
ގްލޯބަލް އިކޯސިސްޓަމްސް އެޓްލަސް ފައިނަލް ވޯކްޝޮޕްގައި ރާއްޖެއިން ބައިވެރިވެއްޖެ

އާމިނަތު ޝަޒްލާ - 25 ސެޕްޓެމްބަރު 2026 - 12:25
އޮސްޓްރޭލިއާގެ ޓައުންސްވިލްގައި ހުންނަ ޖޭމްސް ކުކް ޔުނިވަރސިޓީގައި ކުރިއަށްދިޔަ "ގްލޯބަލް އިކޯސިސްޓަމްސް އެޓްލަސް މޯލްޑިވްސް އެކްސެލެރޭޓަރ ފައިނަލް ވޯކްޝޮޕް" ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، ސެޕްޓެމްބަރު 22 އިން 24 އަށް ކުރިއަށްދިޔަ މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އެ މިނިސްޓްރީ އާއި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އިން ކަމަށެވެ.
ގްރޫޕް އޮން އާތު އޮބްޒަވޭޝަންސް (ޖީ.އީ.އޯ) އާއި ޖޭމްސް ކުކް ޔުނިވަރސިޓީގެ ކޮލެޖް އޮފް ސައިންސް އެންޑް އިންޖިނިއަރިންގްގައި ގާއިމުކޮށްފައިވާ ގްލޯބަލް އިކޯލޮޖީ ލެބް ގުޅިގެން އިންތިޒާމުކުރި މި ވޯކްޝޮޕަކީ، ރާއްޖޭގެ ތަޖުރިބާކާރުންނާއި ބައިނަލްއަގުވާމީ ފަރާތްތައް ގުޅިގެން ރާއްޖޭގެ ގައުމީ އިކޯސިސްޓަމް މެޕް ނުވަތަ ތިމާވެށީގެ ނިޒާމުތައް ދައްކުވައިދޭ ޗާޓު ފައިނަލް ކުރުމުގެ މަގުސަދުގައި ބޭއްވުނު ބައްދަލުވުމެކެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ރާއްޖޭގެ އެއްގަމުގެ ތިމާވެށީގެ ނިޒާމުތަކާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް، ޗާޓުގެ އެންމެ ފަހުގެ ފަރުމާ ވަނީ މުރާޖައާކޮށްފައެވެ. އަދި ޗާޓުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ބޭނުންވާ އައު ތަމްރީނު މައުލޫމާތު ހިއްސާކުރުމުގެ އިތުރުން، އެ ޗާޓަކީ ރާއްޖޭގެ ބަހާއި ސަގާފީ ތަރިކަ ރަމްޒުކޮށްދޭ އެއްޗަކަށް ހެދުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މި މަސައްކަތު ބައްދަލުވުން ނިންމާލާފައިވަނީ އެކުލަވައިލެވުނު މައުލޫމާތުތައް ފަސޭހައިން ބޭނުންކުރެވޭނެ އަދި އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖައްސާނެ ގޮތުގެ ޕްލޭނަކާ އެކުގައެވެ.
މި ޗާޓު އެކުލަވައިލުމުގެ ސަބަބުން ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތަކާ ގުޅޭ ސައިންޓިފިކް އަދި އިތުބާރު ހުރި ފުރިހަމަ މައުލޫމާތުތަކެއް އެއްކުރެވިގެންދާނެއެވެ. އަދި މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ދުރުރާސްތާ ރޭވުންތައް އެކުލަވައިލުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން، ސިޔާސަތުތައް ކަނޑައެޅުމުގައި ގައުމީ ފެންވަރުގައި ނިންމާ ނިންމުންތަކަށް ލިބިގެންދާނެ ވަރަށް ބޮޑު އިލްމީ އެހީތެރިކަމެކެވެ. މި މަސައްކަތުގައި ޖީ.އީ.އޯ އާއި ގްލޯބަލް އިކޯލޮޖީ ލެބުން ވެދެއްވި އެހީތެރިކަމާއި ބެހެއްޓެވި ގާތް ގުޅުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ދިވެހިރާއްޖެއަކީ ނާޒުކު ޖަޒީރާ ގައުމަކަށް ވުމާއެކު، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ފޯރާ އެއް ގައުމެވެ. ރާއްޖޭގެ ރަށްތަކާއި، ކުޅި ފާލަންތަކާއި، ފަރުތަކުގެ އިކޯސިސްޓަމަކީ ދިވެހިންގެ ދިރިއުޅުމާއި، އިގްތިސާދާއި، މަސްވެރިކަމާއި ފަތުރުވެރިކަމުގެ މައިބަދައެވެ. ވޭތުވެދިޔަ އަހަރުތަކުގައި ބިން ހިއްކުމާއި، އުމްރާނީ ތަރައްގީގެ ސަބަބުން އެއްގަމާއި ކަނޑުގެ ތިމާވެއްޓަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، މިފަދަ ނިޒާމުތައް ޗާޓުކޮށް، ސައިންޓިފިކް މައުލޫމާތު އެއްކުރުމަކީ ދެމެހެއްޓެނިވި ތަރައްގީއަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ސަރުކާރުން ގެންދަވަނީ ތިމާވެށި ހިމާޔަތްކުރުމަށާއި، ފެހި އިގްތިސާދެއް ބިނާކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ވަކާލާތުކޮށް، ގައުމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން 5 މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫއު ފަދަ މުހިންމު ހަރަކާތްތައް ފަށާފައިވާއިރު، ރާއްޖޭގެ އެޓްލަސް ފަދަ ޒަމާނީ ސައިންޓިފިކް ވަސީލަތްތައް އެކުލަވައިލުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެކެވެ.
ގުޅުން ހުރި ޙަބަރުތައް

ވައިގެމަގުން ރާއްޖެއަށް 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ތިން މީހަކު ހައްޔަރަށް!
ސިކުންތުކޮޅެއް ކުރިން

ތިލަފުށީގެ ވޭސްޓް ޓު އެނަރޖީ ޕްލާންޓް 2028 ގެ ނިޔަލަށް އޮޕަރޭޝަނަށް ގެނައުމުގެ އަމާޒު!
ގަޑިއިރެއް ކުރިން

ސިފައިންގެ 74 ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
ގަޑިއިރެއް ކުރިން

ކުޑަ އިންޓްރެސްޓެއްގައި ހައުސިންގ ލޯނުދޫކުރަން ސަރުކާރުން ނިންމައިފި
2 ގަޑިއިރު ކުރިން


