logo

އޭޕީއާރު ހެލްތު އެންޑް އެންވަޔަރަންމަންޓް ފޯރަމް ނިންމާލައިފި

profile

އައިޝަތު އިނާޝާ - 27 ސެޕްޓެމްބަރު 2024 - 16:00

ހެލްތް މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ އަބްދުالله ޚަލީލް

ހެލްތް މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ އަބްދުالله ޚަލީލް

އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމް ފޯ ހެލްތު އެންޑް އެންވަޔަރަންމަންޓްގެ 5 ވަނަ މިނިސްޓަރުންގެ ބައްދަލުވުން ނިންމާލައިފިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ރާއްޖޭގެ ޑެލިގޭޝަންގައި އިސްކޮށް ހުންނެވީ، މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ އަބްދުالله ޚަލީލްއެވެ.

މި ފޯރަމްގެ މަގުސަދަކީ ސިއްހަތާއި ތިމާވެށްޓަށް ކުރާ އަސަރުތަކާ ދެމެދު އޮންނަ މުހިންމު ގުޅުން ހައްލުކުރުމަށްޓަކައި ސަރަހައްދީ ޤައުމުތަކުން އެއްބާރުލުމާއި ދެމެހެއްޓެނިވި ގޮތެއްގައި ފައިނޭންސިން މެކޭނިޒަމްތަކެއް ޤާއިމްކޮށް އޮނިގަނޑެއް އެކުލަވާލުމެވެ.

ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު ޚަލީލް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޚާއްސަކޮށް ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކަށް އަލިއަޅުވާލައްވައި، ޓްރާންސްބައުންޑަރީ ޕޮލިއުޝަން ފަދަ މައްސަލަތައް ހައްލުކުރުމަށް ސަރަހައްދީ ޤައުމުތަކުން އެއްބާރުލުން ދިނުމަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ޖަކާޓާ ޑިކްލެރޭޝަން އޮން ކޯޕަރޭޝަން އިން ހެލްތު އެންޑް އެންވަޔަރަންމަންޓަށް ރާއްޖެއިން ތާއީދުކޮށް، މެމްބަރު ގައުމުތަކަށާއި ޑޯނަރުންނަށް އެ ޑިކްލެރޭޝަން ތަންފީޒު ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ރާއްޖެއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ޕެސިފިކް ރީޖަނަލް ފޯރަމް ފޯ ހެލްތު އެންޑް އެންވަޔަރަންމަންޓްގެ ފުރިހަމަ މެމްބަރަކަށް ވުމުގެ މަސައްކަތް ރާއްޖެއިން ވަނީ ފަށާފަ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓަރ އިންޑޮނޭޝިއާގެ ދަތުރުގައި ޖަކާޓާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ވަޑައިގަތެވެ. އެގޮތުން ޕްރައިމަރީ ކެއާ ފެސިލިޓީއެއްގެ ގޮތުގައި ހިދުމަތްދޭ ’’ޓެބެޓް ކޮމިއުނިޓީ ހެލްތް ސެންޓަރ" އަށް ވަޑައިގެން އެ ސެންޓަރުގެ އެކި ޑިޕާޓްމަންޓްތަކަށް މިނިސްޓަރު ޒިޔާރަތް ކުރެއްވިއެވެ. އަދި ކޮމިއުނިޓީ ސާވިސްއަށް ބޭނުންވާ އާ ވަސީލަތްތަކާއި ޚިދުމަތްދޭ ގޮތްތަކާ ބެހޭ މައުލޫމާތު އޮޅުންފިލުއްވިއެވެ.

މީގެ އިތުރުން އިންޑޮނޭޝިއާގެ އެންމެ ބޮޑު ޕަބްލިކް ޓާޝަރީ ހޮސްޕިޓަލް ކަމަށްވާ ސިޕްޓޯ މަންގުންކުސުމޯ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި، އެތަނުގައި ޑިޖިޓަލް ހެލްތާއި، ހެލްތު އިންފޮމޭޝަން މެނޭޖްމަންޓާއި، އުމުރުން ދުވަސްވީ މީހުންނަށް ދޭ ފަރުވާއާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުވާގެ ކަންކަން ކުރިއަށް ގެންދެވޭނެގޮތާއި ގުޅޭގޮތުން ހޮސްޕިޓަލް މެނޭޖްމަންޓާއެކު ހެލްތު މިނިސްޓަރ ޑޮކްޓަރ އަބްދުﷲ ޚަލީލް މަޝްވަރާތައް ކުރެއްވި ކަމަށް މިނިސްްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓަރ މި ފޯރަމްގައި ބައިވެރިވަޑައިގަތުމަށްފަހު މިއަދު ވަނީ މާލެ ވަޑައިގެންފައެވެ.


https://wamco.com.mv/
tel:+9607331319