logo

ޢަރަބި އިސްލާމީ ތަޢުލީމު އުނގެނުމުން ލިބޭ ފައިދާތައް

profile

ޒިދާން މުޙައްމަދު - 06 އޯގަސްޓު 2025 - 02:55

ދިވެހީން ގަބޫލުކުރާ ދިވެހީންގެ ދީނަކީ އިސްލާމްދީނެވެ. ދުސްތޫރީ ގޮތުންވެސް ލިޔެވި ފެންނާން އޮތް ހަގީގަތަކީ މިއެވެ. ޤާނޫނުއަސާސީގައި ވަރަށް ސަރީހަ އިބާރާތުން ދައުލަތުގެ ދީން ކަމަށް ބުނެފައިވަނީ އިސްލާމްދީނެވެ.

https://wamco.com.mv/

ޝައްކެތްވެސް ނެތް ގޮތުގައި ޢަރަބިބަހަކީ އިސްލާމްދީނުގައި ވަރަށް ހާއްސަ މަގާމެއް ދެވިފައިވާ ބަހެކެވެ. ދީނުގެ މައި މަސްދަރު ކަމަށްވާ ކީރިތި ޤުރްއާން ބާވާލެއްވުނީ ޢަރަބިބަހުންނެވެ. ވީއިރު އިސްލާމީ މުޖުތަމައެއްގައި ޢަރަބިބަސް އުނގެނި، ޢަރަބިބަހުގެ ޢިލްމު ފެތުރުން މުހިންމެވެ. ކީރިތި ޤުރްއާންގެ މަހުފޫމްތައް ދެނެގަތުން ފަދަ އެތަކެއް ފަސޭހައެއް އެކަމުން ލިބޭތީއެވެ.

ރާއްޖޭގެ ތަޢުލީމު އިނގިރޭސި މީޑިއަމަށް ބަރޯސާވެފައިވީ ނަމަވެސް އިސްލާމީ ގައުމެއްގައި މިކަން އޮންނަންޖެހެނީ މިހެން ބާވައޭ އަހަރެން ހިތަށް އަރައެވެ. އެހެނީ، އިސްލާމްދީނުގެ ޢިލްމުވެރިންގެ އަރިހުގައި، އިސްލާމީ ގައުމެއްގެ އަސްލަކީ މުޅި ތަޢުލީމީ ނިޒާމު ޢަރަބި އިސްލާމީ ތަޢުލީމުގެ މައްޗަށް ބިނާވެފައިވުމެވެ. ޢަރަބި އިސްލާމީ ތައުލީމަކީ އާދޭސްކޮށް، ހަނގުރާމަ އިއުލާންކޮށްގެން ހޯދަންޖެހޭ އެއްޗެއް ނުމެނޫންމެއެވެ. އެއީ އިސްލާމީ މުޖުތަމައެއްގެ ދަރީންނާއި މައިންބަފައިންނަށް އޮތް އަސާސީ ހައްގެއްގެ ގޮތުގައި އިސްލާމީ ޢިލްމުގެ އަހުލުވެރީން ސިފަކުރައްވައެވެ.

ޝެއިޚުލް އިސްލާމް އިމާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ޢަރަބި ބަސްވަނީ ދީނުގެ ތެރެއިންނެވެ. އަދި އެބަސް ދެނެގަތުމަކީ ވާޖިބެކެވެ. ހަމަކަށަވަރުން ﷲ ތަޢާލާގެ ފޮތާއި ސުންނަތް ދެނެގަތުމަކީ ވާޖިބެކެވެ. އެދެކަންތައްތައް ޢަރަބި ބަސް ނޭނގޭނަމަ ދެނެނުގަނެވޭނެއެވެ. ވާޖިބެއް ފުރިހަމަކުރުމަށް ކުރަންޖެހޭ ކޮންމެ ކަމަކީވެސް ވާޖިބެކެވެ."

ރާއްޖޭގެ ސުކޫލްތަކުގެ 99 އިންސައްތައަކީ އިނގިރޭސި މީޑިއަމަށް ކިޔަވައިދޭ ސްކޫލްތަކެވެ. ގައުމުގައި މާދަރީބަހަށްވުރެ ވެސް މިރާއްޖޭގައި އިސްކަންދެނީ އިނގިރޭސި ބަހަށެވެ. ޢަރަބިބަސް އޮތް ހިސާބަށް ބަލާއިރު، ރާއްޖޭގައި ޢަރަބި އިސްލާމީ ތައުލީމު އުނގަންނައިދޭ ހުރީ އެންމެ މަދަރުސާއެކެވެ. އެއީ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއެވެ.

ޢަރަބިއްޔާ ސްކޫލަކީ ރާއްޖޭގެ ޢަރަބި އިސްލާމީ ތަޢުލީމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި އަދި މިއަދު ވެސް އަދާކުރަމުންދާ ސްކޫލެކެވެ. އެ ސްކޫލުން ތަޢުލީމު ޙާޞިލްކޮށްފައިވާ ދަރިވަރުންނަކީ ދީނާއި ވަޠަނަށް ގިނަގުނަ ޚިދުމަތްތަކެއް އަދާކުރަމުންދާ ބައެކެވެ. މަދަރުސާގެ ޢުމުރުން 38 އަހަރު ފުރިފައިވާ އިރު، މި ދިވެހި މުޖްތަމަޢުގެ ވަރަށް ގިނަ ބައެއްގެ ހިތްތައް ވަނީ މި މަދަރުސާ އަށް އަމާޒުވެފައެވެ.

އިސްލާމްދީނުގެ މަތިވެރި ޤާނޫނާއި އެ ދީނުގެ ހުރިހައި ޢިލްމެއް ދިވެހީންގެ ގާތުގައި ހިމެނިފައި ވަނީ އެހެން ހުރިހައި އެއްޗަކަށް ވުރެ ޙުރުމަތްތެރިކަން ލިބިގެން ވާ ތަކެތި ކަމުގައެވެ. އަދި އިސްލާމް ދީނުގެ އަޞްލު ކަމުގައި ވާ ކީރިތި قرآن އެ ބަހަކުން ބާވައިލެއްވި ޢަރަބި ބަސްވެފައި އޮތީ، އެންމެ ގާތް އަދި ލޮބުވެތި ބަސް ކަމުގައެވެ. މިހެން ކަން ދިމާ ވުމުގެ ސަބަބުން ދާދި ފަހަކާ ޖެހޭންދެން ދިވެހީންގެ ތަޢުލީމުގެ އަޞްލެއް ކަމުގައި ބެލެވިފައި ވަނީ ޢަރަބި ބަހެވެ. ދިވެހި ބަހުން ލިޔެވިފައި ވާ ނަމަ ވާ ތަކެއްޗެއްގެ ޢިލްމީ ބާރުވެރިކަމުގެ އަޞްލަކަށް ވެފައި އޮތީ ވެސް ޢަރަބި ބަހެވެ. މި ނޫން ގޮތްގޮތަށް އޮއިވަރު ބަދަލު ވާން ފެށީ މިދިޔަ ފަންސާހަކަށް އަހަރުގެ ތެރޭގައެވެ.

ޢަރަބިބަސް އުނގެނި ދަސްކުރުމަށް މުސްލިމުންނަށް ބާރުއަޅުއްވަމުން ޢުމަރުގެފާނު ވިދާޅުވިއެވެ.

"ޢަރަބިބަސް އުނގެނޭށެވެ! ފަހެ، ހަމަކަށަވަރުން އެއީ ތިޔަބައިމީހުންގެ ދީނުގެ ތެރެއިންވާ އެއްޗެކެވެ."

ދީނީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޢަރަބިބަހުން ވާހަކަ ދެއްކުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އެހެނަސް ޢަރަބި ބަހުން ވާހަކަ ދެއްކުން ގަދަވެގެންވާ ސުންނަތެއްގެ ގޮތުގައި އޮތަސް އުއްމަތުގެ ސަލަފުންގެ ގިނަ ޢިލްމުވެރީން ދެކެވަޑައިގަންނަވާ ގޮތުގައި ޢަރަބި ބަސް އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެކެވެ. މިފަދަ ޢިލްމުވެރީންގެ ތެރޭގައި ޝައިޚުލްއިސްލާމްގެ ނަމުން މަޝްހޫރު ވެވަޑައިގެންފައިވާ އިބްނުތައިމިއްޔާ ހިމެނެއެވެ.

ޝައިޚުލްއިސްލާމް ވިދާޅުވިއެވެ.

“ހަމަކަށަވަރުން ޢަރަބި ބަސް ވަނީ ދީނުގެ ތެރެއިންނެވެ. އަދި އެބަސް އުނގެނުމަކީ ވާޖިބު، ފަރުޟެކެވެ. ފަހެ، ހަމަކަށަވަރުން ﷲގެ ފޮތާއި، ނަބިއްޔާގެ ބަސްފުޅުތައް އެނގުމަކީ ފަރުޟެކެވެ. ޢަރަބި ބަހުން މެނުވީ އެ ބަސްފުޅުތަކެއް ނޭނގޭނެއެވެ. ވާޖިބުކަމެއް ފުރިހަމަ ކުރުމަށް ޓަކައި ކޮންމެހެން ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަ ކުރުމަކީ ވެސް ވާޖިބެކެވެ.”

ކީރިތި ޤުރުއާނަށް ބަލާލަމާ ހިނގާށެވެ. މާތް ﷲ – ﺳﻮرة اﻟﻨﺴﺎءގައި ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

“އޭ إﯾﻤﺎن ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (ނަމާދުގައި) ކިޔާ އެއްޗެއް ތިޔަބައިމީހުންނަށް އެނގިއްޖައުމަށް ދާނދެން، ތިޔަބައިމީހުން މަސްތުވެގެން ތިބޭ ﺣﺎل ތިޔަބައިމީހުން ނަމާދާ ގާތްނުވާށެވެ!."

އިބުނުތައިމިއްޔާ ވިދާޅުވަނީ މިއާޔަތުގައި މަސްތުވެގެން ތިބޭ ﺣﺎل ނަމާދާއި ގާތްނުވުމަށް އަންގަވާފައި އެވަނީ، ނަމާދުގައި ކިޔޭނުކިޔޭ އެއްޗެއް އެފަދަ މީހަކަށް ނޭނގުމުގެ ސަބަބުން ގަދަކީރިތިވަންތަ މާތްﷲގެ ހަޟްރަތުގައި މުނާޖާ ދަންނަވަން އެހުންނަ ހުރުމުގެ ހަޤީޤީ ހައިސިއްޔަތު ގެއްލިގެންދާ ކަމަށްޓަކައެވެ.

ނަމާދުގެ އެންމެ މުހިއްމު އެއް މަޤްޞަދަކީ މާތްﷲއާއި އަޅާއާއި ދެމެދު ހިތާއި ރޫހާއި، ދުލާއި ހަށިގަނޑުގެ ގުނަވަންތަކާއި އެކު ހިތްނިޔަތް ޚާލިސްކުރާ ހާލު އެކަލާނގެ މަތިވެރިކަމާއި ހައިބަތުވަންތަކަމުގެ ބޮޑުކަން އިޙްސާސްކޮށް ބިރުވެތިވުން ކަމުގައި ވާހިނދު، ނަމާދުގައި ކިޔޭ ތަކެތީގެ މާނަ ފަހުމްނުވާ މީހާ މަސްތުވުމެއް ނެެތްހާލުގައި ނަމާދަށް އެރި ނަމަވެސް ހަޤީޤަތުގައި މަސްތުވެގެން ހުންނަމީހާއާއި ނަމާދުގައި ކިޔޭ އެއްޗަކާއިމެދު ޣާފިލްވެފައިވާ އެމީހާއާއި މާބޮޑުތަފާތެއް ނުހުންނާނެތީއެވެ. އިބުނުތައިމިއްޔާވަނީ މިދެހާލަތުގައި ތިބޭ ދެމީހުންގެ حكم ގާތްގަނޑަކަށް އެއްގޮތް ކުރައްވާފައެެވެ.

އަދިވެސް އެބޭފުޅާގެ މަޝްހޫރު އެހެން ބަސްފުޅެކެވެ. “ޢަރަބި ބަހަކީ އިސްލާމްދީނާއި އެ ދީނުގެ އަހުލުވެރީންގެ ޝިޢާރެވެ. ބަސްބަހީ ގައުމުތަކުގެ އެންމެ ފާޅުކަން ބޮޑު ޝިޢާރެވެ. ގައުމުތައް ވަކިކޮށް ދައްކައިދޭ އިންފާހަގައަކީ ބަހެވެ.”

މިއީ ވަރަށްވެސް ބޮޑު ހަޤީޤަތެކެވެ. ޢަރަބިބަހާއިމެދު މީސްތަކުން އަދި ޚާއްސަކޮށް ޢަރަބީންވެސް ޣާފިލްވަމުން ދިޔުމުގެ ސަބަބުން ދީނީގޮތުން އެތައް ފިތުނަތަކަކާއި ބިދުޢަތަކެއް އުފެދި ޖާހިލުކަން އަދިވެސް ހަމަހުރެ ދަނީ އިތުރުވަމުންނެވެ.

ދީނުގެ ކަންކަމުގައި މީސްތަކުން ޖާހިލުވެ، ދެކޮޅުވެރިކަން އުފެދުމުގެ ސަބަބަކީ ޢަރަބި ބަސް ދޫކޮށްލައި، ޔޫނާނީންނާއި ރޫމީންގ ބަހަށް (ހުޅަނގުގެ ބަސްތަކަށް) ލެނބި ޝައުޤުވެރިވުމެވެ. ބިދުޢަ އުފެދުމުގެ އަޞްލު ސަބަބަކީ ޢަރަބި ބަސް ނޭނގުމެވެ. ޢަޖަމިއްޔަތު (ނުވަތަ ޢަރަބި ނޫން ބަސްބަހުގެ އަސަރު) ގެ ސަބަބުން ބިދުޢަވެރީން ވަނީ ޙައްޤު ދެނެގަތުމަށް ނުކުޅެދިފައެވެ.

ކޮންމެއަކަސް މާތްﷲ ވަނީ ފުރިހަމަވެގެންވާ ފޮތެއް (އެބަހީ: ކީރިތި ﻗﺮآن) ފުރިހަމަވެގެންވާ ބަހަކުން (އެބަހީ: عرب ބަހުން) ބަހުން ބާވައިލައްވާފައެވެ. އެފޮތުގައި އެއްވެސް އުނިކަމެއް އަދި އެއްވެސް ގުދުކަމެއްވިޔަސް ނުވެއެވެ.

“ހަމަކަށަވަރުން، ތިމަންއިލާހު މި ﻗﺮآن ގައި މީސްތަކުންނަށް، ހުރިހާ ބާވަތަކުން ﻣﺜﺎل ޖެއްސެވީމެވެ. (އެއީ) އެއުރެން ހަނދުމަކުޅައުމަށް ޓަކައެވެ. އެއްވެސް ގުދުކަމެއްނުވާ، ﻋﺮب ބަހުން އޮތް ﻗﺮآن އެއްގެގޮތުގައެވެ. (އެއީ) އެއުރެން ﺗﻘﻮى ވެރިވުމަށް ޓަކައެވެ.” – ﺳﻮرة اﻟﺰﻣﺮ: 28-27 –

https://wamco.com.mv/
https://eportal.mwsc.com.mv/e-pay