ރަޝިޔާގައި އުމުރުން ދުވަސްވީ މީހުން ބައިތިއްބާ މަރުކަޒެއްގައި ރޯވެ 22 މީހުން މަރުވެއްޖެ
އަހުމަދު ޔައީޝް - 26 ޑިސެމްބަރު 2022 - 13:33
ރަޝީޔާގައި ނާރސިންގ ހޯމެއްގައި ރޯވެ އަދަނީ --- ފޮޓޯ: މޮސްކޯ ޓައިމްސް
ރަޝިޔާގެ ސައިބީރިޔާގެ ރަށެއްގައި ހުންނަ އުމުރުން ދުވަސްވީ މީހުން ބައިތިއްބާ މަރުކަޒެއްގައި އަލިފާން ރޯވެ 22 މީހުން މަރުވެއްޖެއެވެ.
އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ކެމެރޯވޯ ކިޔާ ރަށެއްގައެވެ. އަމިއްލަ ފަރާތަކުން ހިންގާ މި މަރުކަޒުގައި ރޯވެފައި ވަނީ ދަންވަރުގެ ވަގުތުގައެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކެމެރޯވޯގެ ކޮމިޓީއަކުން ތަހުޤީޤު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މި ހާދިސާ ހިނގި މަރުކަޒަކީ ޤަވާޢިދާ ޚިލާފަށް ހިންގާ ތަނެއް ކަން ވަނީ ހާމަވެފައެވެ. އަލިފާނުގެ ހާދިސާގައި އިތުރު ހަ މީހަކު ޒަޚަމުވިއެވެ. އަދި، ދެ މީހެއްގެ ހާލު ސީރިޔަސް ކަމަށާއި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އެ މީހުންނަށް ފަރުވާ ކުރަމުންދާ ކަމުގައި ކެމެރޯވޯގެ އޮފިޝަލުން ބުނެއެވެ.
އަލިފާން ރޯވެފައިވާ ޢިމާރާތަކީ ލަކުޑިން ހަދާފައިވާ ދެ ބުރިއަށް ނަގާފައިވާ ޢިމާރާތެކެވެ. މި ހާދިސާގައި 180 އަކަމީޓަރުގެ ސަރަޙައްދެއްގައި ބިނާކޮށްފައި މުޅި ޢިމާރާތް ވަނީ އަނދާފައެވެ. ޢިމާރާތުގައި އަލިފާން ރޯވާން މެދުވެރިވީ، އެ ތަން ހޫނުކުރަން ބޭނުން ކުރާ އުނދުނެއްގައި ރޯވުމުގެ ސަބަބުން ކަމަށް ތަހުޤީޤީ ޓީމުން ބުނެއެވެ. އަދި، އެ ތަނުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާ ކަން ވެސް އޮފިޝަލުން ފާހަގަކުރެއެވެ.
މިއީ ގަސްދެއް ނެތި ބަޔެއްގެ ފުރާނަ ނަގައިލުމުގެ ހާދިސާއެއްގެ ގޮތުގައި ތަހުޤީޤީ އިދާރާއިން ދަނީ ބަލަމުންނެވެ. އަދި، މި ހާދިސާގައި ޒިންމާވާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެ އިދާރާއިން ވަނީ ދީފައެވެ. 2018 ވަނަ އަހަރު ވެސް ކެމެރޯވޯގައި މި ފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. ފިހާރަ ބަރިއެއްގައި ހިނގި އެ ހާދިސާގައި 60 މީހުން މަރުވިއެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް
ސުލްޙައިގެ މަޝްވަރާތަކަށް ރަޝިޔާ އޮތީ ތައްޔާރަށް
2 އަހަރު ކުރިން
ރަޝިޔާ - ޔޫކްރެއިން ހަނގުރާމަ: އީރާނަކީ ރަޝިޔާގެ އެއް އަތް - އެމެރިކާ
2 އަހަރު ކުރިން
ރަޝިޔާ އާއި ދެކޮޅަށް އަޅައިފައި ވާ ފިޔަވަޅު ތައް ހަރުކަށި ކުރަން ނިންމައިފި
2 އަހަރު ކުރިން
ރަޝިޔާގެ ޖާސޫސީ ބޯޓުތަކެއް ޖަޕާނުން ފައްސާލައިފި
2 އަހަރު ކުރިން