
އަލް ނަސްރުގެ ކެޕްޓަން ރޮނާލްޑޯ އާއި މިޑްފީލްޑަރު ބްރޮޒަވިޗް ކަވަސާކީ އާއި ދެކޮޅަށް ކުޅެނީ
ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި އަލް ނަސްރު ޗެންޕިއަންސް ލީގުން ކަޓައިފި

ހަސަން ޝަމްއޫން - 01 މޭ 2025 - 04:15
އޭއެފްސީ ޗެންޕިއަންސް ލީގު ސެމީފައިނަލްގެ ދެވަނަ މެޗުގައި ބުދަ ދުވަހުގެ ރޭ ޖަޕާނު ކަވަސާކީ ފްރޮންޓެއިލް އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެ ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރު މުބާރާތުން ކަޓައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުން އަލް ނަސްރު ޖާގަހޯދީ ކުއާޓާ ފައިނަލުގައި 4-1 ގެ ނަތީޖާއަކުން ޖަޕާނު ޔޮކަހާމާ ބަލިކުރުމަށްފަހު އެވެ. އަދި ކަވަސާކީ ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގައި ޤަތަރު އަލް ސާދު 3-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ އަލް ނަސްރުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ކަވަސާކީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޓަޓްސޫޔާ އިޓޯ އެވެ.
އަލް ނަސްރުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ސަޑިއޯ މާނޭ އެވެ. އަދި މެޗުގެ 34 ވަނަ މިނެޓުގައި އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނަލްޑޯ ބޮލުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، ފުރަތަަމަ ހާފުގެ 41 ވަނަ މިނެޓުގައި ކަވަސާކީ އިން ވަނީ ލަނޑެއް އިތުރު ލަނޑެއް ކާމިޔާބުކޮށް އަލުން މެޗުގެ ލީޑު ހޯދާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޔުޓޯ އޮޒެކީ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ކަވަސާކީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އަލް ނަސްރުން މެޗު ޑޮމިނޭޓްކުރި ނަމަވެސް ފަހުހާފުގެ 76 ވަނަ މިނެޓުގައި ކަވަސާކީ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް މިޑްފީލްޑަރު އަކިހީރޯ އައިނާގާ އެވެ.
އަލް ނަސްރުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފަހުހާފުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ފޯވާޑް އައިމަން ޔަހުޔާ އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ވަރަށް ހުސް ދެ ފުރުސަތެއް ލިބި ބޭނުން ކުރެވޭގޮތް ނުވެފައެވެ.
މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ކަވަސާކީ ކުރީގައި އޮވެގެންނެވެ. އަދި މުބާރާތުގެ ފައިނަލުގައި މެއި ތިންވަނަ ދުވަހު އެޓީމުން ނުކުންނާނީ ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް އަހްލީ އާއި ދެކޮޅަށެވެ. އަލް އަހްލީ ފައިނަލުން ޖާގަހޯދީ ސެމީގެ ފުރަތަމަ މެޗުަގއި 3-1 ގެ ނަތީޖާއަކުން އަލް ހިލާލް ބަލިކުރުމަށްފަހު އެވެ.
ގުޅުން ހުރި ޙަބަރުތައް

ބާކީ ހަތަރު މެޗު އޮއްވައި ލިވަޕޫލުން ލީގު ޗެންޕިއަންކަން ކަށަވަރުކޮށްފި
21 ދުވަސް ކުރިން

ފޮރެސްޓް ބަލިކޮށް މެންޗެސްޓާ ސިޓީ އެފްއޭކަޕް ފައިނަލުން ޖާގަ ހޯދައިފި
21 ދުވަސް ކުރިން

ރަށުން ބޭރުގައި ޕީއެސްޖީ އިން އާސެނަލް ބަލިކޮށްފި
19 ދުވަސް ކުރިން

ވައިޓްކެޕްސް އަތުން ބަލިވެ އިންޓަ މިއާމީ ކޮންކަކާފް ޗެމްޕިއަންސް ކަޕުން ކަޓައިފި
17 ދުވަސް ކުރިން