
އިންޑިއާގެ ދެވަނައަށް އެންމެ މުއްސަނދި މަހުޖަނު ގޯތަމް އަދާނީގެ ކުންފުނި, ފޮޓޯ: އަލްޖަޒީރާ
މައިނިންގ މަޝްރޫޢުގެ ލިޔެކިޔުންތައް އޮޅުވާލި ކަމުގެ ތުހުމަތު އަދާނީއަށް!

އާމިނަތު ޝަޒްލާ - 16 އޮކްޓޯބަރު 2026 - 14:17
އިންޑިއާގެ ދެވަނައަށް އެންމެ މުއްސަނދި މަހުޖަނު ގޯތަމް އަދާނީގެ ކުންފުނިން އެ ގައުމުގެ އޮޑިޝާ ސްޓޭޓްގައި ހިންގަން އުޅޭ ބޮކްސައިޓް މައިނިންގ މަޝްރޫއަކަށް ހުއްދަ ހޯދުމަށް ތައްޔާރުކުރި ރަސްމީ ލިޔެކިޔުންތަކުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް އެ ސަރަހައްދުގެ ރައްޔިތުން ތުހުމަތުކޮށްފިއެވެ.
އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މައްސަލަ ފެންމަތިވެފައިވަނީ އިންޑިއާގެ އިރުމަތީ އޮޑިޝާ ސްޓޭޓްގެ ކޮރަޕުޓް ޑިސްޓްރިކްޓްގައި ހިމެނޭ، ގިނަ އަދަދަކަށް ގަދީމީ ގަބީލާތަކުގެ މީހުން ދިރިއުޅޭ ބަލްދާ އަވަށުގައެވެ.
އެ އަވަށުގެ ފިހާރައެއްގެ ވެރިއެއް ކަމަށްވާ ރަގުނާތު ޚާރާ ބުނި ގޮތުގައި، އެ އަވަށުގެ ހިތްގައިމު ޖަންގަލިތަކުން ބޮކްސައިޓް ނެގުމަށް ސަރުކާރުން ހުށަހަޅާފައިވާ މަޝްރޫޢަށް އޭނާގެ ރުހުން އޮތްކަން ހާމަކޮށް ތައްޔާރުކޮށްފައިވާ ލިޔުމެއްގައި، އޭނާގެ ފިތި އިނގިލީގެ ނިޝާން އޮތްތަން ފެނުމުން އޭނާ އިންތިހާއަށް ހައިރާންވެ ކަންބޮޑުވުން ފާޅުކުރިއެވެ. އަދި އެފަދަ އެއްވެސް ލިޔުމެއްގައި އޭނާ ދުވަހަކުވެސް އިނގިލީގެ ނިޝާން ޖަހާފައި ނުވާނެ ކަމަށް އޭނާ ބުންޏެވެ.
.webp&w=3840&q=75)
އަބަދުވެސް އޭނާ ސޮއިކުރަނީ އިނގިރޭސި ބަހުން ކަމަށް ބުނެ، އެ ލިޔުމުގައި ވަނީ އެހެން މީހެއްގެ އިނގިލީގެ ނިޝާނެއް ކަމަށް ޚާރާ ވަނީ ތުހުމަތުކޮށްފައެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ގާތް ގުޅުމެއް އޮންނަ އަދާނީގެ "އަދާނީ އެންޓަޕްރައިސަސް ލިމިޓެޑް"ގެ ދަށުން ހިންގާ ކަލިންގާ އެލުމިނާ ލިމިޓެޑުން ކުރިއަށް ގެންދާ 24 މިލިއަން ޑޮލަރުގެ މި މަޝްރޫޢުގެ ސަބަބުން ބަލްދާ އާއި އެއާ 5 ކިލޯމީޓަރު ދުރުގައި އޮންނަ ބަންނޫރު އަވަށުގެ އެތައް ސަތޭކަ ބައެއްގެ ބިންތައް ގެއްލިގެންދާނެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ޖަންގަލިތަކާއި ފެހި ބިންތަކާއި ހޮހަޅަތައް ހިމެނޭ، އަދި ވަށައިގެންވާ މަދުވެގެން 10 ގަބީލާގެ އަވަށެއްގެ މީހުން މާތް ތަނެއްގެ ގޮތުގައި ބަލާ ބަލްދާ ފަރުބަދައިގެ ބޮޑު ބައެއް މި މަޝްރޫޢުގެ ސަބަބުން ހަލާކުވެގެންދާނެ ކަމަށް ވެއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހު ބަލްދާ އާއި ބަންނޫރުގައި އަވަށު ކައުންސިލް ބައްދަލުވުންތަކެއް ބާއްވައި، ގާތްގަނޑަކަށް 600 އެއްހާ މީހުންގެ ސޮޔާއި އިނގިލީގެ ނިޝާން ހޯދާފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ނަމަވެސް، ޚާރާ އަލްޖަޒީރާއަށް ކިޔައިދިން ގޮތުގައި އޭނާ އެ ބައްދަލުވުމުގައި އެއްގޮތަކަށްވެސް ބައިވެރިވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާ އާއި އޭނާގެ އަންހެނުންނާއި، އުޚުތު އަދި އަވަށުގެ އެހެން މީހުން އެ ވަގުތު ތިބީ ކައުންސިލް އިދާރާއާ 100 އެއްހާ މީޓަރު ދުރުގައި އެ މަޝްރޫޢާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރުމުގައެވެ.
މި މައްސަލައާ ގުޅިގެން އެ ސަރަހައްދުގެ ގަދީމީ ގަބީލާތަކުގެ ރައްޔިތުން ދަނީ އެމީހުންގެ ބިމާއި ތިމާވެށި ހިމާޔަތްކުރުމަށްޓަކައި އަދާނީގެ މި މަޝްރޫޢާ ދެކޮޅަށް ވަރުގަދައަށް އިހުތިޖާޖު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އައްޑޫ ސިޓީ ދަނޑުވެރިންނަށް ހާއްސަކޮށްގެން މީދޫގައި މާރުކޭޓެއް ހުޅުވައިފި
3 ގަޑިއިރު ކުރިން

އޯޒޯން އޮފިސަރުންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
3 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާ މީހަކު ހައްޔަރުކޮށް، 30 ދުވަހަށް ބަންދުކޮށްފި
3 ގަޑިއިރު ކުރިން

ހުޅުމާލޭގައި ފުލުހުންގެ ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ
3 ގަޑިއިރު ކުރިން


