logo

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި

profile

އާމިނަތު ޝަޒްލާ - 06 އޯގަސްޓު 2026 - 13:40

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

https://wamco.com.mv/

ކަސްޓަމްސްއިން ހާމަކުރެއްވި ގޮތުގައި، މި ތަކެތި އަތުލައިގެންފައިވަނީ މި ހިނގާ މަހުގެ 3 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. މިއީ ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށްފައިވާ ދަނޑިވަޅެއްގައި، ޤާނޫނާ ޚިލާފަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ތަކެއްޗެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް ކަސްޓަމްސްއިން ހިންގި އެކި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް އަތުލައިގެންފައިވެއެވެ. އެގޮތުން، ޖޫން މަހު އެކަނިވެސް އެކި ފަހަރުމަތިން ޖުމްލަ 28,637 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި އަދި ހިލޭ ބެހުން މަނާކުރުމަށްޓަކައި "ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު" އަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ 15 ޑިސެންބަރު 2024 އިން ފެށިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ފިޔަވަޅު އަޅާފައިވަނީ ރައްޔިތުންގެ ސިއްޙަތު ރައްކާތެރިކުރުމުގެ މަޤްޞަދުގައެވެ.

މި ޤާނޫނުގެ ދަށުން، ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އާލާތްތައް އެތެރެކޮށްފިނަމަ، އެތެރެކުރާ ފަރާތް 50,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން، އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕަކަށް 10,000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއްވެސް ކުރެވޭނެއެވެ.

ކަސްޓަމްސްއިން ދަނީ ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި ހުއްޓުވުމަށްޓަކައި ބޯޑަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

https://wamco.com.mv/
tel:+9607331319