logo

ރައީސް ޑރ. މުއިއްޒު ލުބުނާންގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

profile

އައިމިނަތު ރޫޔާ - 22 ނޮވެމްބަރު 2024 - 13:05

ރައިސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ރައިސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ލުބްނާނުގެ މިނިވަން ދުވަހުގެ ތަހުނިޔާ، އެ ޤައުމުގެ ބޮޑުވަޒީރަށާއި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

ލުބްނާނުގެ ބޮޑުވަޒީރު މުޙައްމަދު ނަޖީބު ޢަޒްމީ މީޤާތީއަށް ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ލުބުނާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ރައީސްގެ މެސެޖުގައި، ޒަމާނުއްސުރެ ދެ ޤައުމުގެ މެދުގައި އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

އަދި ޤައުމުގެ މިނިވަން ދުވަސް އައިސް ބައްދަލުކުރި މި ދަނޑިވަޅަކީ ލުބްނާނަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއް ކަމުގައި ފާހަގަކުރައްވަމުން، އެ ޤައުމުގެ އަޚުންނާއި އުޚުތުންނާއެކުގައި ދިވެހިރާއްޖެ އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ހަމަމިއާއެކު، ރައީސްގެ މެސެޖުގައި، ލުބްނާނުގެ ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.

https://int.etukuri.mv/
tel:+9607331319