logo

ކޮންޓެއިނަރތަކުގައި މަނާތަކެތި އެތެރެކުރުމުގެ މަގު އޮތީ ހުޅުވާލެވިފައި : އޮޑިޓް ރިޕޯޓް

profile

އާމިނަތު ޝަފާ - 21 އޯގަސްޓު 2024 - 22:40

މާލޭ ވިޔަފާރި ބަނދަރު

މާލޭ ވިޔަފާރި ބަނދަރު

ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ މުދަލުގެ ތެރޭގައި ހިމެނިގެން ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެކުރުމުގެ މަގު އޮތީ ހުޅުވާލެވިފައިކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ މުދާ ކްލިއާ ކުރުމުގައި އަމަލުކުރާ ގޮތުގެ ޕާފޯމަންސް އޮޑިޓު ރިޕޯޓުގައިވަނީ ރާއްޖެއަށް ކަނޑުމަގުން މުދާ އެއެތެރެކުރާ އެއްވެސް ބަނދަރެއްގައި ކޮންޓެއިނަރ ސްކޭން ކުރެވޭނެ ވަސީލަތްތައް ގާއިމް ކޮށްފައެއް ނުވާ ކަމަށެވެ.

މިހެންވުމުގެ ސަބަބުން ގިނަ މުދާތައް ފާސްކުރަންޖެހެނީ ސްކޭން ނުކޮށްކަމަށް ވާއިރު އެގޮތައް އެތެރެކުރެވޭ މުދަލާއެކު މަސްތުވާތަކެއްޗާ ރާއްޖެ އެެރެކުރުން މަނާ ތަކެތި އެތެރެވުމަށް މަގުފަހިވެފައިވުމާއި ކޮންޓެއިނާ ތަކުގައި ޑިކްލެއާ ނުކޮށް މުދާ އެތެރެކޮށް ދައުލަތަށް ލިބެންޖެހޭ އިމްޕޯޓް ޑިއުޓީ ގެއްލިގެން ދިއުމަށް މަގުފަހިވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައިވަނީ ކަނޑުމަގުން އެތެރެކުރެވޭ މުދާ ބަލައި ފާސްކުރުމަށްޓަކައި މިހާރު ހުރި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް އިތުރަށް ހަރުދަނާކުރަންޖެހިފައިވާކަމަށް ބުނެފައެވެ.

މީގެ އިތުރުން ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގެ އާންމު ގަވާއިދު ތަންފީޒުކުރުމަށް ބޭނުންވާނޭ ވަސީލަތްތައް ބަނދަރުގައި ގާއިމްކޮށްފައި ނުވާތީ ބަނދަރުތަކަށް އަންނަ މީހުންނާއި ފުރާ މީހުންގެ ތެރެއިން ގައިން ގަޔަށް އަރާ ބަލި ހުރިކަމަށް ޝައްކު ކުރެވޭ މީހުން ދެނެގަތުމަށާއި އެފަދަ މީހުން ސްކްރީން ކުރުމަށް ބޭނުންވާނެ ތަންތަނާ އެމީހުން އެއްތަނުން އަނެއްތަނަށް ގެންދެވޭނެ ނިޒާމެއް ނެތްކަމަށް ވަނީ ބުނެފައެވެ.

މަސްތުވާތަކެއްޗާއި ފެންވަރުދަށް ބޭހާއި ތަޣައްޔަރުވެފައިވާ ކާނާއާއި ކެމިކަލް އެތެރެކުރުން ހުއްޓުވުމަށްވެސް އިތުރު ފިޔަވަޅު އަޅަންޖެހިފައިވާކަން ރިޕޯޓުގައިވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން އެތެރެކޮށްފައިވާ ބާވަތްތަކުގެ ލިޔެކިޔުން ބަލަހައްޓާފައިނުވުމާއި ސަރަހައްދީ ކަނޑުގެ ބަދަރުތައްކަމަށްވާ ކުޅުދުއްފުށި ޕޯޓާއި، ހިތަދޫ އަދި މާމިގިލި ޕޯޓުން ލިބޭ ގެއްލުން އިތުރުވުން ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ނުރައްކާތެރި ކެމިކަލްފަދަ ތަކެތި ރައްކާކުރުމަށް އެކަށީގެންވާ އިންތިޒާމެއް ހަމަޖެހިފައި ނެތުމުން ނުރައްކާތެރި ހާދިސާތައް ހިނގުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކޮށްފައިވެއެވެ.

އޮޑިޓް އޮފީހުންވަނީ މިކަންކަން ރަނގަޅުކުރުމަށް ލަފާދީފައެވެ.

https://wamco.com.mv/
tel:+9607331319