
ނިލަންދޫގައި އަޅާ މަސް ފެކްޓްރީ އަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

މުޙައްމަދު ފަޟްލޫން - 15 މާރިޗު 2026 - 14:16
ފ.ނިލަންދޫގައި ގާއިމްކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ނިލަންދޫގައި އަޅާ ކާރުހާނާގެ މަސައްކަތް ހަވާލްކޮށްފައިވަނީ އެމްޓީސީސީއާއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއާއި އެމްޓީސީސީއާ ދެމެދު ވި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގެ ދަށުން ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި، ބަނދަރުގެ މަސައްކަތް އެކުންފުނިން ކުރިއަށް ގެންދާނެއެވެ.
ނިލަންދޫގައި ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާ ގާއިމުކުރަން ހިއްކަނީ، އެރަށުގެ އުތުރު މަލަމަތިން 7 ހެކްޓަރުގެ ބިމެކެވެ.
މި މަޝްރޫއުގެ ދަށުން ގާއިމްކުރާ ކާރުހާނާގައި ދުވާލަކު 50 ޓަނުގެ މަސް ދަޅު ބަންދުކުރެވޭނެ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން އެ ރަށުގައި 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއްވެސް ޤާއިމުކުރެވޭނެއެވެ.
ސަރުކާރުން އަންނަނީ، ނިލަންދޫގެ އިތުރުން ގދ. ފިޔޯރީގައިވެސް ދަޅުގައި މަސް ބަންދުކުރާ ކާރުހާނާއެއްގެ މަސައްކަތް ކުރަމުންނެވެ.
ފިޔޯރީގައި ކާރުޚާނާ ތަރައްޤީ ކުރުމަށްޓަކައި ބިން ހިއްކުމާއި، ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް މިދިޔަ މަހު ވަނީ ފަށާފައެވެ.
އެ މަސައްކަތް ނިންމައި އަންނަ އަހަރުގެ މަސްވެރިންގެ ދުވަހަށް އެތަން އޮޕަރޭޝަނަށް ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.






.gif&w=3840&q=75)