
"ހެލްތު އެންޑް ފެމެލީ އެކްސްޕޯ" އިފްތިތާޙު ކޮށްދެވުމުގެ ޖަލްސާގެ ތެރެއިން, ފޮޓޯ: ރައީސް އޮފީސް
"ހެލްތު އެންޑް ފެމެލީ އެކްސްޕޯ" މިއަދު ފަށައިފި

އާމިނަތު ޝަޒްލާ - 05 ނޮވެމްބަރު 2026 - 12:58
"ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ސިއްހަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މިއަހަރުގެ "ހެލްތު އެންޑް ފެމެލީ އެކްސްޕޯ" މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށި މި އެކްސްޕޯ ޚާއްސަ ރަސްމިއްޔާތެއްގައި ޝަރަފުވެރިކޮށް، އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިއްހީ ދާއިރާގެ 156 މަސައްކަތްތަކާ ގުޅޭގޮތުން އެކުލަވާލާފައިވާ ޚާއްސަ ފޮތެއް ވެސް ނެރެދެއްވާފައެވެ. އެއަށްފަހު ރައީސްގެ ދެކަނބަލުން ވަނީ އެކްސްޕޯގައި ގާއިމުކޮށްފައިވާ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، މައުލޫމާތު އޮޅުންފިލުއްވާފައެވެ.
މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯއަކީ މި ސިލްސިލާގެ 3 ވަނަ އެކްސްޕޯއެވެ. ވޭތުވެދިޔަ ދެ އަހަރުވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު މި ހަރަކާތުގައި މިއަހަރު 60 އަށްވުރެ ގިނަ ސްޓޯލް ވަނީ ބަހައްޓާފައެވެ. އޭގެތެރޭގައި މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކާއި، ކްލިނިކުތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތައްވެސް ހިމެނެއެވެ.
ސިއްޙީ ވުޒާރާއިން ބުނި ގޮތުގައި މި އެކްސްޕޯ ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ޞިއްޙީ އަދި އިޖުތިމާޢީ ދުޅަހެޔޮ އާދަތަކަށް އާންމުން ހޭލުންތެރި ކުރުވުމެވެ. މީގެއިތުރުން ދެޖިންސުގެ ހަމަހަމަކަމާއި، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި، ޤައުމީ އަދި އިޖުތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމުތަކާ ގުޅޭ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަކީވެސް މި އެކްސްޕޯގެ މަގުސަދެކެވެ.
މި އެކްސްޕޯ ފަރުމާކޮށްފައިވަނީ ސިއްހީ ދާއިރާގެ އެންމެހާ މުއައްސަސާތަކާއި ޚިދުމަތްދޭ ތަންތަން އެއްތަނަކުން ބައްދަލުވެ، ވުޒާރާއާ ގުޅޭ ޝަކުވާތައް ބަލައިގަނެ ޖަވާބުދާރީވުމުގެ އިތުރުން، އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފަދަ މާހައުލެއްގައެވެ.
އެގޮތުން ކުޑަކުދިންނަށް ޚާއްސަކޮށްގެން ހެލްތު ޗެކަޕް ހެދުމާއި، މިންހެޔޮ ކާނާއާއި ކުދިން ހެދިބޮޑުވުމާ ގުޅޭ މައުލޫމާތު ދިނުމާއި، ވެކްސިން އަދި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ވަނީ ރާވާފައެވެ. އަދި ބިދޭސީންނަށް އަމާޒުކޮށްގެން ސިއްހީ މައުލޫމާތާއި ސްކްރީނިންގ ކުރިއަށްދާއިރު، ޒުވާނުންނަށް ޚާއްސަ ހަރަކާތްތަކާއި ނަފްސާނީ ދުޅަހެޔޮކަމުގެ މައުލޫމާތު ދިނުމުގެ ސެޝަންތައްވެސް އެކްސްޕޯގައި ކުރިއަށްދާނެއެވެ. މީގެއިތުރުން ކެއިންބުއިމުގެ ރަނގަޅު އާދަތައް ދަސްކޮށްދޭ ކާބޯތަކެތީގެ ސްޓޯލްތައްވެސް މި އެކްސްޕޯގައި ވަނީ ހިމަނާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލް އިން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް !
4 ގަޑިއިރު ކުރިން

ގަސް ކަނޑާލިޔަ ނުދިނުމަށް ތިމާވެށީގެ އެކްޓިވިސްޓް ގަހަށް އަރައި އޮށޯވެއްޖެ!
4 ގަޑިއިރު ކުރިން

ޔޫރަޕުގެ އެކިގައުމުތަކަށް ނިސްބަތްވާ 7 ފްލައިޓަކަށް އެއްފަހަރާ ބޮން އަޅާނެ ކަމުގެ އިންޒާރާއެކު އެތަކެއް ގެއްލުމެއް!
5 ގަޑިއިރު ކުރިން

އަކަފޫޓަކަށް 2000ރ ގެ މަގުން މާލެއިން 49 ބިމެއް ވިއްކާލަނީ
5 ގަޑިއިރު ކުރިން


