
ޖޫންމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 406 މިލިޔަން ރުފިޔާގެ އާމްދަނީއެއް

އާމިނަތު ޝަޒްލާ - 06 އޯގަސްޓު 2026 - 13:42
މިއަހަރުގެ ޖޫންމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ، އޭގެ ކުރީ މަހާ އަޅާބަލާއިރު އިތުރުވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ޖޫންމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 406 މިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މޭމަހު ލިބުނު 322 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
މިދިޔަ ޖޫންމަހު ރާއްޖެއަށް މުދާ އިމްޕޯޓް ކުރި މިންވަރުވެސް ވަނީ މޭމަހާ އަޅާބަލާއިރު 21.8 އިންސައްތަ އިތުރުވެފައެވެ. އެގޮތުން ޖޫންމަހު 6.7 ބިލިޔަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު، މޭމަހު އެތެރެކޮށްފައިވަނީ 5.5 ބިލިޔަން ރުފިޔާގެ މުދަލެވެ.
ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތަކަށް ބަލާއިރު، އެންމެ ކުރީގައި އުޅެނީ އޮމާންއެވެ. އެ ގައުމުން 1,601 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރި އިންޑިއާއިން 1,502 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ތިންވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރި ޗައިނާއިން 922 މިލިޔަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.
އިމްޕޯޓް ކުރެވުނު މުދަލުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައީ ތެލާއި ގޭހުގެ ބާވަތްތަކެވެ. އެގޮތުން 1.8 ބިލިޔަން ރުފިޔާގެ ތެލާއި ގޭސް އެތެރެކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކެއުމުގެ ބާވަތްތަކެވެ. އެއީ 1.7 ބިލިޔަން ރުފިޔާގެ މުދަލެވެ. މީގެ އިތުރުން 972 މިލިޔަން ރުފިޔާގެ މެޝިނަރީއާއި އިލެކްޓްރޯނިކްސް ސާމާނުވެސް ޖޫންމަހުގެ ތެރޭގައި ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.
މި ތަފާސްހިސާބުތަކުން ހާމަވާގޮތުގައި ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އިތުރުވެ، އިމްޕޯޓް ކުރާ މިންވަރާއި އޭގެއިން ދައުލަތަށް ލިބޭ އާމްދަނީ އަންނަނީ މަހުން މަހަށް އިތުރުވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

"އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް" އެމްޓީސީސީގެ އިހުމާލާއި ރައްޔިތުންގެ ކަނބޮޑުވުން އިންތިހާޔަށް
7 ގަޑިއިރު ކުރިން

ހޮރްމުޒް ކަނޑުއޮޅީގެ މަގުތަކުގެ ކޯޑިނޭޓްތަކަށް އީރާނާއި އޮމާނުން އެއްބަސްވުމަކަށް!
7 ގަޑިއިރު ކުރިން

ބަންޑުންޖަހާލި ބޯޓު ފުރާފައިވަނީ ލ.އަތޮޅަކުން ނޫން، ތ.އަތޮޅުން: ފުލުހުން
10 ގަޑިއިރު ކުރިން

ގްރޭޑް 10 ގައި ކިޔަވާ ކުއްޖަކު ރޭޕް ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި!
ދުވަހެއް ކުރިން


