.jpeg&w=3840&q=75)
ވާހަކަ - ބަދުނާމު
ވާހަކަ - ބަދުނާމު ( އެޕިސޯޑް 3 )
.png&w=3840&q=75)
އަހުމަދު ޖަމީލް - 30 އޮކްޓޯބަރު 2026 - 08:42
"މި ވާހަކައިގައި ބޭނުންކުރެވިފައިވާ ނަންތަކަކީ މުޅިންވެސް ލިޔުންތެރިޔާގެ ޚިޔާލީ އުފެއްދުމެއް ކަމަށާއި، ހަގީގީ މީހުންނާއި، ތަންތަނާއި، ނުވަތަ ހާދިސާތަކާ އެއްވެސް އެއްގޮތްކަމެއް ހުރުމަކީ އިއްތިފާގުން ދިމާވެދާނެކަމެއް"
ފުލުހުންގެ ބޮޑު ޓީމު އެޕާޓްމަންޓްގެ އެތެރެއަށް ވަދެގަތީ އެއްވެސް އިޙްތިރާމެއް ނެތިއެވެ. ފުލުހުންގެ އޮފިސަރު އަތުގައި އޮތް ކޯޓު އަމުރު އައިޝާގެ ކުރިމައްޗަށް ދިއްކޮށްލިއެވެ. އޭގައި ވަނީ ދައުލަތުގެ ސިއްރު ލިޔެކިޔުންތަކެއް ވަގަށް ނަގައި، ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޢަމަލުތަކެއް ހިންގަން އުޅުނު ކަމުގެ ތުހުމަތެވެ. މި ދޮގު އިލްޒާމު ފެނިފައި އައިޝާގެ ފައިދަށުން ބިންގަނޑު ދެމިގަތް ފަދަ އިޙްސާސެއް ކުރެވުނެވެ. މިއީ ފާތުންގެ ރޭވުމެއްކަން އައިޝާއަށް ކަށަވަރުވިއެވެ. ފާތުން އެ މަސައްކަތް ކުރަނީ މުހައްމަދުގެ ވެރިކަމުގެ ހިޔަނީގައި ހުރެ، އޭނާ މުޅި މުޖުތަމަޢުގައި ބަދުނާމުކޮށް، ދުވަހަކުވެސް ބޯހިއްލައިނުލެވޭނެ ފަދަ ހާލަތަކަށް ވައްޓާލާށެވެ.
ފުލުހުން މުޅި އެޕާޓްމަންޓް ފާސްކުރަން ފެށިއެވެ. ފޮތްތަކާއި، ކަބަޑުތަކާއި، އައިޝާގެ އަމިއްލަ ތަކެތި އުކާލައި، ސުންނާފަތި ކުރަމުން ދިޔައެވެ. އެމީހުން އެންމެ ފަހުން ބަލައި ފާސްކުރީ އެޕާޓްމަންޓްގެ މެދުގައި ހުރި އެލް ސޯފާއެވެ. އެއީ މުހައްމަދު އެތައް ރެޔަކު އިނދެގެން ޤައުމުގެ ކަންކަމާ މަޝްވަރާކޮށް، އައިޝާއަށް ލޯބީގެ ވަޢުދުތައް ވީ ތަނެވެ. ފުލުހުން އެ ސޯފާގެ ގޮދަޑިތައް ނަގައި، އެތަން ފަޅައި، އެތެރެ ބެލިއެވެ. އެ މަންޒަރު ފެނިފައި އައިޝާގެ ހިތް ކުދިކުދިވިއެވެ. އޭނާގެ ހިތުގައި އޮތް ލޯބީގެ ހުރިހާ ރަމްޒެއް ދިޔައީ ވެއްޔާ މޮޑެވެމުންނެވެ. އެލް ސޯފާއަކީ އެމީހުންގެ ލޯބީގެ އެންމެ އުފާވެރި ހަނދާންތައް ދިރިހުރި ތަނަށްވީއިރު، މިއަދު އެތަން ބަދަލުވެގެން ދިޔައީ ޚިޔާނާތާއި މަކަރުގެ ހެކިބަސް އަދާކުރާ ބިރުވެރި ބިނާއަކަށެވެ.
"އައިޝާ، ތިހުރީ ހައްޔަރުކުރެވިފައި. ހިނގާ ޕޮލިސް އޮފީހަށް ދާން!" ފުލުހުންގެ އިސް އޮފިސަރު ހަރުކަށި އަޑުން ބުންޏެވެ. އައިޝާގެ އަތުގައި ބިޑިއަޅުވައި، ދަމާކޫއްތާފައި ކަހަލަ ގޮތަކަށް ޕޮލިސް ވޭނަށް އެރުވިއެވެ. މުޅި މަގުމައްޗަށް މީހުން އެއްވެ، އައިޝާއާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. ސޯޝަލް މީޑިއާގައި ކުޑަހިނދުކޮޅެއްގެ ތެރޭގައި ޚަބަރު ފެތުރިގެން ދިޔައީ ރައީސް މުހައްމަދަށް ބިރުދައްކައި، ދައުލަތް ބްލެކްމެއިލް ކުރަން އުޅުނު އަންހެނަކު ހައްޔަރުކުރި ކަމަށެވެ. މީޑިއާތަކުން އައިޝާގެ އަބުރު ކަތިލަމުން ދިޔައީ އެއްވެސް އަސްލެއް ނެތް ދޮގު މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށެވެ. މިއީ ފާތުންގެ ސީދާ އިރުޝާދުގެ ދަށުން ރައީސް އޮފީހުގެ ނުފޫޒު ބޭނުންކޮށްގެން ހިންގި ޕްރޮޕެގެންޑާއެކެވެ.
ޕޮލިސް އޮފީހަށް ގެންގޮސް އައިޝާ ބޭންދީ ފިނި، އަނދިރި އިންޓަގްރޭޝަން ކޮޓަރިއެއްގައެވެ. ގަޑިއިރުތަކެއް ވަންދެން އެކި އޮފިސަރުން ވަދެ އޭނާއަށް ނަފްސާނީ ގޮތުން އަނިޔާކުރަމުން ދިޔައެވެ. އެމީހުން ބޭނުންވީ މުހައްމަދާ ގުޅޭގޮތުން އޭނާގެ އަތުގައި ހުރި ހުރިހާ ސިއްރު ލިޔެކިޔުންތަކެއް ދީ، މުހައްމަދަށް ދުވަހަކުވެސް ނުގުޅާނެ ކަމަށް އެއްބަސްވެ ސޮއިކުރުވާށެވެ. ނަމަވެސް އައިޝާ ސާބިތުކަމާއެކު ދެކޮޅުހެދިއެވެ. "އަހަރެން އެއްވެސް ލިޔުމެއް ވަގަށް ނުނަގަން! ތިޔައީ ދޮގެއް! އަހަރެން ބޭނުންވަނީ މުހައްމަދާ ވާހަކަދައްކަން. އޭނާއަށް އެނގޭނެ މި ހުރިހާ ކަމެއްގެ ހަޤީޤަތް،" އައިޝާ ހަޅޭއްލަވައިގަތެވެ.
އެވަގުތު އިންޓަގްރޭޝަން ރޫމުގެ ބިއްލޫރިގަނޑުގެ އަނެއްފަރާތުގައި ހުރެގެން ފާތުން އެ މަންޒަރު ބަލަމުން ދިޔައެވެ. ފާތުންގެ ތުންފަތުގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭނާ ޕޮލިސް ކޮމިޝަނަރަށް ބުންޏެވެ. "އޭނާގެ އަޑު އަދިވެސް ވަރަށް ގަދަ. އޭނާގެ ބާރު ކަނޑުވާލަން ޖެހޭނީ އޭނާގެ އެންމެ ބަލިފަޔަށް ޙަމަލާދީގެން. އޭނާގެ ޢާއިލާއަށް ޙަމަލާދީ!"
ފާތުންގެ އެ ނުބައި ރޭވުމާއެކު، އައިޝާގެ ކުށެއްނެތް ޢާއިލާގެ ދިރިއުޅުން ކަތިލުމުގެ މަސައްކަތް ރަސްމީކޮށް ފެށުނެވެ. ވަލިއްޔުލް އަމްރުގެ ނަމުގައި، ރިޔާސީ ގަނޑުވަރުން ނިކުންނަ އަމުރުތަކުގެ ސަބަބުން، އައިޝާގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހެމުން ދިޔައީ އެއްވެސް ރަޙުމެއް، އިންސާނިއްޔަތުކަމެއް ނެތިއެވެ.
(ނުނިމޭ - ހަތަރުވަނަ އެޕިސޯޑަށް އިންތިޒާރުކުރައްވާ)
ގުޅުން ހުރި ޙަބަރުތައް

ދަތުރުދާއިރު ފޮށި ބަންދުކުރުމަށް ފަސޭހަ އަދި މުހިންމު އިރުޝާދުތަކެއް
33 މިނިޓު ކުރިން

ރޭޕް ކޭސް: ހައްޔަރުކުރި އެކަކު ޝަރީއަތް ނިމެންދެން ބަންދުކުރުމާ އެކު އިތުރު ބައެއްގެ ބަންދު އިތުރުކޮށްފި
34 މިނިޓު ކުރިން

ޔޫސީއެލްޖީ އެސްޕެކްގެ ހަވާސާ ބައްދަލުވުމުގައި މާލޭގެ މޭޔަރު ބައިވެރިވެވަޑައިގެންފި
ގަޑިއިރެއް ކުރިން

ޓްރިވެންޑްރަމަށް ބޭހަށް ގޮސް އުޅެނިކޮށް ގެއްލުނު އަލީ އިބްރާހިމް ފެނިއްޖެ
ގަޑިއިރެއް ކުރިން


