.jpg&w=3840&q=75)
ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން އިސްރާއީލަށް ޕްރެޝަރބޮޑުކޮށްދޭން ހަމާސްއިން އަނެއްކާވެސް ގޮވާލައިފި، ޣައްޒާގެ ކުދީންނަށް މިހާރު އެއްއިރުގެ ކާނާވެސް ނުލިބޭ

ސައިފް އަޒުހަރު - 18 އޭޕްރީލު 2025 - 13:16
ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ބަންދުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށްޓަކައި، އިސްރާއީލަށް ޕްރެޝަރ ބޮޑުކޮށްދިނުމަށް، ހަމާސްއިން ބައިނަލްއަގްވާމީ މުޖުތަމައަށް އަނެއްކާވެސް ގޮވާލައިފިއެވެ.
ހަމާސްގެ ސިޔާސީ ގޮފީގެ އިސް ބޭފުޅެއް އަދި ހަމާސްގެ ފަރާތުން މަޝްވަރާތަކަށް ވަޑައިގަންނަވާ އެންމެ އިސް މަންދޫބު ޚަލީލް އަލް ޙައްޔާ ނެރުއްވި ބަޔާނެއްގައި، ޣައްޒާގެ އާންމު ހާލަތަށް ރިއާޔަތް ކުރައްވައި، އިސްރާއީލަށް ޕްރެޝަރ ބޮޑުކުރަން ވަގުތުން ފިޔަވަޅުތައް އެޅުމަށް ދުނިޔެއަށް ގޮވާލައްވާފައި ވެއެވެ.
އިސްރާއީލުން ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ހުއްޓުވާފައި އޮތުމުގެ ސަބަބުން، ޣައްޒާގައި ބަނޑުހައިހޫނުކަން ވަރަށް ބޮޑަށް އާންމުވެފައިވާ ކަމަށް ޚަލީލް އަލް ޙައްޔާ ވިދާޅުވެފައި ވެއެވެ. މިކަމުގެ ތެރެއަށް ދުނިޔެ މިހާރުން މިހާރަށް ވަންނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އިސްތިއުމާރީ އިސްރާއީލުން ޣައްޒާއަށް އެއްވެސް ބާވަތެއްގެ އިންސާނީ އެހީއެއް އެތެރެކުރުން ހުއްޓުވައި، ޣައްޒާ ވަށައިގެން ބަންދުކުރީ ނިމިގެންދިޔަ މާޗްމަހުގެ 1 ދުވަހުއެވެ.
ޚަލީލް އަލް ޙައްޔާ ވިދާޅުވީ، އިންސާނީ އެހީ އެތެރެކުރުން ހުއްޓުވައި، އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް އަޅާފައިވަނީ ނުހައްގު އަދި ވަރަށް ބޭއިންސާފު ފިޔަވަޅުތަކެއް ކަމަށެވެ. އެކަން ވަގުތުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ޣައްޒާއިން ކާބޯތަކެއްޗާއި، ބޭހާއި، ބޯފެނާއި، ތެޔޮ އެއްކޮށް ހުސްވަމުން ދިއުމާއި، އިންސާނީ އެހީގެ ސާމާނުގެ ތެރެއިން މަދު އެތިކޮޅެއް ބާކީ ހުރިއިރު، އދއާއި، ބައިނަލްއަގްވާމީ އެހީދޭ ޖަމްއިއްޔާ ޖަމާއަތްތަކުން ތަކުރާރުކޮށް އިސްރާއީލަށް ގޮވާލަމުން ގެންދަނީ އިންސާނީ އެހީ އެތެރެކުރަން ހުއްދަ ދިނުމަށެވެ.
ނަމަވެސް، ޖައްބާރު، އިސްރާއީލޭ ކިޔުނު ޓެރަރިސްޓު ޖަމާއަތުގެ ވެރިން ގެންދަނީ ތަކުރާރުކޮށް އެކަމާ ދެކޮޅު ހަދަމުންނެވެ.
ޣައްޒާގައި ބަނޑުހައިހޫނުކަން އާންމުކުރުމަކީ މިހާރު އިސްރާއީލުގެ ރަސްމީ ސިޔާސަތެއް ކަމަށާއި، ޣައްޒާއަށް ކާއެއްޗެއް، ބޯފެނެއް، އަދި އިންސާނީ އެއްވެސް އެހީއެއް އެތެރެކުރަން އިސްރާއީލުން ފުރުސަތު ނުދޭނޭ ކަމަށް، ޒަޔަނިސްޓު ޑިފެންސް މިނިސްޓަރު އިހަށްދުވަހުވެސް ބުނެފައިވެއެވެ.
ޒަޔަނިސްޓު ދައުލަތުގެ ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު ބެން ގްވީރްވެސް މިއަދު ބުނެފައިވަނީ، ހަމަލާތައް ހުއްޓާލުމަށް އިސްރާއީލުން ހަމާސްއާއެކު އެއްބަސްވުމެއްވެސް ނުހަދާނެ ކަމަށާއި، ޣައްޒާއަށް އިންސާނީ އެއްވެސް އެހީއެއްވެސް އެތެރެވިޔަކަ ނުދޭނޭ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ޓެރަރިސްޓު ދައުލަތުން އިންސާނީ އެހީ އެތެރެކުރުން ބަންދުކުރިތާ މިއަދަށް 50 ދުވަސް ވެގެން ގޮސްފައިވާއިރު، އެކަށީގެންވާ ރަނގަޅު ކާނާ ނުލިބި، ހިކިއަނަރޫފަވެ ޣައްޒާއިން މިހާރު ކުޑަކުދިން މަރުވާން ފަށާފައި ވެއެވެ.
އަދި ރެއަކާއި ދުވާލެއްގެ މައްޗަށް ކުޑަކުދީންނަށް މިހާރު އެއްއިރުގެ ކާނާވެސް ނުލިބޭ ކަމަށް، އެހީދޭ ޖަމާއަތްކުގެ ރިޕޯޓްތައް ބުނެއެވެ.