logo

ތިލަފުށީގެ ވޭސްޓް ޓު އެނަރޖީ ޕްލާންޓް 2028 ގެ ނިޔަލަށް އޮޕަރޭޝަނަށް ގެނައުމުގެ އަމާޒު!

profile

އާމިނަތު ޝަޒްލާ - 25 ސެޕްޓެމްބަރު 2026 - 12:28

ކ. ތިލަފުށީގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ 'ވޭސްޓް ޓު އެނަރޖީ' (ކުނިން ހަކަތަ އުފައްދާ) ޕްލާންޓުގެ ޢަމަލީ މަސައްކަތްތައް ނިންމައި، 2028 ވަނަ އަހަރުގެ ނިޔަލަށް އެތަން އޮޕަރޭޝަނަށް ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހާމަކޮށްފިއެވެ.

https://wamco.com.mv/

މީޑިއާއަކަށް މަޢުލޫމާތު ދެއްވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް، އަޙްމަދު މުރުތަޟާ ވިދާޅުވީ، މި މަޝްރޫޢަށް ޚާއްޞަކޮށްގެން ތިލަފުށިން ވަކި ސަރަޙައްދެއް ހިއްކައި، މިހާރު އެ ސަރަޙައްދުގައި ކުރިއަށްދަނީ ކޮންސްޓްރަކްޝަންގެ ޢަމަލީ މަސައްކަތްތައް ކަމަށެވެ. އަދި މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްގޮސް، 2028 ވަނަ އަހަރުގެ ނިޔަލަށް އެ ޕްލާންޓުގެ ޚިދުމަތް ރަސްމީކޮށް ފެށިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބިލްޑް އެންޑް އޮޕަރޭޓް (ޑިޒައިންކޮށް، އަޅައި އަދި ހިންގާ) އުސޫލުން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)، ޖަޕާނުގެ ޖޭސީއެމް ފަންޑު އަދި ދިވެހި ސަރުކާރުގެ ބައިވެރިވުމާއި ޚަރަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މާލެ ސަރަޙައްދާއި އަދި ކައިރި ރަށްތަކާއި ރިޒޯޓުތަކުން އުފެދޭ ކުނި މެނޭޖްކުރުމުގައި ޒަމާނުއްސުރެ ދިމާވެފައިވާ ގޮންޖެހުންތަކަށް މި މަޝްރޫޢުގެ ސަބަބުން ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ. 1990 ގެ އަހަރުތަކުން ފެށިގެން ތިލަފުއްޓަށް ކުނި އަޅަމުން އައި ނަމަވެސް، އެކަށީގެންވާ ރައްކާތެރި ނިޒާމެއް ނެތުމުގެ ސަބަބުން ކުނި އެންދުމާއި، ވިހަ ދުމުގެ ސަބަބުން ތިމާވެއްޓަށާއި ޢާންމު ޞިއްޙަތަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދިޔައެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި ތިލަފުށީގައި ކުނި އެންދުން ހުއްޓުވައި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް ސަރުކާރުން ވަނީ ބޮޑެތި މަސައްކަތްތަކެއް ފަށާފައެވެ.

ސަރުކާރުގެ ތިމާވެށީގެ ސިޔާސަތުގެ ދަށުން މި މަޝްރޫޢު ނިމިގެންދާއިރު، ތިލަފުށީގައި ޤާއިމުކުރެވޭ ޒަމާނީ ފެސިލިޓީން ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި ޕްރޮސެސްކޮށް، އޭގެއިން އިޔާދަކުރަނިވި ހަކަތަ (ކަރަންޓު) އުފެއްދިގެންދާނެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ތިމާވެށި ރައްކާތެރިކުރުމަށާއި، ކުނިން ހަކަތަ އުފެއްދުމަށް ހިންގޭ އެންމެ ބޮޑު އަދި އެންމެ އިންޤިލާބީ މަޝްރޫޢެވެ.

https://wamco.com.mv/
tel:+9607331319