logo

ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތައް ޖީއެސްޓީއަށް ރަޖިސްޓްރީކުރަން މީރާއިން އަންގައިފި

profile

އާމިނަތު ޝަޒްލާ - 12 ސެޕްޓެމްބަރު 2026 - 10:59

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ފޯރުކޮށްދޭ ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޖީއެސްޓީއަށް ރަޖިސްޓްރީ ކުރުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންގައިފިއެވެ. ޑެސްޓިނޭޝަން ޕްރިންސިޕަލްއާ އެއްގޮތަށް މި ޓެކްސް ނެގުމަށް ޤާނޫނުގައި ބަޔާންކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

https://wamco.com.mv/

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އެންމެ ފަހުން ގެނެވުނު އިސްލާހުގައިވާ ގޮތުން، ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ބުކިންގ ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ރާއްޖޭގައި ދެވޭ ޚިދުމަތްތަކުން ޖީއެސްޓީ ނެގޭނެއެވެ. މި ޤާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް މީރާއިން މިހާރު ފަށާފައިވާއިރު، މިކަމާއި ގުޅިގެން ނެރުނު ސާކިއުލާގައި ޖީއެސްޓީއަށް ރަޖިސްޓަރ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މީރާގެ ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އެތެރޭގައި ޚިދުމަތް ދޭ ކަމުގައި ބަލާނެ ޚިދުމަތްތަކަކީ ރާއްޖެއަށް ކުރާ ދަތުރުތަކާއި، ފަތުރުވެރިންނަށް ރާއްޖޭގައި ހަމަޖައްސައިދޭ ކެއުމާއި ބުއިމުގެ ޚިދުމަތުގެ އިތުރުން ހުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ޚިދުމަތްތަކެވެ. އެހެންކަމުން، މިއިން އެއްވެސް ޚިދުމަތެއް ރާއްޖޭގައި ދޭނަމަ، ބޭރުގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިއެއް ނަމަވެސް ޖީއެސްޓީ ދައްކަން ޖެހޭނެ ކަމަށް މީރާއިން ވިދާޅުވިއެވެ.

މީރާއިން ވަނީ ޖީއެސްޓީއަށް ރަޖިސްޓްރީ ވާންޖެހޭ ފަރާތްތަކުގެ ތަފްސީލުވެސް ހާމަކޮށްފައެވެ. އެގޮތުން، ރާއްޖޭގެ އެތެރޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ވިއްކާ ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި، ބޭރުގެ ޓްރެވަލް އޭޖެންޓުންނާއި، އޮންލައިން ޓްރެވަލް އެޖެންސީތަކާއި، ބެޑް ބޭންކުތަކާއި، އެކޮމޮޑޭޝަން ހޯލްސޭލްކުރާ ފަރާތްތަކާއި، ޑެސްޓިނޭޝަން މެނޭޖްމަންޓް ކުންފުނިތަކާއި، ޗާޓަރު އޮޕަރޭޓަރުންގެ އިތުރުން ބުކިންގ ޕްލެޓްފޯމްތައް ހިމެނެއެވެ. މީގެ އިތުރުންވެސް، މިފަދަ ޚިދުމަތްތައް ރާއްޖޭގައި ދޭ އެހެނިހެން ފަރާތްތައްވެސް މި ލިސްޓުގެ ތެރޭގައި ހިމެނޭނެ ކަމަށް މީރާއިން ފާހަގަކުރެއެވެ.

ހަމައެއާއެކު، އެތެރޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާ ގުޅޭ އޭޖެންސީ ނުވަތަ ބުކިންގ ޚިދުމަތްތައް ފޯރުކޮށްދޭ އޮންލައިން ޓްރެވަލް އޭޖެންޓުންނާއި، ބުކިންގ ޕްލެޓްފޯމްތަކާއި، އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުތައް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭ ފަރާތްތައްވެސް ރަޖިސްޓްރީވާން ޖެހޭނެ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މީރާއިން ބުނި ގޮތުގައި، މި ރަޖިސްޓްރޭޝަން މަރުހަލާ ކުރިއަށް ގެންދަން ޖެހެނީ އެ އިދާރާގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށެވެ. ރަޖިސްޓްރީވުމާއެކު، ޖީއެސްޓީ ދެއްކުމަށް ބޭނުންވާ 'ޖީއެސްޓީ ޓިން' ނަންބަރު ހިމެނޭ ސެޓްފިކެޓް ދޫކުރެވޭނެއެވެ. އަދި 'މީރާ-ކަނެކްޓް' މެދުވެރިކޮށް އެކައުންޓެއް ހަދައި ޖީއެސްޓީގެ އެންމެހައި ކަންކަން ކުރިއަށް ގެންދިއުމުގެ މަގު ފަހިވެގެންދާނެއެވެ. ރަޖިސްޓްރީ ވުމުގެ ފުރިހަމަ ގައިޑެއް މިހާރު ވަނީ މީރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.

މި އައު އުސޫލާ ގުޅޭގޮތުން ޖީއެސްޓީއަށް ރަޖިސްޓަރވާ ބޭރުގެ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މީރާއިން ވަނީ ޚާއްސަ އީމެއިލް އެޑްރެހެއްވެސް ތަޢާރަފްކޮށްފައެވެ. އެގޮތުން، ރާއްޖެއިން ބޭރުގެ ފަރާތްތަކުން މިކަމާ ގުޅޭ ސުވާލުތަކާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް އަށް މެއިލް ކުރުމަށް މީރާއިން ވަނީ އެދިފައެވެ.

https://wamco.com.mv/
tel:+9607331319