
ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު
މަގުމަތީގެ އަމާންކަން ދެމެހެއްޓުމުގައި ފުލުހުން ސާބިތުވެތިބޭނެ: ކޮމިޝަނަރ އޮފް ޕޮލިސް

މުޙައްމަދު ފަޟްލޫން - 17 އޮކްޓޯބަރު 2026 - 07:37
މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށް ފުލުހުންނާ މަތިކޮށްފައިވާ ގާނޫނީ ވާޖިބު އަދާކުރުންމަތީ ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު ދެއްވައިފިއެވެ.
ސީޕީ މިފަދައިން ވިދާޅުވެފައިވަނީ، ސިނަމާލެ ބްރިޖް ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ޑިއުޓީ އަދާކުރަމުންދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި، އޭނާއަށް ސީރިއަސް އަނިޔާތަކެއް ދިނުމާ ގުޅިގެންނެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވަނީ މި ނާތަހުޒީބު އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 4:29 ހާއިރު، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައެވެ.
މި ހާދިސާގައި އަނިޔާވި ފުލުސް އޮފިސަރުގެ މޫނުމަތި ފަޅައިގެންގޮސް، ދަތްތައް ބިނދި އިތުރު ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.
އޭނާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ހިންގަމުންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، އެ މަސައްކަތުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީ ގޮތުން ބަލިކަށިކޮށް ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށް ސީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގި ވަގުތު އިތުރު ތިން ސައިކަލެއް ވެސް ބައިވެރިވެފައިވެއެވެ.
މި އެކްސިޑެންޓް ހިނގީ ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރުމިނުގައި ދުއްވާފައި އައި ސައިކަލެއް، މަގުމަތީގައި ޖަހާފައިހުރި ބެރިކޭޑުގައި ޖެހި، އެއާއެކު ގޮސް ޑިއުޓީގައި ހުރި އޮފިސަރުގެ ގައިގައި ޖެހިގެންނެވެ.
މި މައްސަލައާ ގުޅިގެން އެ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ސައިކަލުގައި ތިބި ދެ މީހުންނާއި މި އަމަލުގައި ޝާމިލްވާ އިތުރު ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މަގުމަތީގެ އަމާންކަން ނަގާލައި، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގައި ފުލުހުން ފަސްނުޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.
ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، މިފަދަ ޖިސްމާނީ އަދި ނަފްސާނީ ގޮންޖެހުންތައް ކުރިމަތިކުރި ނަމަވެސް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ފުލުހުން ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށާއި، ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ބަޔާނުގައި ސީޕީ ވަނީ ދީފައެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ރެހެންދި ސްކޫލްގެ ދަރިވަރަކަށް އެސްކޫލްގެ ކުދިންތަކެއް ބުލީ ކުރާ ވީޑިއޯ އެއް އާއްމުވެއްޖެ
3 މިނިޓު ކުރިން

ޝައިޚް ޒަމްޒަމް ފާރިޝް މިނިސްޓަރު އިޙްސާނަށް: "އަޅުގަނޑަށް އިންޒާރު ނުދެއްވާށެވެ! ޢިލްމީ ގޮތުން ވާހަކަ ދައްކަން ބަހީއެވެ!"
3 ގަޑިއިރު ކުރިން

ވަޒީފާއާއި އަމިއްލަ ދިރިއުޅުން ހަމަހަމަކުރުން: ކާމިޔާބު ދިރިއުޅުމެއްގެ ތަޅުދަނޑި
6 ގަޑިއިރު ކުރިން

މައިނިންގ މަޝްރޫޢުގެ ލިޔެކިޔުންތައް އޮޅުވާލި ކަމުގެ ތުހުމަތު އަދާނީއަށް!
20 ގަޑިއިރު ކުރިން


