
ކޮންގޯގެ އިތުރު ޕްރޮވިންސަކަށް އެބޯލާ ފެތުރި، ބަލިޖެހުނު މީހުންގެ އަދަދު 7،000 އިން މައްޗަށް!

އާމިނަތު ޝަޒްލާ - 12 ސެޕްޓެމްބަރު 2026 - 12:58
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރް ކޮންގޯ) ގެ އިތުރު ޕްރޮވިންސަކަށް އެބޯލާ ވައިރަސް ފެތުރި، މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 7،000 އިން މައްޗަށް އަރައިފިއެވެ.
ކޮންގޯގެ ސަރުކާރުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، އެ ގައުމުގެ ހަތް ޕްރޮވިންސަކުން މިހާތަނަށް 7،022 މީހަކަށް މި ބަލި ވަނީ ޖެހިފައެވެ. އަދި މި ބަލިމަޑުކަމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،398 އަށް އުފުލިފައެވެ.
ބަންޑިބޫޖޯ ވައިރަހުގެ ޒަރީއާއިން ފެތުރޭ މި ބަލިމަޑުކަމަކީ، 2018 އިން 2020 އަށް އެ ގައުމުގައި ހިނގި އެބޯލާގެ ހާދިސާއަށް ވުރެ ވެސް ނުރައްކާތެރި، އަދި ކޮންގޯގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ފަހަރު ކަމަށް ސިއްހީ މާހިރުން ފާހަގަކުރައްވައެވެ. މިއީ މުޅި ދުނިޔޭގެ ތާރީޚުގައި ވެސް އެބޯލާގެ ސަބަބުން ކުރިމަތިވި ދެވަނައަށް އެންމެ ބޮޑު ބަލިމަޑުކަމެވެ. މީގެ ކުރިން އެބޯލާގެ އެންމެ ނުރައްކާތެރި ރާޅު ފެތުރިގެން ދިޔައީ 2014 އިން 2016 އަށެވެ. އެ ފަހަރު ގިނީ، ލައިބީރިއާ، އަދި ސިއެރަ ލިއޯން ހިމެނޭހެން 28،600 އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހި، 11،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ކޮންގޯގައި މިހާރު ހަލުވިކަމާއެކު ބަލި ފެތުރެމުންދާ މައި ސަރަހައްދާ ދުރުގައި އޮންނަ، އެ ގައުމުގެ ހުޅަނގު އުތުރުގެ ދެކުނު އުބަންގީ ޕްރޮވިންސުން ވެސް މިހާރު ވަނީ މި ބަލީގެ ކޭހެއް ފެނިފައެވެ. ރަސްމީ އިދާރާތަކުން ހާމަކުރި ގޮތުގައި، ސެޕްޓެންބަރު 8 ގައި މަރުވި އުމުރުން 23 އަހަރުގެ ފިރިހެނަކު ވަނީ ބަންޑިބޫޖޯ ވައިރަހަށް ޕޮޒިޓިވް ވެފައެވެ.
މި މީހާއަކީ ޖުލައި 10 ވަނަ ދުވަހު އިރުމަތީ ކޮންގޯގެ ދެކުނު ކީވޫ ދޫކޮށް ގައުމުން ބޭރަށް ދިއުމަށްފަހު، ކޮންގޯ ރިޕަބްލިކާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކް ގުޅޭ ސަރަހައްދީ ބޯޑަރު ކައިރީގައިވާ ދެކުނު އުބަންގީއަށް އެނބުރި އައި މީހެކެވެ. ކޮންގޯގެ ސިއްހީ ވުޒާރާއިން ބުނި ގޮތުގައި، މި ކޭހާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް މިހާރު ދަނީ ވަރަށް ބާރަށް ކުރިއަށެވެ.
މި ހާލަތާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކުރި ގޮތުގައި، އެބޯލާ ވައިރަސް ފެތުރެމުންދަނީ ސިއްހީ އިދާރާތަކަށް ކޮންޓްރޯލް ކުރެވޭ މިންވަރަށް ވުރެ މާ ހަލުވި ދުވެއްޔެއްގައެވެ. އަދި މި ބަލިމަޑުކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް އެ ޖަމްއިއްޔާއިން ވަނީ އިންޒާރު ދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިސްކިތުގެ ތެރޭގައި ޤަޟާހާޖަތްކުރި މީހަކު ހައްޔަރުކޮށްފި!
10 ގަޑިއިރު ކުރިން

އާއިލާގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 20 އަހަރަށް ޖަލަށް!
10 ގަޑިއިރު ކުރިން

ވަޤުފުތަކާއި މިސްކިތްތައް ބެލެހެއްޓުމަށް ސަރުކާރުން އައު ކުންފުންޏެއް އުފައްދައިފި
14 ގަޑިއިރު ކުރިން

ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތައް ޖީއެސްޓީއަށް ރަޖިސްޓްރީކުރަން މީރާއިން އަންގައިފި
16 ގަޑިއިރު ކުރިން


