logo

ވައިގެމަގުން ރާއްޖެއަށް 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ތިން މީހަކު ހައްޔަރަށް!

profile

އާމިނަތު ޝަޒްލާ - 25 ސެޕްޓެމްބަރު 2026 - 13:48

އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ވައިގެމަގުން ރާއްޖެއަށް ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ބޭރުގެ ދެ މީހަކާއި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފައިވަނީ، މި ހިނގާ މަހުގެ 22 ވަނަ ދުވަހު އިންޑިއާއިން ގަމަށް އައި ފްލައިޓަކުން ދަތުރުކުރި ދެ ފަސިންޖަރެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ރާއްޖެ އެތެރެކުރަން އުޅޭކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

ކަސްޓަމްސް އޮފިސަރުން އެ ދެ މީހުންގެ ލަގެޖް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައިވާތީ އެ މައުލޫމާތު ވަގުތުން ފުލުހުންނާ ވަނީ ހިއްސާކޮށްފައެވެ. އަދި ލަގެޖުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި ތިން ކިލޯއަށްވުރެ ގިނަ ހުރިކަމަށް ރެކޯޑުކުރެވިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ގަން އެއާޕޯޓުން އިންޑިއާގެ ދެ ރައްޔިތުން ހައްޔަރުކުރުމަށްފަހު، އެ ތަކެއްޗާ ހަވާލުވާން އުޅުނު ފަރާތްތައް ހޯދުމަށްޓަކައި ފުލުހުން ވަނީ ވަރުގަދަ ޚާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. މިގޮތުން ސައުތު ޕޮލިސް ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް އަދި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި "ކޮންޓްރޯލް ޑެލިވަރީ" އޮޕަރޭޝަނެއްގައި ވަނީ އެ ތަކެއްޗާ ހަވާލުވި ދިވެހި ފިރިހެނަކު އަތުލައިގެންފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ ވިވެކް އަމްބަން، އާއި 32 އަހަރު އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޝަހްމިލް ޕަލި ޕަރަމްބަތް ގެ އިތުރުން ޏ. ފުވައްމުލަކު ހޯދަޑު. ކުމެރީގެ އުމުރުން 36 އަހަރުގެ ޢަބްދުﷲ އިބްރާހީމްއެވެ

މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އިންޑިއާގެ ދެ މީހުން ކަމަށްވާ ވިވެކް އަމްބަން އަދި ޝަހްމިލް ޕަލި ޕަރަމްބަތް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. އަދި ދިވެހި މީހާ، ޢަބްދުﷲ އިބްރާހީމްގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ރާއްޖޭގެ ދެކުނުގެ މައި ދޮރާށި ކަމަށްވާ ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ސީދާ ބައިނަލްއަގުވާމީ ދަތުރުތައް އިތުރުވަމުން އަންނައިރު، ވައިގެމަގުން ޑްރަގް އެތެރެކުރުން ހުއްޓުވުމަށް ސަލާމަތީ ޚިދުމަތްތަކުން އަންނަނީ ފާރަވެރިކަން ވަރުގަދަކުރަމުންނެވެ. ޚާއްސަކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މަސްތުވާތަކެތި ފެތުރުން ހުއްޓުވައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް އަތުލައިގަތުމަށް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ޚާއްސަ އޮޕަރޭޝަންތައް އަންނަނީ ހިންގަމުންނެވެ.

މި މައްސަލައިގައި ހިމެނޭ މަސްތުވާތަކެތީގެ ބާވަތްތަކާއި، މި ވިއުގައާ ގުޅުންހުރި އިތުރު މީހުން ހޯދުމުގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ އިތުރަށް ކުރިއަށް ގެންދަމުންނެވެ.

https://wamco.com.mv/
tel:+9607331319