logo

މަހުގެ އަގަށް ބަދަލު ނުގެނައިނަމަ ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތެއް ނޯންނާނެ: ފިޝަރީޒް މިނިސްޓަރު

profile

އައިމިނަތު ރޫޔާ - 30 އޮކްޓޯބަރު 2024 - 12:37

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް--

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް--

މަހުގެ އަގަށް ބަދަލު ނުގެނައިނަމަ ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތެއް ނޯންނާނެ ކަމަށާއި އޭރުން ތިބެންޖެހޭނީ ރައްޔިތުންނަށް ލިބޭ ހުރިހާ ފައިސާއެއް މިފްކޯ ހިންގުމަށް ހޭދަކޮށްގެން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން، މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ކުރެއްވީ ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިއަދުގެ މަޖިލީހުގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވަނީ، އައްޑޫސިޓީ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ ބޮޑުކުރުމަކީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމަށްވާއިރު، އެ މަސައްކަތް ފެށޭނެ ތާރީޚެއްގައިތޯ ސުވާލު ކުރައްވާފައެވެ.

މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހުރިހާ ގޮތަކުންވެސް ކެޕޭސިޓީ ސިނާއަތުގައި ނެތުން ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ކުރިއރުވުމަށްޓަކައި ކުރިއަކުން އެއްވެސް ވަރަކަށް މަސައްކަތް ކޮށްފައި ނެތްކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ މިފްކޯ ވުޖޫދުވިފަހުން 28 އަހަރުވީ އިރުގައިވެސް، މަސްވެރިކަމުގެ ސިނާއަތުގައި ރާއްޖޭގެ މަސްވެރިން ތަރައްގީވެގެން އައިގޮތަށް މަސްވެރިން އަތުން މަސްގަންނަ ވަސީލަތްތައް ތަރައްގީނުވެ ހުރި ހުރުމުކީ މި ސިނާއަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

"ކުރީ ސަރުކާރުގައި ގާއިމުކޮށްފައިވާ ފެސިލިޓީއެއް ހުޅުދޫގައި ގާއިމުކޮށްފައި މިވާ ފެސިލިޓީއަކީ. މި ފެސިލިޓީ ކެޕޭސިޓީ އިތުރުކުރުމުގެ ވާހަކަ ވޭތުވެދިޔަސަރުކާރުން ވަރަށް ގިނަ ވާހަކަ ދެއްކި.ހިތާމައަކީ މިކަމުގެ އަމަލީ މަސައްކަތް ކުރުމަށްޓަކައި އެއްވެސް މަސައްކަތެއް ކުރައްވާފައެއް ނެތްކަން." މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ މިހާރު އެ ފެސިލިޓީގައި ރައްކާކުރެވެނީ 1،500 ޓަނުގެ މަސް ކަމަށާއި، ބްރައިން ކެޕޭސިޓީ ހުރީ 50 ޓަނުގައިކަމަށެވެ.

އެގޮތުން މަސައްކަތް ނިމޭއިރު، އިތުރު 1،000 ޓަނުގެ މަސް ރައްކާކުރެވޭނެ ކަމަށާއި، ބްރައިން ފްރީޒިންއަށްވެސް 50 ޓަނު އިތުރުވާނެ ކަމަށެވެ. މި ބަދަލާއެކު ދުވާލެއްގެ މައްޗަށް 500 ޓަނުގެ މަސް ގަނެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމުހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްޕުޅުގެ ތެރޭގައި މި ސިނާއަތުގެ ކެޕޭސިޓީ އިތުރުކުރުން ހިމެނޭ ކަމަށެވެ. އެގޮތުން އައްޑޫގެ ފިޝަރީޒް ކޮންމްޕްލެކްސް ހިމެނޭގޮތަށް މިމަސައްކަތް ކުރުމަށް ފައިސާ މިދިޔަ ހަފްތާ ތެރޭގައި ހަމަޖެހިއްޖެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަންނަ އަހަރު ކުރީކޮޅު މަސައްކަތް ފަށައި އަންނަ އަހަރުގެ ފަހުކޮޅަށް، ނޫނީ 2026 ވަނަ އަހަރުގެ ކުރީކޮޅަށް މި މަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ސަރުކާރަށް މަސްވެރިން ފެނުނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރަކު ނޫން ކަމަށެވެ.

"ރިޔާސީ އިންތިޚާބު ކާމިޔާބު ނުވާނެކަން ޔަގީންވާތީވެ، އެއްވެސް ދިރާސާ ކުރުމެއްނެތި 17 ރުފިޔާއިން މަހުގެ އަގު 25 ރުފިޔާއަށް ބޮޑުކުރި. ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު 250 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދެއްކި ހުރި." މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު 5 ބިލިއަނެއްހާ ރުފިޔާ ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ބޭނުންވާ އަގެއްގައި މަސްކިރުމަށްޓަކައި ދައުލަތުން ހޭދަކުރި ކަމަށެވެ. ނަތީޖާއަކަށްވީ މިއަދު ސިނާއަތަށް އެއްވެސް މަސައްކަތެއް ނުކޮށް ތިބެންޖެހޭ ތިބުން ކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ.

https://int.etukuri.mv/
tel:+9607331319