
އާރުޑީސީން އަމީނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން
"އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް" އެމްޓީސީސީގެ އިހުމާލާއި ރައްޔިތުންގެ ކަނބޮޑުވުން އިންތިހާޔަށް

ރިޟްވާން މޫސާ - 06 އޯގަސްޓު 2026 - 13:53
މާލޭގެ އެންމެ ބާރުބޮޑު އަދި މުހިންމު އެއް މަގު ކަމަށްވާ އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތާރުއެޅުމުގެ ބޮޑު މަޝްރޫޢަކީ ރައްޔިތުންގެ ގިނަ އުންމީދުތަކަކާއެކު ފެށުނު މަޝްރޫޢެކެވެ. ނަމަވެސް، މަސައްކަތް ނިމި ގިނަ ދުވަސްތަކެއް ނުވަނީސް މަގުގެ ތާރުގަނޑު ހަލާކުވެ، އަލުން މަރާމާތުކުރަން ޖެހުމާ ގުޅިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އަށް ވަނީ އިހުމާލުގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައެވެ.
މަރާމާތުގެ މަސައްކަތަށް މަގުގެ ބައެއް ބަންދުކުރުމުގެ ސަބަބުން، މާލޭގެ މައި ދަތުރުފަތުރުގެ ނާރެސް ކަމަށްވާ އަމީނީ މަގުގައި ނުހަނު ބޮޑަށް ޓްރެފިކް ތޮއްޖެހި، ސްކޫލް ކުދިންނާއި ވަޒީފާއަށްދާ އާންމުންނަށް އިންތިހާއަށް ދަތިތަކާ ކުރިމަތިލާންޖެހެ އެވެ. ތަކުރާރު އެއް މަސައްކަތެއް ދެވަނަ ފަހަރަށް ކުރާތީ ރައްޔިތުން ތިބީ ހިންހަމަ ޖެހިފައި ނޫންކަން މީސް މީޑިޔާތަކުންނާއި ރައްޔިތުން ދައްކަމުން އަންނަ ވާހަކަ ތަކުން ވަރަށް ރަނގަޅަށް ހާމަ ވެ އެވެ.
އަމީނީ މަގުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
މި މަޝްރޫއުގެ ތާރީހީ ހުލާސާ އަކަށް ބަލާލާއިރު 03 ޖުލައި 2022 ވަނަ ދުވަހުގައި އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ.
2022 ސެޕްޓެމްބަރ މަހުގެ ތެެރޭގައި އަމީނީ މަގުގައި ޢަމަލީ ގޮތުން މަސައްކަތް ފެށުނެވެ. މީގެ ތެރޭގައި ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، އޮޕްޓިކަލް ފައިބަރ ކޭބަލްތައް އަޑިއަށްލައި، ނުވަ ކިލޯމީޓަރުގެ ސަރަޙައްދެއްގައި ފެންހިންދާ ނިޒާމު ޤާއިމުކުރުން ހިމެނެއެވެ.
މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އައި އާރުޑީސީގައި މި މަސައްކަތައް ބޭނުންވާ އެކަށޭނެ ސާމާނާއި ތަކެތި އަދި މަސައްކަތުގެ ފަންނީ މީހުން ނެތުމުގެ ސަބަބުން 2023 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އެމްޓީސީސީއާ ސަބްކޮންޓެކްޓްކޮށް ހަވާލު ކުރެވުނެވެ. އާރުޑީސީން ކުރެވުނު މަސައްކަތުން އަމީނީ މަގުގެ އެކި ސެގްމެންޓްތަކުގައި ތާރުއަޅައި، ޖުމްލަ 1.7 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމުގެ މަސައްކަތް ނިންމާލިއެވެ.
އާރްޑީސީން އަމީނީ މަގުގައި ތާރު އެޅުން - ފޮޓޯ- އާރްޑީސީ
މަގު ހެދުމުގެ މަސައްކަތުގެ ވައްޓަފާޅި ނޭނގި މަސައްކަތަށް ފަރުވާ ކުޑަ ކުރުމުގެ ސަބަބުން އެމްޓީސީސީން ކުރި މި ބޮޑު ޕްރޮޖެކްޓުގެ މަސައްކަތް މުޅިން ދިޔައީ އިސްރާފަށެވެ. މަސައްކަތުގައި ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށް ރައްޔިތުންގެ ފައިސާ އިން އެތަކެއް މިލިއަން ރުފިޔާ އެއް ކަނޑަށް އެޅުން ފަދަ ނުވަތަ ނުކުރާ މަސައްކަތެއްފަދަ ވުމުން ރައްޔިތުންގެ ނުރުހުން އެމްޓީސީސީ އަށް އަމާޒުވެ މި ވާހަކަ ދެކެވެން ފެށި އެވެ.
ހާއްސަ ގޮތެއްގައި ފުޑު ކޯޓު ހިމެނޭ ސަރަހައްދުން މަގުގެ ބޭނުން ނުކުރެވި ދުއްވާ އެއްޗިއްސާއި ހިނގައި ބިނގައި އުޅުމަށް ދަތިވުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމެއް އުފެދި އެކަމުގެ ޝަކުވާތައް ކުރަން ފެށުނެވެ. ރައްޔިތުންގެ ބަޖެޓުން 84.4 މިލިއަން ރުފިޔާ ޙަރަދުކޮށްގެން ހިންގި މި ބޮޑު ޕްރޮޖެކްޓު މިވީ ބޮޑު ޖަރީމާއެއްގެ ގޮތުގައި ރައްޔިތުން ސިފަކުރަންފެށި އެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ| އާރުޑީސީ
މި ސަރުކާރުން އަލުން މި މަގު ހެދުމުގެ މަސައްކަތްވެސް ހަވާލު މިކުރީ ހަމަ މި ކުންފުންޏާއި ކަމަށް ބުނެ ރައްޔިތުންގެ ފާޑުކިއުންތައް އަމާޒުވަމުންދާއިރު މަގު ހެދުމުގެ މަސައްކަތައް މަގު ބަންދު ކުރުމުގެ ބަދަލުދަލުގައި މީގެ ކުރިން މަގު ހެދި ކުންފުނި ބަންދުކުރަންވީނޫންތޯ މިއަދު ރައްޔިތުން އެބަ ސުވާލު އުފައްދަވަ އެވެ.
މިއީ ހަމަ ހުރެފައި ވާންޖެހޭނެ ގޮތެއްވެސް ނޫންތާއެވެ. ނުވަތަ މިއީ އަޅުގަނޑު އަމިއްލަ އަށް ދައްކައިގެން އުޅޭ ވާހަކަތަކެއްވެސް ނޫނެވެ. މި ކަމުގައި ދައުލަތުގެ މާލިއްޔަތު ވަކި ކުންފުންޏަކަށް ބަންޑުން ޖަހާލައިގެން މީގެ ކުރިންވެސް ދޯހަޅިކޮށް ނުވަތަ ބޭނުންމެއް ނުހިފޭ ދަރަޖަ އަށް މަސައްކަތް ކޮށްފައިވުމާއި އަލުން ހަމަ އެ ހޭވި ހަޑި ހަމަ އެމީހުން ހާވާން ފެށުމުން ފުލުފުލުގައި މިކަންކަމަށް ފާރަވެރިވެތިބި ރައްޔިތުން ސުވާލު އުފައްދަވާނެ ނޫންތޯ އެވެ.
އަމީނީމަގުގެ މަސައްކަތް ކުރިއަށް ދަނީ
އިހުގެ ދިވެހި މަޖާޒީ ބަހަކުން ބުނާނަމަ "އެމީހަކު ބޭނި ރޮނޑެއްގެ ހަން ދަމާނީ ހަމަ އެމީހެކޭ" ބުނާ އުސޫލުން އެމްޓީސީސީ ހޭވި ހަޑި ރަގަޅުކުރަންވެސް ޖެހޭނީ ހަމަ އެމްޓީސީސީ އަށް ކަމަށް ބުނެ ރައްޔިތުން މިއަދު އެ ކުރަނީ ހަމަ ރަގަޅު ނޫނީ ހައްގު ޝަކުވާއެއް ކަމާމެދު ދެބަސް ވެވޭކަން ނެތެވެ. ކޮންމެއަކަސް ތިޔަ ބޭފުޅުންގެ ގައުމެވެ. ސަރުކާރާއި ރައްޔިތުން ގެ ކުންފުނިތަކުން ކުރާ މިފަދަ ދައުލަތުގެ ފައިސާ އިސްރާފް ކުރާ ކަންކަން ބައްލަވާނީ ތިޔަ ރައްޔިތުންނެވެ. މި ކަންކަމުގައި ގޮތް ނިންމާނީވެސް ތިޔަ ބޭފުޅުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޖޫންމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 406 މިލިޔަން ރުފިޔާގެ އާމްދަނީއެއް
7 ގަޑިއިރު ކުރިން

ހޮރްމުޒް ކަނޑުއޮޅީގެ މަގުތަކުގެ ކޯޑިނޭޓްތަކަށް އީރާނާއި އޮމާނުން އެއްބަސްވުމަކަށް!
8 ގަޑިއިރު ކުރިން

ބަންޑުންޖަހާލި ބޯޓު ފުރާފައިވަނީ ލ.އަތޮޅަކުން ނޫން، ތ.އަތޮޅުން: ފުލުހުން
10 ގަޑިއިރު ކުރިން

އަމީނީ މަގު މަރާމާތުގެ މަސައްކަތް ނޮވެންބަރު މަހު ނިމޭނެ: އެމްޓީސީސީ
10 ގަޑިއިރު ކުރިން


