
މޯލްޑިވްސް ލިވިންގ އެކްސްޕޯގެ 14 ވަނަ އެޑިޝަން ހުޅުމާލޭގައި ފަށައިފި

އާމިނަތު ޝަޒްލާ - 06 އޯގަސްޓު 2026 - 13:41
"މޯލްޑިވްސް ލިވިންގ އެކްސްޕޯ" ގެ 14 ވަނަ އެޑިޝަން، ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިދިޔަ ބުދަ ދުވަހު ފަށައިފިއެވެ.
މި މަހުގެ 6 އިން 9 އަށް ކުރިއަށްދާ މި މައުރަޒަކީ، ރާއްޖޭގައި ބޭއްވޭ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ބޯހިޔާވަހިކަމުގެ އިތުރުން ގޭބިސީތަކަށް ބޭނުންވާ ސާމާނު ދައްކާލާ އެންމެ ބޮޑު ހަރަކާތެވެ.
"މޯލްޑިވްސް ލިވިންގ އެކްސްޕޯ 2026" ގައި މަޝްހޫރު ބްރޭންޑްތަކާއި، ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނާއި، މާލީ އިދާރާތަކުގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާގެ ސަޕްލަޔަރުންނާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި އެކި ވިޔަފާރިތައް އެއް ފުރާޅެއްގެ ދަށުން ފެނިގެންދާނެއެވެ.
މިއީ ރާއްޖޭގެ ދިރިއުޅުމުގެ މުސްތަގުބަލު ބައްޓަންކުރާނެ އެންމެ ފަހުގެ އުފެއްދުންތަކާއި، އައު އީޖާދުތަކާއި ޚިދުމަތްތައް ތަޖުރިބާކޮށްލުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެ އަގުހުރި ފުރުސަތެކެވެ. ރިއަލް އެސްޓޭޓާއި އިންޓީރިއާ ޑިޒައިނުން ފެށިގެން، ސްމާޓް ހޯމް ޓެކްނޮލޮޖީއާއި ތިމާވެއްޓާ ރައްޓެހި ހައްލުތަކުގެ އިތުރުން، މާލީ ޚިދުމަތްތަކާ ގުޅޭ މުހިންމު މައުލޫމާތުތައް ގެދޮރުވެރިންނަށާއި، އިންވެސްޓަރުންނަށް އަދި މި ދާއިރާގެ ފަންނީ ބޭފުޅުންނަށް މި އެކްސްޕޯއިން ލިބިގެންދާނެއެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތުގައި، އުފެއްދުންތައް ދައްކާލުމުގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދާއި ލަފާ ހޯދުމުގެ ފުރުސަތާއި، މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ. މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ވިޔަފާރިތަކާއި ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދެމެހެއްޓެނިވި ދިރިއުޅުމުގެ ވައްޓަފާޅިއަކަށް މަގުފަހިކޮށްދިނުމެވެ.
މި މައުރަޒު ކޮންމެ ދުވަހަކުވެސް ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އާންމުންނަށް ހުޅުވާލެވިފައި ހުންނާނެއެވެ. މި މުއްދަތުގެ ތެރޭގައި ބޯހިޔާވަހިކަމާއި، އިމާރާތްކުރުމާއި، ދިރިއުޅުމުގެ ވައްޓަފާޅީގެ އެންމެ ފަހުގެ ޓްރެންޑްތައް ބަލާލުމުގެ ފުރުސަތު ހުރިހާ ޒިޔާރަތްތެރިންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.
ގުޅުން ހުރި ޙަބަރުތައް

މި ހަފްތާ ބަންދުގައިވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ: މެޓް އޮފީސް
7 ގަޑިއިރު ކުރިން

އޭދަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަން އާރްޑީސީން ތައްޔާރުވެއްޖެ
7 ގަޑިއިރު ކުރިން

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި
7 ގަޑިއިރު ކުރިން

ޖުލައި މަހުގެ ތެރޭގައި 180 ސްކޭމް މައްސަލަ ހުށަހަޅާފައިވޭ: ފުލުހުން
10 ގަޑިއިރު ކުރިން


