logo

މަޖިލިސް އިންތިޚާބަށް ފެނަކައިން ކެންޑިޑޭޓެއް ނުނެރޭ، ޚަރަދެއްނުކުރަން: އެމްޑީ މުއާޒް

profile

ޒިދާން މުޙައްމަދު - 04 ޖުލައި 2024 - 15:01

ވަތުބަތާން ޕްރޮގުރާމްގައި މުއާޒް ވާހަކަދައްކަވަނީ

ވަތުބަތާން ޕްރޮގުރާމްގައި މުއާޒް ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ބޭނުމުގައި ކެމްޕެއިނަށް ފައިސާ ހޭދަކޮށްފައި ނުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މުއާޒް މިފަދައިން ވިދާޅުވީ އަސްލު ޓީވީގެ "ވަތުބަތާން" ޕްރޮގުރާމްގައި ބުދަ ދުވަހުގެރޭ ވާހަކަދައްކަވަމުންނެވެ.

ކޮރަޕްޝަނާއި، ފަސާދަ އާއި ނޭއްގާނީކަމާއި، އަނިޔާ އާއި ބޭއިންސާފުގެ މައްސަލަތަކުގެ އެންމެ ފުންމިނަށް ފީނައި ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް އަސްލު ޓީވީން ފެށި "ވަތުބަތާން"ގެ ފުރަތަމަ ޕްރޮގުރާމްގައި ގެނެސްދީފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ކަމުގައި އަހުމަދު ސައީދު މުހައްމަދު، ހުންނެވިއިރު ހިންގާފައިވާ އެ ކުންފުނީގެ ކޮރަޕްޝަންގެ ވާހަކައެވެ.

ޕްރޮގުރާމްގައި އާންމުނަށް ހުޅުވާލައިގެން ސުވާލުކުރުމަށް ގެނެސްދޭ ސެގްމެންޓުގައި އާންމު މީހަކު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ފެނަކައިން ޚަރަދުކުރި ކަމަށް ތުހުމަތުކޮށް އެކަމާ ގުޅޭ ގޮތުން ސުވާލު ފޮނުވާފައެވެ. އެ ތުހުމަތުތައް ދޮގުކުރައްވައި މުއާޒް ދެއްވި ޖަވާބުގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފެނަކައިން އެއްވެސް ކެންޑިޑޭޓަކު ނުނެރޭ ކަމަށާއި އެހެންކަމުން ކެމްޕެއިންނަށް ޚަރަދުކުރަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ.

މުއާޒް ވިދާޅުވީ، ކޮރަޕްޝަން ނައްތާލުމަށްޓަކައި ކޮރަޕްޝަނަށް ހުޅުވިފައި ހުރި ދޮރިތައް ބަންދުކުރަމުން އަންނަ ކަމަށެވެ. އަދި ކުންފުނި ހިންގާނީ ކޮރަޕްޝަނާ ދެކޮޅަށް ކަމަށްވެސް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފެނަކައިން މިލިއަނުން ޚަރަދުކުރި ކަމަށް ދެކެވޭ ވާހަކަތައް އޭނާ ވަނީ ތަކުރާރުކޮށް ދޮގުކުރައްވާފައެވެ.

މުއާޒް ވިދާޅުވީ އެއީ ތާކުންތާކު ޖެހޭ ވާހަކައެއްވެސް ނޫން ކަމަށެވެ.

ވަތުބަތާން ޕްރޮގުރާމްގައި ވާހަކަދައްކަވަމުން، އެމްޑީކަމާ ހަވާލުވެވަޑައިގެން ފަހުން، ފެނަކައިގެ ބައެއް މުއައްޒަފުން ވަޒީފާއިން ވަކިކުރި ކަމަށާއި އެއީ ސިޔާސީ ކަމެއް ކަމަށް ބުނެ ކުރާ ތުހުމަތުތައްވެސް މުއާޒް ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް، އޭރުގެ ސަރުކާރުން ވަޒީފާ ދީފައިވާ މުވައްޒަފުންގެ ތެރެއިން ކޮންޓްރެކްޓު ހަމަވި 1،780 މީހެއްގެ ކޮންޓްރެކްޓް އިތުރަށް އާ ނުކޮށް ދޫކޮށްލާފައިވާ ކަމަށާއި އެއީ ވަޒީފާއިން ވަކިކުރުން ނޫން ކަމަށެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް ވަރަށް ގިނަ ބަޔަކަށް ވަޒީފާ ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 1 ޖެނުއަރީ 2023 އިން ފެށިގެން 9 ސެޕްޓެމްބަރު 2023 އާ ހިސާބަށް 2،105 މުވައްޒަފުން ރެކްރޫޓް ކޮށްފައިވާ ކަމަށާއި އެ މުއްދަތުގެ ކުރިއަށް ކުންފުނީގައި ތިބީ 4،825 މުއައްޒަފުން ކަމަށް މުއާޒު ވިދާޅުވިއެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރާ ދޭތެރޭގައި އިތުރު 122 މުވައްޒަފުން އޭރުގެ ސަރުކާރުން ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މުވައްޒަފުން ނަގާފައި ވަނީ ހުއްޓިފައި ހުރި މަޝްރޫއުތަކެއް ހިންގުމަށް ކަމަށް ބުނެއެވެ.

tel:+9607331319