logo

ބިދޭސީން އުޅޭ ތަންތަން ބަލާ ފާސްކުރަން ފަށައިފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 11 ސެޕްޓެމްބަރު 2024 - 11:47

އިމިގްރޭޝަނުން ހިންގާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން (ފޮޓޯ: އިމިގްރޭޝަން)

އިމިގްރޭޝަނުން ހިންގާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން (ފޮޓޯ: އިމިގްރޭޝަން)

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި އެ މީހުން އާއްމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލާ ފާސްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

އިއްޔެ ފެށި އެ އޮޕަރޭޝަންގައި މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި އާއްމު ރައްކާތެރިކަމެއް ނެތި ދިރިއުޅެމުންދާ ތަންތަން ބަލާ ފާސްކުރާނެ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އެފަދަ ތަންތަން ކުއްޔަށް ދީފައިވާ ފަރާތްތަކާ މެދު ވެސް ފިޔަވަޅު އެޅޭނެ ކަމަށް ބުނެފައި ވެއެވެ.

އެ އޮޕަރޭޝަނުގައި މާލޭގެ 3 ގެއެއް ބަލާ ފާސްކޮށް، 13 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ.

އިމިގްރޭޝަނުން ބުނީ، އެ އޮޕަރޭޝަން ފަށާފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް އއާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމުގެ މަތިން ކަމަށެވެ.

އިމިގްރޭޝަންގެ މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާއްމު ސިއްހަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުން ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

tel:+9607331319