logo

މޮޅަދޫ ކައުންސިލްގެ މާލީ ބަޔާނުގައި ބޮޑެތި މައްސަލަތަކެއް

profile

އާމިނަތު ޝަފާ - 23 ސެޕްޓެމްބަރު 2024 - 13:15

މޮޅަދޫ ކައުންސިލްގެ އިދާރާ

މޮޅަދޫ ކައުންސިލްގެ އިދާރާ

މޮޅަދޫ ކައުންސިލްގެ މާލީ ބަޔާނުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ މޮޅަދޫ ކައުންސިލްގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި ކައުންސިލް އިދާރާއިން މާލީ އަހަރު ކުރި ހަރަދުގެ ގޮތުގައި މާލީ ބަޔާންތަކުގައި ހިމަނާފައިވާ އަދަދުތަކާއި ކައުންސިލް އިދާރާގެ ރިކޯޑުތަކުން ދައްކާ އަދަދުތަކާ ދެމެދު ފަރަގު ހުއްޓެވެ. ވުމާއެކު މި އަދަދުތަކުގެ ސައްހަކަން ކަށަވަރުކުރެވިފައެއް ނުވެއެވެ.

2022 ވަނަ އަހަރު ހިނގި ހަރަދުތަކުގެ ގޮތުގައި ވިޔަ މޮޑިއުލްގައި ރިކޯޑްކުރެވިފައިވާ އަދަދުތަކާއި ފައިސާ ލިބުނު ގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި ހިމަނާފައިވާ ހަރަދުތަކާދެމެދު ޖުމްލަ 502،303 (ފަސްލައްކަ ދެހާސް ތިންސަތޭކަ ތިނެއް) ރުފިޔާގެ ތަފާތު ހުރިކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

އަދި ކައުންސިލް އިދާރާގެ 2022 ވަނަ އަހަރުގެ ބަޖެޓުން ކުރެވުނު ހަރަދުތަކުގެ ގޮތުގައި ވިޔަ މޮޑިއުލްގައި ރިކޯޑްކުރެވިފައިވާ އަދަދުތަކާއި ފައިސާ ލިބުނު ގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި ހިމަނާފައިވާ ހަރަދުތަކާ ދެމެދު ޖުމްލަ 170،362(އެއްލައްކަ ހަތްދިހަ ހާސް ތިން ސަތޭކަ ފަސްދޮޅަށް ދޭއް)ރުފިޔާގެ ތަފާތު ހުރިކަން ވަނީ ހާމަވެފައެވެ.

މީގެ އިތުރުން 2022 ވަނަ އަހަރު ލިބުނު ފައިސާގޮތުގައި ހިމަނާފައިހުރި އަދަދުތަކުން 99،862 ރުފިޔާގެ ތަފާތު ހުރިއިރު 2022 ވަނަ އަހަރު ނިމުނުއިރު ހުރި ފައިސާއާއި ފައިސާގެ ގޮތުގައި ބެލެވޭތަކެތީގެ ގޮތުގައި ކައުންސިލުގެ ރިކޯޑުތަކުން ދައްކާ އަދަދުގައި 5،67،938 (ފަސްލައްކަ ފަސްދޮޅަސް ހަތް ހާސް ނުވަ ސަތޭކަ ތިރީސް އަށެއް) ރުފިޔާގެ ތަފާތު ހުރިކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

މާލީ ބަޔާނުގައި ހިމަނާފައިވާ ފާސްކުރި ބަޖެޓާއި ރިވައިޒްކުރި ބަޖެޓުގައިވެސް މައްސަލަތަކެއް ފާހަގަކުރެވިފައިވާއިރު ހަރުމުދާވެސް ރަނގަޅަށް ބަލަހައްޓާފައިނުވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

މި މައްސަލަތައް ފާހަގަކޮށް ކައުންސިލް އިދާރާއިން ފާސްކުރެވުނު ބަޖެޓާއި ރިވައިޒްކުރެވުނު ބަޖެޓާއި ލިބުނު އާމްދަނީ ނުވަތަ ހަރަދުތަކުގެ ސައްހަ ހިސާބު ހިމަނައިގެން މާލީ ބަޔާން ތައްޔާރުކުރުމަށް އޮޑިޓް އޮފީހުން މިހާރުވަނީ ކައުންސިލަށް އަންގާފައެވެ.

https://int.etukuri.mv/
tel:+9607331319