
ރައީސް އަދި އިންޑިޔާއިން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލެންސީ މުނޫ މަހާވަރް ބައްދަލުކުރެއްވުން---ފޮޓޯ: ރައީސް އޮފިސް
އިންޑިޔާ ސަފީރު، ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

މަރްޔަމް ލީމް އަބޫބަކުރު - 05 ޑިސެމްބަރު 2024 - 07:29
އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މުނޫ މަހާވަރު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ސަފީރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސަފީރުގެ ދައުރުގައި ރާއްޖެއާއި އިންޑިޔާ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރައީސް އިންޑިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ބައްލަވާލެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އެކުލަވާލެވުނު "އަ ވިޜަން ފޯ އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕް" ގެ ސަބަބުން މިހާރު އޮތް ތަރައްޤީގެ ޕާޓްނަރޝިޕް ކުރިއެރުވުމުގެ ބިންގާ އެޅިގެން ދިޔަކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ އިޞްލާޙުތައް ތަންފީޒުކުރައްވާ އިޖްތިމާޢީ ވެލްފެއަރ ކުރިއެރުވުމުގައި އިންޑިޔާގެ ދީލަތި ވަޢުދުތަކާއި އެހީގެ ދަށުން ހޯދަމުންދާ ކުރިއެރުންތައް ވެސް ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތްތަނުގައި ވެސް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ރައީސް އަދި ސަފީރު މަޝްވަރާ ކުރައްވައި، ތަރައްޤީގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. ދެ ގައުމުގެ މެދުގައި ގާއިމްވެފައިވާ ގުޅުން ދަމަހައްޓާނެކަމުގެ ޔަގީންކަންވެސް ދެއްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަފީރަށް ހެޔޮއެދުންތައް ފޮނުއްވައި ކުރިއަށް އޮތް ތަނުގައި ސަފީރާއެކު މަސައްކަތް ކުރެއްވުމަށް އޮތް ޝައުގުވެރިކަން ވެސް ފާހަގަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އިންސާނީ ހައްޤުތަކުގެ ހާލަތު ވަޒަން ކުރާ، ޔޫޕީއާރް ބައްދަލުވުމުގައި ރާއްޖޭގެ ވަފުދެއް
ގަޑިއިރެއް ކުރިން

އަނެއްކާ ވެސް ބައެއް ހިސާބުތަކަށް ނުރައްކާތެރި މިންވަރަށް ވައި ނުސާފު
ގަޑިއިރެއް ކުރިން

ގަވާއިދާ ހިލާފަށް ޕާކްކޮށްފައިހުރި ވެހިކަލްތަކެއް ހުޅުމާލެއިން ޓޯކޮށްފި
ގަޑިއިރެއް ކުރިން

ދިވެހިބަހުގެ އެކަޑެމީގެ ރައީސް ކަމަށް ޝާކިރު
ގަޑިއިރެއް ކުރިން


