
ޝައިޚް ޒަމްޒަމް ފާރިޝް މިނިސްޓަރު އިޙްސާނަށް: "އަޅުގަނޑަށް އިންޒާރު ނުދެއްވާށެވެ! ޢިލްމީ ގޮތުން ވާހަކަ ދައްކަން ބަހީއެވެ!"

ރިޟްވާން މޫސާ - 17 އޮކްޓޯބަރު 2026 - 07:21
ރަސްމާލެ މަޝްރޫޢާ ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ދެއްވި އިންޒާރަށް ރައްދު ދެއްވައި، އިންޒާރު ނުދެއްވުމަށާއި މިކަމުގައި ޢިލްމީ ގޮތުން ވާހަކަދެއްކެވުމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޒަމްޒަމް ފާރިޝް ގޮވާލައްވައިފިއެވެ.
މި މައްސަލަ ހޫނުވެފައި މިވަނީ، ރަސްމާލޭގެ ސެކިއުރިޓީ ދިވެހި ސަލާމަތީ ބާރުތަކުގެ ބަދަލުގައި ޔޫއޭއީގެ ވިޔަފާރިވެރިޔާ މުޙައްމަދު ޢަލައްބާރުގެ އަމިއްލަ ސެކިއުރިޓީއަށް ދޫކޮށްލަން އުޅޭ ކަމަށް ވިދާޅުވެ، 15 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ ރޭ 22:00 ގައި ޒަމްޒަމް ފާރިޝް ފޭސްބުކްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓަކީ ފިތުނަ ފަސާދަ އުފެދޭ ގޮތަށް ފަތުރާ ދޮގު ވާހަކަތަކެއް ކަމަށާއި، ޤައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި ދޮގު މަޢުލޫމާތު ނުފެތުރުމަށް އަންގަވައި މިނިސްޓަރު އިޙްސާން ވަނީ އިންޒާރުގެ މޭރުމަކުން ވާހަކަދައްކަވާފައެވެ. އަދި ޒަމްޒަމް ފާރިޝަށް ކަންކަމުގެ ޙަޤީޤީ މަޢުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޒަމްޒަމް ފާރިޝް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްމާލޭގެ މައްސަލައިގައި އޭނާ ދައްކަވާ ވާހަކަތަކަކީ ސިޔާސީ ބޭފުޅުން ދައްކަވާ ފަދަ ތޯތޯ ވާހަކަތަކެއް ނޫން ކަމަށެވެ. އެއީ ސަރުކާރުގެ ވަޒީރުންގެ ފެންވަރުގެ ފަސް ބޭފުޅަކާއި، ރައްޔިތުންގެ މަޖިލީހުގެ ގިނަ ޢަދަދެއްގެ މެންބަރުންނާ ބައްދަލުކުރައްވައި، އެތައް ގަޑިއިރެއްގެ މަޝްވަރާތަކަށް ފަހު ލިބުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ޢިލްމީ ދިރާސާތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވަޒީރުންނާ އެކު ބޭއްވި މި ބައްދަލުވުންތަކުގައި އޭނާގެ އިތުރުން އެހެން ޢިލްމުވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާއި، މި ވާހަކަތަކުގެ ތެދުކަމަށް އެ ބޭފުޅުން ހެކިވެވަޑައިގަންނަވާނެ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކަންކަމުގެ މަޢުލޫމާތު ނޭނގޭ ކަމަށް ވިދާޅުވެ މިނިސްޓަރު ކުރެއްވި ތުހުމަތު އަނބުރާ ގެންދަވަންޖެހޭ ކަމަށެވެ. އަދި ޚުދު މިނިސްޓަރަށް ވުރެ ވެސް މިކަމުގެ މަޢުލޫމާތު އޭނާއަށް ބޮޑަށް އެނގިވަޑައިގަންނަވާ ކަމަށް ޤަބޫލުކުރެވޭ ކަމަށާއި، މިނިސްޓަރުގެ އަމިއްލަ ބަސްފުޅުން ވެސް ރަސްމާލޭގެ ސެކިއުރިޓީގެ ކަންކަމުގައި އަދިވެސް ވަކި ގޮތެއް ފައިސަލާ ކުރެވިފައި ނެތްކަން ހާމަވާ ކަމަށް ވިދާޅުވިއެވެ. އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރަން ތައްޔާރުވެ، މި މަހު ޤާނޫނުތައް ފާސްކުރަން އުޅޭއިރު، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ އެންމެ އިސް އެއް ވެރިޔާއަށް މިކަންކަން ސާފުނުވެ އޮތުމަކީ ނުރައްކާތެރި ކަމެއް ކަމުގައި އޭނާ ސިފަކުރެއްވިއެވެ.
ރަސްމާލެ މަޝްރޫޢުގެ ނުރައްކަލަށް އަލިއަޅުއްވާލައްވަމުން ޒަމްޒަމް ފާރިޝް ވިދާޅުވީ، 30،000 ބިދޭސީ މަލްޓި މިލިއަނަރުންނާއި އެތައް ހާސް ބޭރު މުވައްޒަފުން ދިރިއުޅޭނެ، ހުޅުމާލޭގެ ތިން ފިޔަވައްސަށް ވުރެ ވެސް ބޮޑު ސަރަޙައްދެއް ބިދޭސީއެއްގެ އަތްމައްޗަށް އެއް ޤަރުނަށް ދޫކޮށްލުމަކީ ޤައުމީ ސަލާމަތަށް އޮތް ބޮޑު ބިރެއް ކަމަށެވެ. އަދި އެތަނުގައި ސަލާމަތީ ކަންކަން ބަލަހައްޓާނީ ޢަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށާއި، ދިވެހި ފުލުހުންނަށް ވަދެވޭނީ ކުށެއް ހިނގައިގެން ރިޕޯޓު ކުރުމުން ކަމަށް ވަޒީރުން ވިދާޅުވެފައިވާ ކަމަށް ވެސް ހާމަކުރެއްވިއެވެ. މީގެ އިތުރުން މިސްރުގެ މަރާސީގެ މިސާލު ނަންގަވައި، ފުލުހުންގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް ވަޒީރުން ވާހަކަދެއްކެވި ކަމަށް ވިދާޅުވެ، އެފަދަ ވިސްނުމެއް ސަރުކާރުގެ އިސްވެރިންގެ ހުރުމަކީ ބިރުވެރި ކަމެއް ކަމަށް ވިދާޅުވިއެވެ.
މި މައްސަލައިގައި 70 ވަރަކަށް ދީނީ ޢިލްމުވެރިންނާ ވާހަކަ ދެކެވިފައިވާ ކަމަށާއި، އެ ހުރިހާ ބޭފުޅުން ވެސް މިކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޢިލްމުވެރިންގެ ގުޅުމުން މިހާރު ވަނީ 100 ޞަފުޙާގެ ތަފްޞީލީ "ރަސްމާލެ ރިޕޯޓު" އެކުލަވާލައި ނިންމާފައި ކަމަށާއި، އެ ރިޕޯޓު ވަރަށް އަވަހަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ޙިއްޞާކުރެވޭނެ ކަމަށް ވެސް ހާމަކުރެއްވިއެވެ.
ފޭސްބުކްގެ ޕޯސްޓް ނިންމަވާލައްވަމުން ޒަމްޒަމް ފާރިޝް ވަނީ، ޤައުމާއި ދީނުގެ ޙައްޤުގައި ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކަށް އިންޒާރުދީ ބިރުދެއްކުމުގެ ބަދަލުގައި، މުޅި ދިވެހި އުންމަތް ސަލާމަތް ކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އަދި ބާރު އޮތުމަކީ އިންޒާރުދީ ޖަލަށް ލާންޖެހޭ ސަބަބެއް ނޫން ކަމަށާއި، މާތް ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭ ދުވަހެއް އޮތްކަން ހަނދާންކޮށް، އެކަލާނގެ ކޯފާއަށް ބިރުވެތިވުމަށް މިނިސްޓަރަށް ވަނީ ނަޞޭޙަތްތެރިވެވަޑައިގެންފައެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ރެހެންދި ސްކޫލްގެ ދަރިވަރަކަށް އެސްކޫލްގެ ކުދިންތަކެއް ބުލީ ކުރާ ވީޑިއޯ އެއް އާއްމުވެއްޖެ
3 މިނިޓު ކުރިން

މަގުމަތީގެ އަމާންކަން ދެމެހެއްޓުމުގައި ފުލުހުން ސާބިތުވެތިބޭނެ: ކޮމިޝަނަރ އޮފް ޕޮލިސް
2 ގަޑިއިރު ކުރިން

ވަޒީފާއާއި އަމިއްލަ ދިރިއުޅުން ހަމަހަމަކުރުން: ކާމިޔާބު ދިރިއުޅުމެއްގެ ތަޅުދަނޑި
6 ގަޑިއިރު ކުރިން

މައިނިންގ މަޝްރޫޢުގެ ލިޔެކިޔުންތައް އޮޅުވާލި ކަމުގެ ތުހުމަތު އަދާނީއަށް!
20 ގަޑިއިރު ކުރިން


