logo

ނޭޝަނަލް ފުޑް ސޭފްޓީގެ ފުރަތަމަ ކައުންސިލްގެ ބޯޑު މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

profile

އާމިނަތު ޝަފާ - 30 ސެޕްޓެމްބަރު 2024 - 12:35

ހެލްތް މިނިސްޓަރ ޚަލީލް

ހެލްތް މިނިސްޓަރ ޚަލީލް

ނޭޝަނަލް ފުޑް ސޭފްޓީގެ ފުރަތަމަ ކައުންސިލްގެ ބޯޑު މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ހެލްތް މިނިސްޓްރީން ކުރި އިއުލާނުގައި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ތިން ދާއިރާއަކުން ކުރިމަތިލާން ހުޅުވާލާފައި ވެއެވެ. ކުރިމަތިލާން ހުޅުވާލާފައިވާ ދާއިރާތަކަކީ:

- ފުޑް ސައިންސް މާހިރެއް

- ހިދުމަތް ލިބިގަންނަ ފަރާތްތައް ތަމްސީލުކުރާ ފަރާތެއް

- ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ތަމްސީލުކުރާ ފަރާތެއް

މިދާއިރާތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ.

5 އަހަރުގެ ދައުރަކަށް އިންތިހާބުކުރާ 10 މެމްބަރުން އެކުލެވޭ ބޯޑުގެ ބާކީ ދާއިރާތަކަށް މެމްބަރުން ހޮވާނީ އެ އިދާރާއަކުންނެވެ.

މި ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ ކާބޯތަކެތީގެ ފެންވަރާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުންނާއި ކާބޯތަކެއްޗަކީ ޞިއްޙަތަށް ފައިދާހުރި ތަކެތި ކަމުގައި ކަށަވަރުކުރުމާ ގުޅޭގޮތުން އޮތޯރިޓީއަށް ލަފަޔާއި އިރުޝާދާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި އޮތޯރިޓީއަށް ލަފާދިނުމެވެ.

އެމްއެފްޑީއޭ މިހާތަނަށް ހިންގީ ވަކި ގާނޫނަކުން ނޫނެވެ. އެކަމަކު ބޮޑެތި ބާރުތަކެއްދީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" ވަނީ ގާއިމުކުރައްވައިފައެވެ.

އައު ޤާނޫނުގެ ދަށުން އުފެއްދެވި އެ އިދާރާއަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވައިފައެވެ.

މި ޤާނޫނުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި، ކާބޯތަކެތި އުފައްދާ، ނުވަތަ ތައްޔާރުކުރާ، ނުވަތަ ބަންދުކުރާ، ނުވަތަ ލޭބަލްކުރާ، ނުވަތަ ރައްކާކުރާ، ނުވަތަ ގުދަންކުރާ، ނުވަތަ ގަނެ ވިއްކާ، ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލާ، ނުވަތަ ފޯރުކޮށްދޭ ތަންތަނުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި، އެފަދަ ތަންތަން ހިންގުމުގެ ހުއްދަދިނުމުގެ އުސޫލުތައް ބަޔާންކުރުމާއި، ކާބޯތަކެތި އުފައްދާ މީހުންނާއި، ތައްޔާރުކުރާ މީހުންނާއި، ބަންދުކުރާ މީހުންނާއި، އެއްތަނުން އަނެއްތަނަށް އުފުލާ މީހުންނާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެނޫންވެސް ފަރާތްތަކުން ހިފަހައްޓަންޖެހޭ ރައްކާތެރިކަމުގެ އަދި ސާފުތާހިރުކަމުގެ މިންގަނޑުތައް ކަނޑައެޅުމާއި، ރާއްޖެއަށް އިމްޕޯޓުކުރާ އަދި ރާއްޖެއިން އެކްސްޕޯޓުކުރާ އަދި ރާއްޖޭގައި އުފައްދާ އަދި ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމަށާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެއެވެ.

https://wamco.com.mv/
tel:+9607331319