
ވަޤުފުތަކާއި މިސްކިތްތައް ބެލެހެއްޓުމަށް ސަރުކާރުން އައު ކުންފުންޏެއް އުފައްދައިފި

އާމިނަތު ޝަޒްލާ - 12 ސެޕްޓެމްބަރު 2026 - 12:58
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމަށާއި، މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި ޚާއްޞަ ސަރުކާރު ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ކުންފުނި އުފައްދަވާފައިވަނީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ނަންބަރު 2026/14 ގެ ޤަރާރުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި މި ކުންފުނީގެ ނަމަކީ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" އެވެ.
މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް ދެމެހެއްޓެނިވި ގޮތެއްގައި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމެވެ.
މީގެއިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްތައް ކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ޤާއިމުކޮށް ތަރައްޤީކުރުމަކީވެސް މި ކުންފުނީގެ މުހިންމު މަސްއޫލިއްޔަތެކެވެ. އަދި އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް މި ކުންފުނީގެ ދަށުން ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިސްކިތުގެ ތެރޭގައި ޤަޟާހާޖަތްކުރި މީހަކު ހައްޔަރުކޮށްފި!
10 ގަޑިއިރު ކުރިން

އާއިލާގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 20 އަހަރަށް ޖަލަށް!
10 ގަޑިއިރު ކުރިން

ކޮންގޯގެ އިތުރު ޕްރޮވިންސަކަށް އެބޯލާ ފެތުރި، ބަލިޖެހުނު މީހުންގެ އަދަދު 7،000 އިން މައްޗަށް!
14 ގަޑިއިރު ކުރިން

ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތައް ޖީއެސްޓީއަށް ރަޖިސްޓްރީކުރަން މީރާއިން އަންގައިފި
16 ގަޑިއިރު ކުރިން


