
އަމީނީ މަގު މަރާމާތުގެ މަސައްކަތް ނޮވެންބަރު މަހު ނިމޭނެ: އެމްޓީސީސީ

މުޙައްމަދު ފަޟްލޫން - 06 އޯގަސްޓު 2026 - 11:17
އަމީނީމަގު މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމަން ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީ އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން އަމީނީމަގުގެ ފުރަތަމަ ސެގްމަންޓްގެ އަމަލީ މަސައްކަތް މި މަހުގެ 3 ވަނަ ދުވަހު ފަށާފައިވާއިރު، މިހާރު ކުރިއަށްދަނީ މަގުގައި ކުރިން އަޅާފައިވާ ތާރުގަނޑު ނެގުމުގެ މަސައްކަތެވެ.
އެމްޓީސީސީން ބުނި ގޮތުގައި، ތާރުގަނޑު ނެގުމަށްފަހު ދެން ކުރިއަށްދާނީ މަގުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަރުހަލާއެވެ.
މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު ހަވާލުކުރި މި މަޝްރޫޢުގެ ދަށުން، މަގު ހެދުމުގެ އިތުރުން ބަސް ހުއްޓިތައް ހުންނަ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް ވަނީ ރޭވިފައެވެ.
މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، މިހާރު މަސައްކަތް ކުރިއަށްދާ ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަޙައްދު ވަނީ އާންމު ދަތުރުފަތުރަށް ބަންދުކޮށްފައެވެ.
އެމްޓީސީސީން އިތުރަށް ބުނީ، ފުރަތަމަ ސެގްމަންޓްގެ ތާރުއަޅާ ނިމުމުން އެ ސަރަޙައްދު އާންމުންނަށް ހުޅުވާލުމަށްފަހު، ދެވަނަ ސެގްމަންޓްގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް އޮތް ސަރަޙައްދުގެ މަސައްކަތް ފަށާނެ ކަމަށެވެ.
މުޅި މަޝްރޫޢުގެ ހުރިހާ މަރުހަލާއެއް ނިންމާ، އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އަމީނީމަގު އެއްކޮށް ބޭނުންކުރަން ފެށޭވަރު ވާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އަމީނީ މަގު އަލުން މަރާމަތު ކުރުމުގެ އިތުރުން ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރުއަޅާފައިވާ ސަރަޙައްދުތަކުގައި ހަލާކުވެފައި ހުރި ތަންތަން މަރާމާތު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

"އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް" އެމްޓީސީސީގެ އިހުމާލާއި ރައްޔިތުންގެ ކަނބޮޑުވުން އިންތިހާޔަށް
8 ގަޑިއިރު ކުރިން

މި ހަފްތާ ބަންދުގައިވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ: މެޓް އޮފީސް
8 ގަޑިއިރު ކުރިން

އޭދަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަން އާރްޑީސީން ތައްޔާރުވެއްޖެ
8 ގަޑިއިރު ކުރިން

މޯލްޑިވްސް ލިވިންގ އެކްސްޕޯގެ 14 ވަނަ އެޑިޝަން ހުޅުމާލޭގައި ފަށައިފި
8 ގަޑިއިރު ކުރިން


