logo

ޣައްޒާގެ ކުޑަކުދިންނަށްވުރެ ޔޫކްރެއިންގެ ކުޑަކުދިން ޔުނިސެފްގެ ވެރިޔާއަށް މުހިންމުވަނީ ކީއްވެގެންތޯ ރަޝިޔާއިން ސުވާލު އުފައްދައިފި

profile

ސައިފް އަޒުހަރު - 24 ޖެނުއަރީ 2025 - 09:17

ޔުނިސެފްގެ ވެރިޔާ ކެތަރިން ރަސަލް، ޣައްޒާގެ ކުޑަކުދިންނަށް ވުރެ ޔޫކްރެއިންގެ ކުޑަކުދިންނަށް މުހިންމުކަން ދެއްވާތީ، ރަޝިޔާއިން އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.

https://wamco.com.mv/

ރަޝިޔާއިން އދއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ވާސިލީ ނެބެންޒިއާ ވިދާޅުވީ، ޣައްޒާގެ ކުޑަކުދިންގެ ހާލަތާ ގުޅޭގޮތުން ސަލާމަތީ މަޖިލީހަށް މައުލޫމާތު ދިނުމުގައި ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރ ކެތަރިން ރަސަލް ފެއިލްވެފައިވާ ކަމަށެވެ. ރަޝިޔާ އެމްބަސެޑަރ ވަނީ، މިކަމާހެދި ކެތަރިން ކުށްވެރި ކުރައްވާފައެވެ.

ރަޝިޔާ އެމްބަސެޑަރ ވިދާޅުވީ، އދގެ ސަލާމަތީ މަޖިލީހުގެ ރިޔާސަތު މިދިޔަ ޑިސެމްބަރުމަހު އެމެރިކާއިން ބެލެހެއްޓިއިރު، ޔުނިސެފްގެ ވެރިޔާ ކެތަރިން، ޔޫކްރެއިންގެ ކުޑަކުދިން ތަހައްމަލްކުރަމުންދާ ހާލަތާގުޅޭ އަސަރުގަދަ ރިޕޯޓެއް ސަލާމަތީ މަޖިލީހަށް ހުށަހެޅުއްވި ކަމަށެވެ.

އެކަމަކު، ފަލަސްތީނުގެ ޣައްޒާގައި އެތައްހާސް ތުއްތު ކުދިންނާއި، ކުޑަކުދިން މަރާލުމާއި، ޣައްޒާގެ ކުޑަކުދިން ތަހައްމަލް ކުރަމުންދާ ބިރުވެރިކަމާއި، ހިތާމަތަކާ ގުޅޭގޮތުން ސަލާމަތީ މަޖިލީހަށް މައުލޫމާތު ދިނުމުގައި ޔުނިސެފްގެ ވެރިޔާ ފެއިލްވެފައިވާ ކަމަށާއި، އެއީ ފާޅުކަންބޮޑު ގޮތެއްގައި އެނގޭ ކަމެއް ކަމަށް ރަޝިޔާގެ އެމްބަސެޑަރ ވިދާޅުވިއެވެ.

undefined

ޔުނިސެފްގެ ވެރިޔާގެ އަމަލުތައް ހުރިގޮތުން، ރަޝިޔާގެ ސީރިއަސް ފާޑުކިއުންތައް އޭނާއަށް ހައްގުވާ ކަމަށްވެސް އެމްބަސެޑަރ ވިދާޅުވިއެވެ.

ޔުނިސެފްގެ ވެރިޔާ ކެތަރިން ރަސަލްގެ އަމަލުތައް ހުރިގޮތުން، ޔޫކްރޭންގެ ކުދިންނަށް ވުރެ ޣައްޒާގެ ކުޑަކުދިންގެ މުހިންމުކަން ޔުނިސެފަށް ކުޑަކަމަށް ފެންނަ ކަމަށް ރަޝިޔާގެ އެމްބަސެޑަރ ވިދާޅުވެފައި ވެއެވެ.

ރަޝިޔާގެ އެމްބަސެޑަރުގެ ފާޑުކިއުންތައް އަމާޒުވުމުން، ޔުނިސެފްގެ ތަރުޖަމާނެއް ވިދާޅުވެފައިވަނީ، ސަލާމަތީ މަޖިލީހާ މައުލޫމާތު ހިއްސާކުރައްވަން އެގްޒެކެޓިވް ޑިރެކްޓަރ ކެތަރިން ރަސަލް ހުށަހަޅުއްވާފައިވާނޭ ކަމަށެވެ.

އަދި ޣައްޒާގެ ކުޑަކުދިންގެ ހާލަތާ ގުޅޭގޮތުން ކެތަރިން މީގެކުރިން "އެތައް ފަހަރެއްގެމަތިން" ސަލާމަތީ މަޖިލީހަށް މައުލޫމާތު ހިއްސާކުރައްވާފައި ވާނޭ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

އެކަމަކު، އދގެ އިންސާނީ އެހީއާބެހޭ ވެރިޔާ ޓޮމް ފްލެޗަރ ސްޓޮކްހޯމްގައި ހުންނަވައި ވީޑިއޯ މެދުވެރިކޮށް ވަނީ، ޣައްޒާގެ ކުޑަކުދިންގެ ހާލަތާ ގުޅޭގޮތުން ސަލާމަތީ މަޖިލީހާ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

ފްލެޗާ ވިދާޅުވީ ޣައްޒާގައި އެތައް ކުޑަކުދީން މެރުމާއި، ބަނޑަށް މެރުމާއި، ގަދަފިނީގެ ސަބަބުން ގަނޑުވެގެން މަރުވުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށެވެ.

ޣައްޒާގެ އެތައްހާސް ކުދީންނެއް ނިކަމެތިވެ، ޔަތީމުވެ، އާއިލާއާ ވަކިވެފައިވާ ކަމަށާއި، ޣައްޒާގައި 17،000 އަށް ވުރެ ގިނަ ކުދިން އާއިލާއެއް ނެތި ދިރިއުޅެމުންދާ ކަމަށް އަންދާޒާތަކުން ދައްކާ ކަމަށްވެސް އދގެ އިންސާނީ އެހީއާބެހޭ ވެރިޔާ ވިދާޅުވިއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay