮރު ހުރީ ލައްޕާފައެވެ. ކައިރިއަށް ގޮސް ދޮރުގެ ތަޅުގައި ހިފާލިއިރު، އެ ހުރީ ތަޅުލާފައެވެ.

ނޭނގޭ ސަބަބަކާ ހުރެ އަނެއްކާވެސް ތަޅުންގަނޑާ ދިމާލަށް ބަލާލެވުނެވެ. ހެނދުނު ފެނުނު ފިޔަވަޅުތައް މިހާރު އެހާ ސާފެއް ނޫނެވެ. ތަޅުންގަނޑުގެ ތެތްކަން ކެނޑި ހިކެން ފެށުމުގެ ސަބަބުން، އެ ނިޝާންތައް ވަކިކުރަން މިހާރު ދައްޗެވެ.

ކުޑަވަގުތުކޮޅަކު އެތާ މަޑުކޮށްލުމަށްފަހު އަހަރެން އެނބުރި ދިޔައީމެވެ.

ސިޓިންގރޫމްގައި ހަމަޖެހިލެވުނުތަނާހެން ކޮންމެވެސް އަޑެއް އިވުނެވެ. އެއީ ގޭގެ އެތެރޭގެ ކޮންމެވެސް ދިމާއަކުން އިވުނު އަޑެކެވެ. ކުރަން ހުރި މަސައްކަތް ހުއްޓާލުމަށްފަހު، އަހަރެން ކަނުލާ އަޑުއަހަން ފެށީމެވެ. އެ އަޑު ދެވަނަ ފަހަރަށް އިވުނެވެ.

މިފަހަރު އިވުނު އަޑު ވައްތަރީ މަތީބުރީގައި އެއްޗެއް ދަމާ ނުވަތަ ކަހާލި އަޑަކާއެވެ.

އަހަރެން ސިޑިއާ ދިމާލަށް ބަލައިލީމެވެ.

ފަހަރުގައި އެއީ ފިނިހޫނުމިނަށް އަންނަ ބަދަލާއެކު، ގޭގެ ލަކުޑި އޮނިގަނޑަށް އަންނަ ގުޑުމަކުން އިވުނު އަޑަކަށް ވެދާނެއެވެ. ބޭނުންވީވެސް އެއީ ހަގީގަތް ކަމަށް ގަބޫލުކުރާށެވެ. ބާ ގެތަކުން މިފަދަ ތަފާތު އަޑުތައް އިވުމަކީ އާންމު ކަމެކެވެ.

އަހަރެން އިތުރު އަޑެއް އިވޭތޯ މަޑުމަޑުން ހުރީމެވެ.

ނަމަވެސް އިތުރު އެއްވެސް އަޑެއްނީވުނެވެ.

ދިގު ނޭވާއެއް ދޫކޮށްލުމަށްފަހު، ފޯނު ނަގައި ގަޑި ބަލައިލީމެވެ.

ކުރިމަތީގައި އޮތީ އަދިވެސް ވަރަށް ދިގު ރެއެކެވެ.

"މޫނިމާ ލޮޖް" އަކީ ކިތަންމެ ހަމަހިމޭން ވަގުތެއްގައިވެސް، ހިތްނުތަނަވަސްކުރުވާ ފަދަ ގޮތެއް ހުންނަ ތަނެއްކަން އަހަރެންނަށް އިހުސާސްވާން ފެށިއެވެ.

https://wamco.com.mv/
tel:+9607331319