އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމަށް އުރީދޫއިން ހެލްތް މިނިސްޓްރީއަށް 16 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފިއެވެ.
އިކްއިޕްމަންޓް ހަދިޔާކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ތަކެތި ރަމްޒީގޮތުން ޙަވާލުކޮށްދެއްވީ އުރީދޫ ގްރޫޕްގެ މެނޭޖިންގ ޑައިރެކްޓަރ އަޒީޒް އަލް އުޘްމާން ފަޚުރޫއެވެ.
މި އިކްއިޕްމަންޓްތަކަކީ އުރީދޫގެ އިޖްތިމާޢީ ޒިންމާގެ ދަށުން އެއަރ ހަދިޔާކުރި އެމްބިއުލާންސްއަށް ބޭނުންވާ އިކްއިޕްމަންޓްތަކެއް ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ، މި އިކްއިޕްމަންޓްތަކުގެ ސަބަބުން ހާލުދެރަ ބަލިމީހުން އިމަރޖެންސީގައި އުފުލުމުގައި އެމީހަކަށް އެންމެ ބޭނުންވާ ފަރުވާ ވަގުތުން ދިނުމަށް އަވަސްވާނެ ކަމަށެވެ.
"އުރީދޫއިން އެއާރ އެމްބިއުލާންސް ޚިދުމަތަށް ފޯރުކޮށްދިން މި އަގުހުރި އެހީއަކީ ވިޔަފާރިތަކުން އިންސާނިއްޔަތުކަމަށް އިސްކަންދީގެން މަސައްކަތް ކުރެވޭނެ ކަމުގެ ހެއްކެއް. ދިވެހި ރާއްޖޭގެ ޞިއްޙީ ޚިދުމަތަށް އިންވެސްޓްކޮށްގެން، ތިޔަބޭފުޅުން އިންވެސްޓް ކުރައްވަމުން ގެންދަވަނީ، ކޮންމެ ދިވެއްސަކަށްވެސް، އަޅާލާ، އަގުވަޒަންކޮށް، ރައްކާތެރިކަން އިހްސާސްކޮށްދީގެން ކަމަށް. ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ގޯލްޑް ސްޓޭންޑަޑެއް ތިޔަބޭފުޅުން ކަނޑައަޅުއްވައިފި. އަޅުގަނޑުމެން އުންމީދު ކުރަނީ، އެހެން ފަރާތްތަކުންވެސް މުޖުތަމައުގެ ފައިދާއަށް މަސައްކަތް ކުރުމުގައި ތިޔަ ބޭފުޅުން ތިދެއްކެވި ނަމޫނާ ބެއްލެވުމަށް" މިނިސްޓަރ
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ ގްރޫޕްގެ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ޙާލިދް އަލް-ހަމާދީ ވިދާޅުވީ ރައްޔިތުންނަށް ސިއްޙީ ފަރުވާ ފަސޭހައިން ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި ބައިވެރިވުމަކީ އުރީދޫއިން އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި މި ތަކެއްޗާއެކު އެއަރ އެމްބިއުލާންސްއިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އޫރީދޫގެ ސީއީއޯ ވިދާޅުވިއެވެ.
އެއަރ އެމްބިއުލާންސްގެ 3D މޮޑެލްއެއް އޫރީދޫއިން ވަނީ މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމަށް ހަދިޔާ ކުރައްވާފައެވެ.
އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށީ މިއަހަރުގެ މާރިޗް މަހުގެ އެއްވަނަ ދުވަހުއެވެ.