logo
 ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް

ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް

ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އިންސާނީ ވަސީލަތްތައް ތަރައްގީކުރުން މުހިންމު: މިނިސްޓަރ ޒަމީރު

profile

އައިޝަތު އިބްރާހިމް - 15 ޖޫން 2025 - 06:49

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަރުދަނާކުރުމަށްޓަކައި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ މުހިންމުކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ބާސެލޯ ނަސަންދުރާ މާލެ ހޮޓަލުގައި ބޭއްވި ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެ ދުނިޔޭގެ ފާހަގަކޮށްލެވޭ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމުގައި މި ދާއިރާގެ ޕްރޮފެޝަނަލުންގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ އިންވެސްޓްމަންޓްތަކަށް ހުޅުވާލެވިފައިވާކަން ވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ފަތުރުވެރިކަމަކީ އަޅުގަނޑުމެންގެ އިގްތިސާދުގެ މައިގަނޑު ބިންގާ. ނަމަވެސް މި ސިނާއަތު ދެމެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މީހުންގެ މުހިންމުކަން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ،" މިނިސްޓަރު ޒަމީރު

މިނިސްޓަރުގެ ވާހަކަފުޅުގައި، މިއީ ހަމައެކަނި އާމްދަނީ ހޯދުމުގެ ވަސީލަތެއް ނޫން ކަމަށާއި، ރާއްޖޭގެ ރިސޯޓުތަކާއި ހޮޓާތަކުގައި ކޮންމެ ދުވަހަކު ގެސްޓުންނަށް ޚިދުމަތް ފޯރުކޮށްދޭ މުވައްޒަފުންގެ މައްޗަށް ބިނާވެފައިވާ އިންސާނީ މަސައްކަތެއް ކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އިންފްރާސްޓްރަކްޗަރ އާއި ޑިޒައިން މުހިންމު ނަމަވެސް، މެހެމާނުންނަށް ލިބޭ ތަޖުރިބާ ހަޤީޤަތުގައި ކަނޑައަޅަނީ މުވައްޒަފުންގެ ހުނަރާއި، ޘަޤާފަތާއި، ލީޑަޝިޕް ކަމަށެވެ.ޚާއްޞަކޮށް ޒުވާނުންނާއި އަންހެނުންނަށް މި ދާއިރާގައި ދިގު މުއްދަތުގެ ވަޒީފާތައް އަދާކުރުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުގެ ސިޔާސަތުތައް އަމާޒުކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކަކީ ޕްރޮފެޝަނަލް، ފައިދާހުރި އަދި ފުރުސަތުތަކުން ފުރިގެންވާ ވަޒީފާތަކެއްކަން ކަށަވަރުކުރުމަށް. ނަމަވެސް މިކަން އަޅުގަނޑުމެންނަށް އެކަނި ނުކުރެވޭނެ. އަޅުގަނޑުމެންނަށް ބޭނުންވަނީ ތަމްރީނު، މެންޓަޝިޕް އަދި މަސައްކަތުގެ ރަނގަޅު މާހައުލުތަކަށް ކުރާ އިންވެސްޓްމަންޓް،" މިނިސްޓަރު ޒަމީރު

އެ ގޮތުން ސަރުކާރުން މަސައްކަތް ކުރަނީ އަމިއްލަ ވިޔަފާރިތަކަށް ކުރިއެރޭނެ، އަދި ގިނަ ފުރުސަތުތައް ލިބޭނެފަދަ ފަހި މާހައުލެއް ގެނެސްދޭން ކަމަށާއި، އެ ކަމަށްޓަކައި ވިޔަފާރިވެރިންގެ އިންވެސްޓްމަންޓު މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025 އަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި މަޤްބޫލު ހޮސްޕިޓަލިޓީ މަޖައްލާ ކަމަށްވާ ހޮޓެލިއާ މޯލްޑިވްސްއިން ދޭ އެވޯޑެކެވެ. މި އަހަރުގެ އެވޯޑަށް 450އަށް ވުރެ ގިނަ ފަރާތުގެ ހުށަހެޅުން ލިބިފައިވެއެވެ.

ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) ގެ ޓައިޓަލް ސްޕޮންސަރުގެ ދަށުން ބޭއްވުނު މި ހަފްލާގައި ދިރާގު، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ، އެލިއާ އިންވެސްޓްމަންޓްސް، މެޓަލްސައިންސް، ސްޓޯމް އިވެންޓްސް/ތިންކް މޯލްޑިވްސް، މޯލްޑިވްސް ޓީވީ، މޯލްޑިވްސް އިންސައިޑާ، އޫފީ، އިކިބާނާ މޯލްޑިވްސް އަދި ލައިޓްސްއައުޓް ސްޓޫޑިއޯސް އިން ސްޕޮންސަރކޮށް އަދި ޕާޓްނަރުންގެ ގޮތުގައި ބައިވެރިވިއެވެ.

ހޮޓެލިއާ މޯލްޑިވްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ކުރިއަރާފައިވާ ބީ2ބީ ބްރޭންޑެވެ. ޕްރިންޓް އަދި އޮންލައިން މީޑިއާގައި ލިބެން ހުންނަ މި ބްރޭންޑުން އެކިއެކި ހަރަކާތްތައް ބާއްވައެވެ. އޭގެ ތެރޭގައި ކޮންމެ އަހަރަކު ބާއްވާ ޖީއެމް ފޯރަމް އަދި ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ހިމެނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay