ޣައްޒާގެ އުތުރުގައި އިސްރާއީލު ސިފައިންގެ 4 މީހުން އިއްޔެ މަރާލި. ހަފްތާ ނިމުނުއިރު 10 މީހުން މަރާލި
ސައިފް އަޒުހަރު - 12 ޖެނުއަރީ 2025 - 07:52
ޣައްޒާގެ އުތުރުގެ ބައިތު ހާނޫންގައި މުޖާހިދުންގެ ހަމަލާތަކުގައި އިއްޔެ އިސްރާއީލު ސިފައިންގެ 4 މީހުން މަރާލި ކަމަށާއި، މިއާއެކު، ނިމުނު ހަފްތާ ތެރޭގައި މުޖާހިދުންގެ ހަމަލާތަކުގައި މަރުވި ސިފައިންގެ އަދަދު 10 އަށް އަރާފައިވާ ކަމަށް ޓައިމްސް އޮފް އިޒްރޭލްއިން ބުނެފިއެވެ.
ޣައްޒާގެ އުތުރުގައި މިދިޔަ ހަފްތާގެ ބުދަދުވަހު 3 ސިފައިން މަރާލި ކަމަށާއި، އޭގެ ކުރީ ދެދުވަހުގެ ތެރޭގައިވެސް 3 ސިފައިން މަރާލާފައިވާ ކަމަށް ނޫހުން ބުނެފައި ވެއެވެ.
މިއާއެކު، ވޭތުވެދިޔަ 80 ވަރަކަށް ދުވަހުގެ ތެރޭގައި ޣައްޒާގެ އުތުރުގައި މުޖާހިދުންގެ ހަމަލާތަކުގައި މަރާލި އިސްރާއީލު ސިފައިންގެ ޖުމްލަ އަދަދު 48 އަށް އަރާފައިވާ ކަމަށް ޓައިމްސް އޮފް އިޒްރޭލްއިން ބުނެފައި ވެއެވެ.
އިސްތިއުމާރީ އިސްރާއީލު ސިފައިން ގެންދަނީ، ޣައްޒާގެ އުތުރު އެއްކޮށް ބަންދުކޮށް ހިސާރުކޮށް، އާންމުން ޝަހީދުކޮށް، ގެދޮރާއި އިމާރާތްތަކަށް ބޮންއަޅައި ސުންނާފަތި ކުރަމުންނެވެ.
ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ އާންމުން ތިބި ސްކޫލްތަކަށާއި، ހޮސްޕިޓަލްތަކަށާއި، ޓެންޓުތަކަށްވެސް ގެންދަނީ ބޮންއަޅަމުންނެވެ.
ޣައްޒާގެ މުޖާހިދުންވެސް ގެންދަނީ، އިސްތިއުމާރީ ޓެރަރިސްޓުންނާ ދެކޮޅަށް އެމީހުންނަށް ކުރެވުނު ކަމެއް ކުރަމުންނެވެ.
އެގޮތުން، ދޭތެރެ ދޭތެރެއިން މިހާރުވެސް އިސްރާއީލުގެ ތެރެއަށް ރޮކެޓު ހަމަލާތައް ދެމުން ގެންދާއިރު، އެއްގަމުމަގުން އަރައި، ޣައްޒާގެ އުތުރުގައި ޖަރީމާތައް ހިންގަމުންގެންދާ ޓެރަރިސްޓު ސިފައިންނަށް ފިލާތިބެ ހަމަލާދީ އެމީހުން މަރައި، އެމީހުންގެ އަސްކަރީ އުޅަނދުތަކާއި، ހަތިޔާރަށްވެސް ހަމަލާދީ ގޮއްވަމުން ގެންދެއެވެ.
މިދިޔަ ހުކުރުދުވަހުވެސް، ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި މުޖާހިދުން ކުރިން ފޮރުވާފައިއޮތް ބޮމެއް ގޮއްވާލުމުގެ ސަބަބުން އިސްތިއުމާރީ ސިފައިންގެ 8 މީހުން ވަރަށް ބޮޑަށް ޒަޚަމްވި ކަމަށް އިސްރާއީލުގެ ކާން ޓީވީން މިއަދު ބުނެފައި ވެއެވެ.
ޣައްޒާ ތެރޭގައި، މުޖާހިދުންގެ ހަމަލާތަކުގައި މަރުވާ ސިފައިންގެ އަދަދުތަކާއި، ޒަޚަމްވާ އަދަދުތަކާއި، ލިބޭ ގެއްލުންތަކުގެ ތަފްސީލެއް އިސްރާއީލު އަސްކަރިއްޔާއިން ހާމައެއް ނުކުރެއެވެ. އަދި އެފަދަ މައުލޫމާތު ހާމަކުރުން އިސްރާއީލު މީޑިއާއަށްވެސް އޮންނަނީ މަނާކޮށްފައެވެ. އެކަމަކު، މިނިވަން މީޑިއާތަކުން އެކަން ކޮންމެވެސް ވަރަކަށް ކުރެއެވެ.
ހަނގުރާމައަށް 14 މަސް ވެގެންދިޔައިރު، ޣައްޒާގައި އިސްރާއީލު ސިފައިންގެ އެތައްސަތޭކަ ބަޔަކު މަރާލާފައިވާ ކަމަށް ބެލެވޭއިރު، ޒަޚަމްވި މީހުންގެ އަދަދު އެތައްހާހަށް އަރާފައި ވެއެވެ.
ޣައްޒާގައި ހަނގުރާމަކުރާ އިސްރާއީލުގެ 800 ސިފައިންގެ މައިންބަފައިން ބުރާސްފަތި ދުވަހު ނަތަންޔާހޫއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ "ކަލޭ ތިކުރާ ހަނގުރާމައަކީ އެއްވެސް އަމާޒެއްނެތް ހަނގުރާމައެއް. އަހަރެމެންގެ ދަރިން ޣައްޒާގައި އިތުރަށް ތިބުމުގެ ބޭނުމެއްނެތް. ޣައްޒާގައި އަހަރެމެން ވަޒަންވެރި ކުރާނެ ކަމަށް ބުނެ ހުސް ހުވަފެންތަކެއް ދައްކާނެ ކަމެއްނެތް. ކަލޭގެ ސިޔާސީ މުސްތަގްބަލް ހިމާޔަތްކުރަން ތި ކުރާ ހަނގުރާމައިގައި އަހަރެމެންގެ ދަރިން ގުރުބާންކުރަން ފުރުސަތެއް ނުދޭނަން" ކަމަށެވެ.